"ކަލޭގެ ފަރާތުން އެހެން އެއްވެސް އަންހެނަކަށް އަނިޔާ ނުދެވޭ ވަރުގެ އަދަބެއް ދޭނަން." ނަވީލް ދަތްތަކަށް ބާރުލަމުން ބުންޏެވެ. "މީތިގަނޑު ބުޑު ދަށުން ބުރިކޮށްލަންވީ. އެއީ ކަލޭ ކަހަލަ މުޅޯއިންނަށް އޮތް އަދަބަކީ."

ޝިހާމްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. އެހެނަސް ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ނަވީލަށް އެކަން ކުރާކަށް ނުކެރޭނޭ ވެސް ބުނަމުން ދިޔައެވެ.

ޝިހާމް އިޚްތިޔާރުކުރީ ހިމޭންކަމެވެ. ނަވީލްގެ އަތުގައި އޮތް ކަތުރު ކުޑަކޮށް ހުޅުވައިލުމަށްފަހު ޝިހާމްގެ ބޮކްސާމަތިން ތުނޑު ވިއްދައި ބާރުކޮށްލިއެވެ. ކަތުރު ޖައްސައިފައި ހުރި ހިސާބުގެ ސަބަބުން ޝިހާމްގެ ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ބިރުވެރިކަމާއި ހާސްކަމުން ނަފުސުވަނީ ހިޞާރުވެފައެވެ. އެވަރުން ވެސް އޭނާ ބަހެއް ނުކިޔައި ހިމޭނުން ހުރީއެވެ. ނަވީލް އެހާ އަނިޔާވެރިވެދާނެ ކަމަކަށް ޝިހާމްގެ ހިތެއް އެއްބަހެއް ނުވެއެވެ. ނަވީލް އިތުރަށް ވިސްނާކަށް ނުހަދައެވެ. ކުއްލިއަކަށް ނުހަނު ބާރަށް ކަތުރު ލައްޕައިލައިފިއެވެ. އެޔާއެކު އަރައިގަތް ދިލައިގެ ސަބަބުން ޝިހާމަށް ހަޅޭލަވައިގަނެވިއްޖެއެވެ. ކަތުރުގެ ތުނޑު ޖެހިފައިހުރި ހިސާބުން ތަންކޮޅެއް ކަނޑައިގެން ދިޔައީއެވެ. ޝިހާމް ގަތް ބިރެއްގެ ސަބަބުން ތުރުތުރު އަޅަންފަށައިފިއެވެ.

"ދެން ތި ޖަނަވާރަކަށް އިތުރު ފުރުސަތެއް ނުދޭނަން." ނަވީލް ހަޅޭލަވައިގަތް އަޑަށް ޝިހާމް ދިޔައީ ސިއްސައިގެންނެވެ. "ކަލެޔަށް އޮތީ ދެގޮތް. ރީޝާ ވަރިކުރުން. ނޫނީ ކަލޭގެ މުސްތަޤުބަލު ތި މުޑުދާރު ހަށިގަނޑާ ވަކިކުރުން. މަ ޖެހިލުމެއްނުވޭ ކަލެޔަށް އެފަދަ އަނިޔާއެއްދޭކަށް. ތި ކަހަލަ ވަހުޝީ އެއްޗެހިންނަށް ހަދަންޖެހޭނެ ގޮތް އެއީ. އެކަމަކު ކަލެޔަށް އެއް ފުރުޞަތު މިދެނީ. ފަހުފަހަރަށް މި ބުނަނީ ރީޝާ ވަރިކުރޭ." ނަވީލު އަމުރުކުރިއެވެ.

ނަވީލް އަނެއްކާ ވެސް ކަތުރު ތުނޑު ޖައްސައި އޮބައިލައިފިއެވެ. މިފަހަރު ވެސް ތަންކޮޅެއް ކެނޑުނުކަން ޝިހާމަށް އިޙްސާސްވިއެވެ. އޭނާއަށް ވަގުތުން ރޮވިއްޖެއެވެ.

"ހެޔޮނުވާނެ މަށަށް ތިހެން ނުހަދާ." ޝިހާމް ރޮމުންރޮމުން ބުންޏެވެ. "ކަލޭ ބޭނުންވަރަކަށް ފައިސާ..."

ނަވީލް ކުއްލިއަކަށް ޝިހާމްގެ އަނގައިގައި ހިފައި ބާރަށް ފިތައިލިއެވެ.

