އުމުރުން 7 އަހަރުގެ ޖައްނަތު ނަމަކަށް ކިޔާ މި ކުއްޖާއަކީ ގްރޭޑް 3 ގައި ތައުލީމު ހާސިލް ކުރަމުން އަންނަ ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވާ ކުއްޖެކެވެ. އެ ކުއްޖާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ފިލްމު ނުވަތަ ލަވައެއް ކިޔައިގެނެއް ނޫނެވެ.

ޖައްނަތު އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ އުމުރުން 5 އަހަރުން ފެށިގެން އިންޑިއާގެ ކޯރެއް ކަމަށްވާ "ޑާލް ލޭކް" ސާފު ކުރަން ފަށާފައިވާތީއެވެ.

މީގެ 2 އަހަރު ކުރިން ނަގާފައިވާ ވީޑިއޯއްގައި ޖައްނަތު ވަނީ އޭނާގެ އުމުރުގެ ކުދިން ކައިރީ ބޯޓުތަކަށް އަރައި އޭނާއާއި އެކީ ކޯރު ސާފު ކުރުމަށް އައުމަށް އެދިފައެވެ.

ޑާލް ކޯރު ވަނީ އާންމުގެ ގިނަ ބަޔަކު ކުނި އެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ހަޑިވެފައެވެ. މީގެ އިތުރުންވެސް ހެދޭ ގަސްތަކުގެ ސަބަބުން ކޯރުގެ ރީތިކަން ވަނީ ގެއްލިފައެވެ. މިކަމަށް ހައްލު ހޯދައި ދިނުމަށް ޖައްނަތު ފެށި މަސައްކަތުގެ ވާހަކަ އިންޑިއާގެ ވާހަކަ ފޮތެއްގައި ވަނީ ލިޔެވިފައެވެ.

"މިކަން ކުރަން ހިތްވަރު ލިބުނީ ބައްޕަގެ ފަރާތުން" ޖައްނަތު ބުންޏެވެ.

ޖައްނަތުގެ ބައްޕަ ބުނީ، އޭނާއަށް އައީ ފޯނު ކޯލެއް ކަމަށާއި، ހައިދްރަބާދްގައި އުޅޭ އޭނާގެ ރައްޓެއްސަކު ގުޅާފައި އޭނާގެ ދަރިފުޅުގެ ވާހަކަ ސްކޫލް ފޮތުގައި ހިމެނިފައިވާ ވާހަކަ ބުނި ކަމަށެވެ. އޭނާ ބުނީ އެވަގުތަކީ އޭނާއަށް އުފަލުން ރޮވުނު ވަގުތެއް ކަމަށެވެ.

ޖައްނަތުގެ މި މަސައްކަތް ބަލައިގަނެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އޭނާ އަށް ތައުރީފު ކޮށްފައެވެ.

ޑާލް ކޯރަކީ އިންޑިއާގެ ޖައްމު އަދި ކަޝްމީރަށް އަންނަ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ އެއްތަނެވެ. އެހެން ކަމުން އެތަނުގެ ރީތިކަން ދެމެހެއްޓުމަށް ޖައްނަތު ވަނީ އަޒުމް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު