ސިޑްނީއަށް ނިސްބަތްވާ އަންހެނަކު އޭނާގެ 30 ވަނަ އުފަން ދުވަހު ދިމާވި ހިތްފަޅައިގެންދާ ވަރުގެ ހާދިސާއެއް މި ވަނީ ހިއްސާކޮށްފައެވެ. އެންމެންވެސް އުފަން ދުވަހު އުފާވާ ބީދައިން، އޭނާވެސް 30 އަހަރު ފުރުނީތީ އުފާވާނެ އެވެ. އެހެން ނަމަވެސް އެދުވަސް އޭނާއަށްވީ އެއްވެސް ވަރަަކަށް އުފާވެރި ދުވަަހަކަށް ނޫނެވެ. އޭނާ ހޭލިއިރު، އޭނާގެ އެއް އަހަރުގެ ދަރިފުޅު އޮތީ މަރުވެފައެވެ.

ޖޫން 17 ވަނަ ދުވަހު ހިނގާދިޔަ އެ ހާދިސާގެ ވާހަކަތައް ބޭރުގެ މީޑީއާތަކަށް މި ވަނީ ތިލަވެފައެވެ. އެލީ ވިލްކިންސަން ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ ލޯލާގެ މަންމަ ބުނީ، އެ ދުވަހު ހެނދުނު ހޭލިއިރު، އެ ދަރިފުޅު ފެނުނީ ބޯ ވަތަށް ޖަހައިގެން އޮތް ތަން ކަމަށެވެ.

ދަރިފުޅު މަރުވާން މެދުވެރިވި ސަބަބު އަދިވެސް އޭނާގެ މަންމައަށް ނޭނގެއެވެ. އޭނާއަށް ދަރިފުޅު މަރުވިކަން އެނގުނީވެސް އެހެން ދުވަހަށްވުރެ ގިނައިރު ނިދާފައި އޮތީތީ ބެލުމުންނެވެ.

އެލީގެ ގާތް އެކުވެރިއެއް ކަމަށްވާ ކްލޯއީ ބުނީ، އެލީ އޭނާގެ އެންމެ ހަގު ދަރިފުޅު ނެގިއިރުވެސް ދަރިފުޅުގެ ހަށިގަނޑުގެ ކުލަ ހުރީ ތަފާތުކޮށް ކަމަށެވެ. އަދި ހޮޑުކޮޅެއް ދަރިފުޅު އޮތްތާ ކައިރިން ފެނުނު ކަމަށް އޭނާ ބުނެފައި ވެއެވެ.

އަަދި ވަގުތުން އެލީގެ އަށް އަހަރުގެ ފިރިހެން ދަރިފުޅު އަވައްޓެރިންގެ އެހީތެރިކަން ހޯދަން ދިޔައެވެ. އަދި އަވައްޓެރިން އައިސް އެ ކުއްޖާއަށް އެހީވުމަށް މަސައްކަތް ކުރިއެވެ.

އެހެން ނަަމަވެސް އެތަނުގައި އެ ކުއްޖާ މަރުވެއްޖެކަމަށް ޕެރަމެޑިކްސްއިން ވަނީ ބުނެފައެވެ. އެކަމާއި މުޅި އާއިލާ ތިބީ ހިތްފަޅައިގެން ގޮސްފައެވެ. އަދި ދައްކާނެ ބުނާނެ ވާހަކަވެސް ނެތް ކަމަށް ކްލޯއީ ބުނެފައި ވެއެވެ.

މީގެ ކުރިން ލޯލާގެ ފަރާތުން ބަލިވެ އުޅޭ ކަހަލަ އެއްވެސް ނިޝާނެއްވެސް ފެންނަން ނެތް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ކުރިން އޭނާ ބޭބެ އާއި މަންމަ އަދި ކްލޯއީއާއެކު ޕާކަށްވެސް ގޮސް ކުޅެ ހަދާފައިވާ ކަމަށްވެސް ވެއެވެ.

"އޭނާ އެ ދުވަހުވެސް ހުރީ ވަރަށް އުފާވެރިކޮށް ޕާކުގައި ކުޅެވެސް ހެދި". ކްލޯއީ ޔާހޫ ނިއުސް އޮސްޓްރޭލިއަށް ބުންޏެވެ.

ލޯލާ މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ލަންގްސް ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށް ވެއެވެ.

ލޯލާ މަރުވެފައި ވަނީ އޭނާއަށް ދެ އަަހަރު ފުރެން 12 ދުވަހަށް ވެފައި ވަނިކޮށެވެ.