"ބޭކާރު އަނގަނުގަޅާ.. މި ކަތުރު ދެލޮލަށް ގަޅާލަފާނަން." ކަތުރު މޫނާ ދިމާއަށް ދިއްކުރަމުން ނަވީލް ފެލިގަތެވެ. "ފައިސާއިން ހުރިހާ ކަމެއް ހަމަޖައްސަން ތެޅޭނެކަމެއްނެތް. އާދޭސް ކުރާނެކަމެއް ވެސް ނެތް. މަ ހިތަކަށް ރަހުމެއް ނުވަންނާނެ. އެ ކުޑަކުޑަ ކުއްޖާ ކިތައް ފަހަރަށް ތިގޮތަށް ރޮއެ އާދޭސްކުރިތަ؟ އެ ކުއްޖާގެ ގައިގައި ނެތޭ ތިޔަ ޖަނަވާރު ނޮޅައިގެން ކައިނުލާ އެންމެ ތަންފުކެއް ވެސް. ތި މައްލޫނުގެ ކަންފަތަށް އަޑު އިވުނުތަ؟ އެހެންވީމަ މަށަކަށް ވެސް އަޑެއް ނީވޭނެ. ކަލޭ ރީޝާ ވަރިކުރާނީތަ؟ ނޫނީ...."

"ވަރިކޮށްފިން. މަ ރީޝާ ވަރިކޮށްފިން. ވަރިކޮށްފިން." ނަވީލް ކަތުރު ޖައްސައިލުމާއެކު ޝިހާމް ކުއްލިއަކަށް ބުނެލިއެވެ.

ޝިހާމަށް ބިރު ދައްކައިގެން ނަވީލް ޙާސިލުކުރަން ބޭނުންވި މަޤްޞަދު ޙާޞިލްވީއެވެ. އެކަންވުމާއެކު އޭނާ ގޮށްމުއްކަވާފައި ޝިހާމްގެ އަނގަމަތީގައި ޖެހިއެވެ. ޝިހާމްގެ އަނގައިން އާޚްގެ އަޑު ނުކުމެގެން ދިޔައެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭތައް އޮހިގަތެވެ. ނަވީލް ދުރަށް ޖެހިލިއެވެ. ޝިހާމް އޮބި އަޅައިގެން ހުރި އަކްޝަމް ވެސް ދުރަށްޖެހިލިއެވެ. ޝިހާމް އެއްއަތް އަނގަމަތީގައި ޖައްސައިލެވުނުއިރު އަނެއް އަތުން ހިފަހައްޓައިލެވުނީ ބޮކްސާގައެވެ. ކަނޑައިގެން ދިޔަ ތަންތަނުގެ ދިލައިގެ އަސަރު ޝިހާމަށް އިޙްސާސްވަމުން ދިޔައީ ވަރަށް ކުޑަކޮށްނެވެ. އަނދިރިކަމުން ތަނެއްދޮރެއް ނޭނގުނު ނަމަވެސް އެހާ ފުނަށް ކަނޑައިގެން ނުދާކަށް ޝިހާމަށް އެނގުނެވެ.

"ކަލޭގެ ނަސީބު މަމީ ކަލޭ ކަހަލަ އަނިޔާވެރިޔަކަށް ނުވިކަން." ނަވީލް ބުންޏެވެ. "އެހެން ނޫންނަމަ ތި ހައިވާނު މަރާލައިފަ މިތާ ވަޅުލާނެ ރެޔެއް މީ. އެކަކަށް އެކައްޗެއް ވެސް ނޭނގޭނެ. އެކަމަކު މަ ނޫޅޭން ކަލެޔާ އެއް ދަރަޖައަކަށް ވެއްޓޭކަށް. މަ ކަލެޔަށް ދޭން ބޭނުންވަނީ ޤާނޫނުގައި އޮންނަ އަދަބެއް. އެ އަދަބު ކަލެޔަށް ލިބޭނެ. ކަލޭގެ މުއްސަނދިކަމުގެ ނުފޫޒުގައި މިކަން ހިންދައިލަން ތި ކުރާ މަސައްކަތް ވެސް ނާކާމިޔާބު ކޮށްފަ ކަލޭ މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނަން. އެންމެން ކުރިމަތީ ލަދުގަންނުވާ ފަޟީޙަތްކުރުވާނަން. ރައްކާވޭ މިތަނުން."

ނަވީލަށް ބަލަމުން ޝިހާމް މަޑުމަޑުން ތިރިވިއެވެ. ބިންމަތީގައި އޮތް އޭނާގެ ސޯޓުގައި ހިފައިލުމާއެކު ނަވީލް ފުންމައިގެން އައިސް ސޯޓު ޖަހައިގަތެވެ.

"ކަލޭ ރަށުތެރެއަށް އަރައިގެން ދާންޖެހޭނީ ތި ބޮކްސާ ގަނޑުގައި." އަމުރުވެރި ރާގަކަށް ނަވީލް ބުންޏެވެ.

"ތި ސޯޓު ދީ." ޝިހާމް ނުތަނަވަސްވެފައި ހުރެ ބުންޏެވެ. "މި ހުރިގޮތަށް. މި ގޮތަށް ދާން."

