އިޓަލީގެ ޕްރޮވިންސެއް ކަމަށްވާ ޓްރެންޓީނޯގައި މަރަން "ހުކުމް ކޮށްފައިވާ" ސާރިދޯޅެއްގެ ދިފާއުގައި ގިނަ ބަޔަކު ތެދުވެ އެ ނިންމުމާއި ގުޅިގެން ނުރުހުންވުން ފާޅުކުރަން ފަށައިފިއެވެ.

ނޫސްތައް ބުނާގޮތުން މި ސާރިދޯޅު މަރަން އަންގާފައި ވަނީ ޓްރެންޓީނޯގެ ގަވަރުނަރު، މައުރީޒިއޯ ފުގަޓީއެވެ. އޭނާ އިދާރާތަކަށް މި އަމުރު ކޮށްފައި ވަނީ، އެ ޕްރޮވިންސުގައި އުޅުނު ދެ މީހަކަށް ސާރިދޯޅު ހަމަލާދިން ހާދިސާ އަކާއި ގުޅިގެންނެވެ.

މި ސާރިދޯޅު މަރަން އެންގުމާއެކު، ޓްރެންޓީނިއޯގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ އޭގެ ޑީއެންއޭ ނަގައިގެން އެސޮރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސާރިދޯޅުގެ ޑީއެންއޭ ނަގާފައިވަނީ އޭގެ ޝިކާރައަކަށްވި މީހާގެ ގައިންނެވެ.

މިދިޔަ ހަފްތާގައި ހިނގި ހާދިސާގައި ސާރިދޯޅު ހަމަލާ ދީފައިވަނީ އުމުރުން 28 އަހަރުގެ ޒުވާނަކަށާއި އޭނާގެ އުމުރުން ދުވަސްވީ ބައްޕައަށެވެ. މި ހާދިސާގައި ބޮޑަށް އަނިޔާވެފައި ވަނީ އުމުރުން ދުވަސްވީ މީހާއަށެވެ. ސާރިދޯޅު އޭނާއަށް ހަމަލާދިނީ، ދަރިފުޅު ސަލާމަތް ކުރުމަށްޓަކައި އޭނާ އޭގެ ގައިގައި ހިފުމުންނެވެ.

މި ހާދިސާގައި އެ ފިރިހެންމީހާގެ ފައިގެ ތިން ތަނަކުން ބިންދައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަނުގައި ވަކި އެޅި ވަރަށް ބޮޑަށް ޒަޚަމްވެފައި ވެއެވެ.

މި ހާދިސާއަށްފަހު ސާރިދޯޅު ހޯދައި މެރުމަށް ޓްރެންޓީނިއޯގެ ގަވަރުނަރު އެންގުމާއި ގުޅިގެން އެ އެންގުން އަނބުރާ ގެންދިއުމަށް އެންމެ ފުރަތަމަ ގޮވާލާފައިވަނީ އިޓަލީގެ ޖަނަވާރުތަކުގެ ހައްގު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއަކުންނެވެ. އެ ޖަމިއްޔާއިން މި އަމުރާއި ދެކޮޅު ހެދުމުގެ ގޮތުން ޕެޓިޝަނެއްވެސް އެކުލަވާލާފައި ވާއިރު، މި ޕެޓިޝަންގައި މިހާރު ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

ޖަމިއްޔާއިން ވަނީ ސާރިދޯޅު މަރާލުމުގެ ކުރީން އެ ދެމީހުންނަށް ހަމަލާދިން ހާދިސާ ތަހުގީގުކޮށް އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ގޮވާލާފައެވެ. އެގޮތުން ސާރިދޯޅު އެމީހުންނަށް ހަމަލާދިނީ އެސޮރަށް ގޯނާ ކުރުމުންތޯ ބަލަން ޖެހޭ ކަމަށްވެސް ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް އިޓަލީގެ އެންވާރަމަންޓް މިނިސްޓަރ، ސާޖިއޯ ކޯސްޓާ ވެސް ވަނީ ސާރިދޯޅު މަރާލުމާއި ދެކޮޅުކަން ހާމަކުރައްވާފައެވެ. މިކަން ހާމަކޮށް ލިޔުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ، ޖަނަވާރުތައް މަރާލުމުގެ ބަދަލުގައި ނުރައްކާތެރި ހާދިސާތައް މަދު ކުރުމަށް އެޅޭނެ އެހެން ފިޔަވަޅުތައް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    މިޒަމާނުގި އިންސާނުންގެ ފުރާނަޔަށްވުރެ ޖަނަވާރުންގެ ފުރާނަ މާ މުހިންމު ޖަނަވާރުންނަށްވެސް އޭތި އިންސަނުންނަށް ހަމަލާއެއް ނުދޭހާހިނދަކު ނުވަތަ އޭގެފަރާތުން ނުރައްކަލެއް ކުރިމަތި ނުވަންޏާ އަނިޔާކޮށްގެން ނުވާނެ ،

    7
    1