"އައްދެ. މި ލަދުގަންނަން ވެސް އެނގޭ ގޮލައެއްތަ؟" އަކްޝަމް ހިނިގަނޑެއް ޖައިލަމުން ބުނެލިއެވެ.

"ލަދު ގަންނަންޖެހޭ ކަންތަކާ ލަދެއް ނުގަތެއްނު." މަލާމާތުގެ ރާގަކަށް ނަވީލް ބުންޏެވެ. "އަހަރުމެން ބޭނުންވަނީ ވެސް ކަލޭ ލަދުގަންނުވަން. ރައްކާވޭ މިތަނުން. ނޫނީ ތި ބޮކްސާގަނޑު ވެސް ބާލުވަން ޖެހިދާނެ. އޭރަށް މާ ލަދުވެތި މަންޒަރެއް ފެންނާނީ."

"ފޯނު." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ޝިހާމް ބުނެލިއެވެ. ޝިހާމް އުންމީދުކުރި ގޮތާއި ޚިލާފަށް ނަވީލް އެކަމަށް އެއްބަސްވިއެވެ. ސޯޓުގެ ޖީބުގައި އޮތް ފޯނު ނަވީލް ނެގިއެވެ.

"މިހާރު ގަޑިން 11:05" ފޯނުގެ ސްކްރީނަށް ބަލަމުން ނަވީލް ބުންޏެވެ. "ކަލެޔަށް ލިބޭނީ އެންމެ މިނެޓެއް. އެއް މިނިޓު ފަހުން ކަލޭގެ ހިޔަނި ފެނުނަސް ފޯނު އަތުލައި، އޮރިޔާން ވެސް ކުރުވާނަން. މަގޭ ލޯ މަތިން ފެއްސިގެންދޭ."

ޝިހާމްގެ ފައިބުޑަށް ނަވީލް ފޯނު އެއްލައިލިއެވެ. ޝިހާމް ފޯނު ނެގިއެވެ. އަދި ފަސްއެނބުރި ބަލަމުން ހިނގައިގެންފިއެވެ. ވަކި ހިސާބަކުން އެ ހިނގުން ބަދަލުވީ ދުވުމަކަށެވެ. އަކްޝަމް ގާތަށް ހިނިއައެވެ. އެހެނަސް ނަވީލް ހުރީ ސަމާސާގައި ބައިވެރިވާ ކަހަލަ މޫޑެއްގައެއް ނޫނެވެ. ޝިހާމަށް ދެވުނު އަނިޔާއާއި ބިރުގެންނެވުނުވަރު އަދިވެސް ނަވީލަށް ކުޑައެވެ. އެހެނަސް ޝިހާމަށް އެ ދެވުނު ކުޑަކުޑަ އަނިޔާއިން ވެސް އޭނާގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބިފައިވެއެވެ.

"މަ ނަމަ ފޯނުވެސް ނުދޭނަން." އަކްޝަމް ބުންޏެވެ. "ފުއްޕާފަ އުޅުނެއްކަމަކު ބިރުވެސް ގަންނަ އެއްޗެއް. އަސްލު އޮރިންޔާން ވެސް ކުރުވާފަ ފޮނުވައިލަން ޖެހޭނީ. ލަދު ގަންނުވަންޖެހޭނެ އެކަހަލަ ޝައިޠާނުން."

"އެއީ އެ ޝައިޠާނު ފަޟީޙަތްކުރުމަށް ރޭވިފައި އޮތް ގޮތް." ނަވީލް ދިނީ ކުރު ޖަވާބެކެވެ.

ޝިހާމް ބޭޒާރުކޮށްލާނެ ގޮތުގެ ރޭވުންތައް ވަނީ ރޭވި ނިމިފައެވެ. އެކަމުގެ ފުރަތަމަ މަރުހަލާ އަކީ ރީޝާގެ ނުގަބޫލުގައި ކުރެވުނު ކާވެނި ރޫޅާލުމެވެ. އެއީ ނަވީލް އެންމެ ފުރަތަމަ ކުރަން ބޭނުންވި ކަންތަކެވެ. މަޖުބޫރުން ރަން ކިޔުއްވައިގެން ކުރުވި ކާވެންޏެއް ޞައްޙަ ވާނެކަމަކަށް އެނާގެ ހިތް އެއްބަސް ނުވި ނަމަވެސް ޝިހާމްގެ ނަޒަރުން ވިސްނާނަމަ އެ ކާވެނި ޞައްހައެވެ. އެހެންކަމުން އެ ޖެހިފައިވާ ގޮށް މޮހައިލަން ނަވީލް ބޭނުންވީއެވެ. އެކަން ޙާސިލުކުރުމަށް ގިރާކުރަންޖެހޭ ހުރިހާ ހުރަހެއް ގިރާކުރުމަށް ނަވީލް އަމިއްލައަށް ޙަވާލުވީއެވެ.

"އަކްޝަމް ނެތްނަމަ މިކަން އެހާ ފަސޭހަނުވީސް." އަކްޝަމްގެ ފަރާތުން ލިބުނު އެހީތެރިކަމަށް ނަވީލް ޝުކުރުވެރިވިއެވެ.

"މީ އެއްވެސް ކަމެއްނޫން." އަކްޝަމް ބުންޏެވެ. "ދެން ވެސް އެހީތެރިކަމެއް ބޭނުންވަންޏާ އަންގައިލާ. އޭނާ އެގޮތަށް މިނިވަންކަން މަތީ މާގިނަ ދުވަހު ނުބަހައްޓާތި. ނަވީ ބޭނުންވަންޏާ މިހާރު ވެސް ގޮސް ހައްޔަރު ކުރެވިދާނެ. މައްސަލަ ފައިލު ވެސް ކުރެވިދާނެ. އެކަމަކު ހަނދާނުގައި ބަހައްޓާތި އޭނަ ހައްޔަރުކުރި ނަމަވެސް އޭނަގެ ނުފޫޒުން އޭނަ މިނިވަންވާނެ. ސަރުކާރުގެ ބޮޑުންނަކީ މިކަހަލަ މުއްސަނދިންގެ އަޅުން. އަހަރުމެން ކަހަލަ މީހުން އިންސާފު ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ހުރަހަކަށް ވަނީ ތަންތަނުގެ ވެރިންނާއި މިފަދަ މުއްސަނދިން. ނިކަމެއްޗެއްނަމަ އަދަބު ދިނުމަށް އެކަކުވެސް ފަހެއް ނުޖެހޭ. އެކަމަކު މުއްސަންޖެއްނަމަ ތަފާތު އެތަކެއް ހުރަހެއް ކުރިމަތިވޭ."

"ނޫނޭ. އަދި މަޑުކޮށްލާ. އޭނަ ހައްޔަރުކުރަންވީމަ މަ އަންގާނަން. އެ ވަގުތު އޮތީ ވަރަށް ގާތުގައި. އެހާ ފަސޭހައިން މި މަޅިން ސަލާމަތްވާކަށް ނުކެރޭނެ." ނަވީލް މާ ބޮޑު ތަފްސީލެއް ނުދީ ފޯނު ނަގައި ގުޅައިލީ ރީޝާއަށެވެ.

"މަށަށް ހަވާލުކުރެވުނު މަސައްކަތް ފުރިހަމަކޮށްފިން." ރީޝާ ފޯނު ނެގުމާއެކު ނަވީލް ބުންޏެވެ. "މިހާރު ރީޝް ތީ މިނިވަނެއް. ދެން ތި ކޮޅުން ކުރިޔަށް ގެންދޭ."

ޝިހާމް ތެޅެމުން ފޮޅެމުން ރަށުތެރެއާ ހަމައަށް ގޮސް އެއްގަމަށް ދިޔުމަށް ފަސްޖެހިފައި ހުއްޓެވެ. އޭނާ ހުރި ހިސާބާ ނަވީލްގެ ގެއާ ދުރުނޫން ނަމަވެސް އެ ދެމެދުގައި މީހުން ދިރިއުޅޭ އެތައް ގެއެއް ހުރެއެވެ. އެ ގެ ހުންނަނީ ވެސް ރަށުގެ ބޮޑު މަގުގައެވެ. ރޭގަނޑުގެ ވަގުތު ނަމަވެސް އެއްވެސް މީހަކަށް ނުފެނި އެ ގެއަށް ވަނުމަކީ ނާދިރުކަމެކެވެ. ޝިހާމް އެ ހުރި ހާލަތުގެ ސަބަބުން އެއްވެސް މީހަކަށް އޭނާ ފެންނާކަށް ބޭނުމެއްނޫނެވެ. މީހުންގެ ސުވާލުތަކާއި ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ. ރަށުތެރެއިން މީހެއްގެ އެހީތެރިކަން ލިބިގެން މެނުވީ އެއްގަމަށް އެރޭކަށް ނެތެވެ. ހޭޅީގައި ހުރި މަގޫ ގަސްތަކުތެރޭގައި ފިލާ ހުރެގެން އޭނާ އެތައް ފަހަރަކު ނިހާދަށް ގުޅިއެވެ. ފުލުހުންގެ އިދާރާގައި އުޅޭ އެކުވެރިޔާއަށް ވެސް ގުޅިއެވެ. އަދި ރަށު ތެރޭގައި އުޅޭ އެހެން އެކުވެރިން ތަކަކަށް ވެސް ގުޅިއެވެ. އެހެނަސް އެއްވެސް މީހެއްގެ ފޯނަކަށް ގުޅޭ ގޮތެއް ނުވިއެވެ. ހަދާނެގޮތް ހުސްވެ އާހަށް އަރަފައި ހުއްޓައި ފިރާޝާ ގުޅަން ފެށުމުން އެ ދެލޮލުން އުންމީދުގެ ކުލަވަރު ފާޅުވިއެވެ. ފޯނަށް ޖަވާބުދޭން ހިތަށް އެރި ވަގުތު ނަވީލްގެ މަތިން ހަނދާންވެފައި ޝިހާމަށް މަޑު ޖެހިލެވުނެވެ. ނަވީލަށް އޭނާގެ ޙަޤީޤަތް އެނގުނު ގޮތަށް ފިރާޝާއަށް ވެސް އެނގުނީ ހެއްޔެވެ؟ ފިރާޝާ އެ ގުޅަނީ އެކަން އެނގިގެން ވަރުގަނޑު ބާލުވަން ނޫންކަމެއް ނޭނގެއެވެ. ފިރާޝާގެ ފޯނު ކެނޑުނުއިރު ވެސް އޭނާއަށް ހުރެވުނީ އެކަމާމެދު ވިސްނާށެވެ. ފިރާޝާ ދެވަނަ ފަހަރަށް ވެސް ގުޅިއެވެ.

"ހަލޯ." ޝިހާމް ދެ ފިކުރެއްގައި ހުރެ ފޯނުނެގިއެވެ.

"ޝިހާމް.." ފިރާޝާ ރޯން ފަށައިފިއެވެ. ރުއިމުގެ އަޑު އިވުމާއެކު ޝިހާމްގެ ނަފްސަށް ވެރިވެފައިވާ ބިރުވެރިކަމަށް ހަމަހިމޭންކަން އަތުވެއްޖެއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގެ ނުތަނަވަސް ޚިޔާލުތަކެއް ސިކުނޑީގައި އުފެދިއްޖެއެވެ. ވީ ކިހިނެއްތޯ ސުވާލު ކުރެވުނީ ނުހަނު މަޑުމަޑުންނެވެ.

"ރީޝާ. ކޮޓަރީއަށް ވަން ގޮތަކަށް ޚަބަރެއްނުވި. ދޮރުގަ ތަޅާތަޅާ ވަރުބަލިވެއްޖެ. ނިހާދުގެ ފޯނަކަށް ނުގުޅޭ. އަހަރެން ވަރަށް ކަންބޮޑުވޭ. ރީޝާ މޮޔަކަމެއް ކޮށްފާނެތީ އަހަރެން ވަރަށް އެބަ ބިރުގަނޭ. ޝިހާމޫ... މިގެއަށް އައިސްދީބަލަ. ޝިހާމު ނޫން އިތުރު މީހެއްނެތް އެހީތެރިކަމެއް ދެވޭނެ." ފިރާޝާ ހުއްޓަހުއްޓަމުން ހުރިހާ ވާހަކަ ތަކެއް ކިޔައިދީ ނިމުމާއެކު އަނެއްކާ ވެސް ރޯން ފަށައިފިއެވެ.

ޝިހާމްގެ އެހީތެރިކަމަށް ފިރާޝާ އެދުމުން ފިރާޝާއަށް އެއްވެސް ޙަޤީޤަތެއް އެނގިފައިނުވާކަން ޝިހާމަށް ވިސްނުނެވެ. އެޔާއެކު ފިރާޝާގެ ފަރާތުން އޭނާއަށް އެހީތެރިކަމެއް ލިބިދާނެކަމުގެ އުންމީދު އެހިތުގައި އާލާވެގެން ދިޔައެވެ.

"ފިރާޝާއަށް އެހީތެރިވުމުގެ ކުރިން މަ އެބަ ބޭނުންވޭ ފިރާޝާގެ އެހީތެރިކަން. މިއުޅެނީ ކުދިބަޔަކު ވަރަށް ބޮޑު ލަނޑެއް ދީގެން. މަ އަތިރިމައްޗަށް އައިވަގުތު މިތާ އުޅުނު ބަޔަކު މަގޭ އަންނައުނު ކޮޅު ދަމައިގަނެފި. އެހެންވެ ރަށުތެރެއަށް ދާންވެސް ނުކެރިފައި ހުއްޓައި ފިރާޝާއަށް ތި ގުޅުނީ. ފިރާޝާއަށް އުނދަގޫ ނޫންނަމަ ބޮޑު މަގުކޮޅަށް ލާނެ އެއްޗެއް ހިފައިގެން އާދެވިދާނެތަ؟" ޝިހާމް ވަރަށް ލަދުންހުރެ ދޮގުތައް ހަދަމުން ފިރާޝާގެ އެހީތެރިކަމަށް އެދުނެވެ.

"އެންމެ ރަނގަޅު. އެބަ ދަން." ފިރާޝާ އިތުރު ސުވާލެއްނުކޮށް ވަގުތުން އެއްބަސްވިއެވެ. ޝިހާމްގެ ނަފްސަށް ލިބުނު ހަމަޖެހުމާއެކު ފުންނޭވާއެއް ބޭރުކޮށްލިއެވެ.

ފިރާޝާ ފޯނު ކަންފަތާ ދުރުކޮށްލިއެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ދެއަތުން ފޮހެލިއެވެ. ދާދިގާތުގައި އިން ރީޝާއަށް ބަލަމުން ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނައެވެ. އެހެނަސް އެ މޫނުގައި ވި ނުތަނަވަސްކަން ރީޝާއަކަށް ވަންހަނާއެއް ނުވެއެވެ. ރީޝާއަށް ސަބަބު އެނގެއެވެ.

"މަންމަ އެހާ ބޮޑަށް ނުވިސްނަބަލަ." ރީޝާ އެދުނެވެ.

"ދަރިފުޅަށް ހަމަ ޔަޤީންތަ ތީ ތިކަން ކުރަންޖެހޭ ގޮތްކަން. ދަރިފުޅަށް ހަމަ އެއްވެސް ގެއްލުމެއް ނުލިބޭނެތަ؟" ފިރާޝާ އަދިވެސް ބޭނުންވަނީ ޔަޤީންކުރާށެވެ.

"މަންމަ ހާސްނުވެބަލަ." ފިރާޝާގެ ދެއަތުގައި ހިފައިލަމުން ރީޝާ ބުންޏެވެ. "އަޅުގަނޑަށް އެއްވެސް ގެއްލުމެއްނުވާނެ. މަންމަ ހަމައެކަނި ކޮށްދޭންވީ ކަމަކީ ޝިހާމް މިގެއަށް ގެނެސް މި ކޮޓަރީގެ ހަތަރުފާރުން އެތެރެކުރުން."

ރީޝާއަށް ބުނެލަން ފަސޭހަ ނަމަވެސް އެކަމަކީ ފިރާޝާއަށް ކުރަން ނުހަނު އުނދަގޫ ކަމެކެވެ. ފިރާޝާއަށް އެނގިހުރެ މިނިކާވަގެއް އެ ކޮޓަރިއަށް ވައްދަން ރުހެވޭނީ ކިހިނަކުން ހެއްޔެވެ؟ ފިރާޝާއަށް އެ ގޮތާ އެއްބަހެއް ނުވެވުނެވެ.

"މީ އެ މިނިކާވަގު މި ކޮޓަރިއަށް ވަންނާނެ ފަހު ފަހަރުކަމަށް އުންމީދުކުރޭ." ފިރާޝާއަށް ހިތްވަރު ލިބޭނެކަމުގެ އުންމީދާއެކު ރީޝާ ބުންޏެވެ. "މަންމަ ބުނީމެއްނު އަޅުގަނޑަށް އިންސާފު ހޯދައިދިނުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރާނަމޭ. މިއީ މިކަމުގައި މަންމައަށް އެހީތެރިވެވޭނެ ހަމައެކަނި ކަންތައް. މަންމާ ޕްލީޒް. މި ފަހަރު ފިނޑިއަކަށް ނުވާތި. މި ދަރިފުޅަށް އިތުބާރުކޮށްފައި ޝިހާމް ކައިރިއަށް ދޭބަލަ. މަންމަގެ އެހީތެރިކަން ނުލިބި އަހަރުމެން ބޭނުންވާ ގޮތަށް އެއްކަމެއް ވެސް ނުވާނެ."

"މަންމަ ދަރިފުޅަށް އިތުބާރުކުރަން." ފިރާޝާ މަޑުމަޑުން ބުންޏެވެ. "މަންމަ ހިތްވަރުކުރާނަން."

ފިރާޝާ ތެދުވިއެވެ. އެ ކޮޓަރިން ނުކުމެގެން ގޮސް ފިރާޝާގެ އަމިއްލަ ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ނުކުތްއިރު އޭނާގެ އަތުގައި ސޯޓަކާއި ޓީޝާޓެއް އޮތެވެ. އެ އަންނައުނުތައް ހިފައިގެން ބޮޑުމަގު ކޮޅަށް ފިރާޝާ ދިޔައެވެ. ޝިހާމްގެ ފޯނަށް ގުޅައިލުމުން މަގޫގަސްތަކުގެ މަތީގައި އެތަކެތި ބެހެއްޓުމަށް އެދުނެވެ. ފިރާޝާ އެ ގޮތަށް ކަންތައްކޮށްފައި ގޮސް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އިރުކޮޅަކުން ޝިހާމް ވެސް އެތަނަށް އަތުވެއްޖެއެވެ. އެ ނުލަފާ ފިރިހެނާގެ ސޫރަ ފިރާޝާއަށް ފެނުމާއެކު އޭނާގެ ލޭ ހޫނުވާން ފެށިއެވެ. ދެދަތްޕިލަ ފިތި ބާރުވެގެން ދިޔައެވެ. ވަގުތުން ގަޔަށް ބޮލަށް އަރައިގަނެ މޫނުގެ ހަންގަނޑު ނޮޅައިލަން ފިރާޝާ ބޭނުންވިއެވެ. އެހެނަސް އޭނާ ކެތްތެރިވިއެވެ. އޭނާއަށް ހެދޭ ގޯހެއްގެ ސަބަބުން ޝިހާމްގެ ބޮލަށް މަހައިލަން ތައްޔާރުވެފައިވާ މަޅިން އޭނާ ސަލާމަތް ވެދާނެއެވެ. އެހެންވާކަށް ފިރާޝާ ބޭނުމެއްނޫނެވެ.

"ހިނގާބަލަ ގޭ ދޮށަށް." ހިތްދަތިވެފައިވާ އަޑަކުން ފިރާޝާ ބުންޏެވެ. "އަހަރެންގެ ހިތް ވަރަށް ބާރަށް އެބަ ތެޅޭ. މި ހިތްބުނަނީ ރީޝާ މޮޔަކަމެއް ކުރިއްޔޭ. ޝިހާމް ހިނގައިބަލަ."

ޝިހާމަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ފިރާޝާގެ ފުށުން ލިބުނު އެހީތެރިކަމުގެ ސަބަބުންނެވެ. ހެޔޮކަމެއް ކޮށްދިން މީހަކަށް ތެޔޮހަމެއްދިނުމަށް ޝިހާމް ބޭނުންނުވީއެވެ.

ޝިހާމް ގެއަށް ވަނީ ފިރާޝާ ފަހަތުންނެވެ. ރީޝާގެ ކޮޓަރީގެ ދޮރު ހުރީ ތަޅުލައިފައެވެ. ފިރާޝާ އެދުނީ އެ ތަޅު ހަލާކުކޮށްލުމަށެވެ. އެކަމުގައި ފިރާޝާއަށް އެހީތެރިނުވުމަށް ޝިހާމްގެ ސިކުނޑިން އިންޒާރެއް ދިނެވެ. އެޔާއެކު އޭނާއަށް މަޑުޖެހިލެވުނެވެ. އޭނާގެ ހިތް ނުތަނަވަސްކަމުން ފުރިއްޖެއެވެ. ވީ އެންމެ އަވަހަކަށް އެ ރަށުން ފުރައިގެން ދިޔުމަށް ވެސް އެވަގުތު އޭނާ ޚިޔާލުކުރިއެވެ. އޭނާއަށް ޙައްޤު އަދަބު ދެވޭނެކަމުގެ އިންޒާރު ނަވީލް ވެސް ވަނީ ދީފައެވެ. ވީއިރު ރީޝާ މޮޔަކަމެއްކޮށްފިނަމަ ޝިހާމްގެ ހަތަރު އުދަރެސް ފެނުޖެހޭނެއެވެ.

"މި ދޮރު ހުޅުވަދީބަލަ." ރީޝާގެ ކޮޓަރީގެ ދޮރުގައި ތަޅަމުން ފިރާޝާ ބުންޏެވެ. "ޝިހާމް މި ދޮރު ހަލާކުކޮށްލައި. ބަލަހައްޓައިގެން ތި ހުންނަނީ ކިހިނެއްވެގެންތަ؟"

ފިރާޝާ ކުރުނުކޮށް ދޮރު ހަލާކުކޮށްލުމަށް ކިޔަން ފެށުމުން ޝިހާމް އެއް އަރިކަށް ޖެހިލައި ދޮރުފަތުގައި ބާރަށް ޖެހިގަތެވެ. ދެތިން ފަހަރަކު އެގޮތަށް ކަންތައްކުރުމާއެކު ތަޅުފަތް ހަލާކުވެގެން ހިނގައްޖެއެވެ. ފިރާޝާ އަތުން ކޮށްޕައިލުމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. ކުއްލިއަކަށް މުޅިގެއިން ކަރަންޓް ކެނޑިގެން ދިޔައީ އެވަގުތެވެ.

"އަންނާނަން ބައްތިއެއް ހިފައިގެން." ފިރާޝާ ހިނގައިގަތެވެ.

ޝިހާމް ހުރި ފިޔަވަޅު މައްޗަށް ގާވެފައި ހުރީއެވެ. ފިރާޝާ އަންނާނެ އިރެއްގެ އިންތިޒާރުގައި ހުއްޓައި ނަވީލްގެ އަޑު ޝިހާމްގެ ކަންފަތުގައި ޖެހުނެވެ. އަވަސްއަވަހަށް ފަރާތްފަރާތަށް ބަލައިލެވުނެވެ. ގޭގެ މައިދޮރުން މީހަކު ވަދެގެން އަންނަތަން ފެނުނެވެ. މުޅިތަނަށް ފެތުރިފައިވާ އަނދިރިކަމުގެ ސަބަބުން އެއީ ކާކުކަން ނޭނގުނު ނަމަވެސް އެއީ ނަވީލްކަމަށް ޝިހާމް ޔަޤީންކުރިއެވެ. އޭނާ އެތަނުގައި ހުއްޓައި ނަވީލަށް ފެނިއްޖެނަމަ އިތުރަށް މައްސަލަ ހޫނުވެގެން ހިނގައިދާނެކަމުގެ ބިރު އެ ހިތުގައި އުފެދިގެން ދިޔުމާއެކު ޝިހާމް ހާސްވެއްޖެއެވެ. އޭނާ ހަދާނެނުހަދާނެ ގޮތެއް ނުވިސްނިގެން ރީޝާގެ ކޮޓަރިތެރެއަށް ދެމިގަނެ އަވަސްއަވަހަށް އެ ދޮރު ލައްޕައިލިއެވެ.

ގެއަށް ވަދެގެން އައީ ނަވީލެއް ނޫނެވެ. އެއީ ނިހާދެވެ. މަސްތުގެ ހާލުގައި ހުރުމުން އޭނާއަށް ހިނގަމުން އައީ ލަސްލަހުންނެވެ. ކޮޓަރިއާ ހަމައަށް ދެވުނުއިރު ފިރާޝާ ވެސް ދޮރު ހުޅުވައިލައިފައި ނުކުންނަނީއެވެ. ކަރަންޓު އައިސް މުޅި ގެއަށް އަލިކަން ފެތުރިގެން ދިޔަ ވަގުތަކީ ވެސް އެއީއެވެ. ނިހާދު ފެނުމާއެކު ފިރާޝާގެ ދެއަތް މުއްކެވިގެން ދިޔައެވެ. އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށް އެވަރުން ނުފުދިގެން އޭނާގެ ދަރިފުޅުގެ ދިރިއުޅުން ވެސް ޖަހަންނަމަ އަކަށް ހެދި ފިރިހެނާ އެހުރީ އޭނާގެ ކުރިމަތީގައެވެ. އެ ހަނދާންވުމާއެކު ފިރާޝާގެ އެތެރެ ހަށީގައި ހުޅު ރޯވެއްޖެއެވެ.

"ރީޝާއެއީ ކަލޭ ޒައިދާއެކު ގަނޑުގަނެގެން ލިބުނު ހަރާން އެއްޗެއްކަން މަށަށް ސިއްރުކޮށްގެން ހެވިފަ ހުންނަވަރު ނިކަން ދެކިބަލަ." ފިރާޝާއަށް އެއްޗެއް ނުބުނެވި އުޅެނި ނިހާދު ކެކިގަނެއްޖެއެވެ. ފިރާޝާ ގަޞްދުޤައި އޭނާ އޮޅުންގަނޑެއްގެ ތެރޭގައި ބެހެއްޓުމުން ނިހާދު ވަނީ ރުޅިގަދަވެފައެވެ. އޭނާ ފުންމައިގެން ގޮސް ފިރާޝާގެ އިސްތަށިގަނޑު އަތަށް އޮޅައިލައިފިއެވެ. ލުތްކެއް ޖަހައިފައި ކޮޓަރި ތެރެއަށް ވެއްދިއިރު ފިރާޝާގެ ދެލޮލުން ކަރުނަ ހިލެންފެށީ އެޅި ވޭނެއްގެ ސަބަބުންނެވެ.

"މިރޭ **ގެ ފުރާނަވެސް ނުހުންނަވަރު ކޮށްލާނަން." އެނދު މައްޗަށް ކޮއްޕައި ވައްޓައިލަމުން ނިހާދު ބުންޏެވެ. "މިހާ ދުވަހު މަށަށް ސިއްރުން ނޭނގެ ކިތަން މީހުންނާކަމެއް ގަނޑުގަނެފަ އޮތީ. ރާއިދު އެކަންޏެއްނޫން. އެ ޒައިދު ވެސް އެހެން ކިތައް މީހުން ހުންނާނެ. މިހާރު މަށަށް ޝައްކު ރިޝާމް ވެސް އެއީ މަގޭ ދަރިއެއްކަމާމެދު."

"ކަލެޔަށް ޝައްކުވާނެ. ތިކަމަކާ މަ ހައިރާނެއް ނުވޭ. ކަލެޔަށް ޝައްކުވާނެ. އެއީ ކަލޭ ތެޅޭ ވައްތަރުވީމަ." ފިރާޝާ ކޮޅަށް ތެދުވަމުން ރުޅިވެރިކަމާއެކު ރައްދުދިނެވެ. ނިހާދުގެ ރުޅި އިހުނަށްވުރެ ގަދަވެގެން ދިޔަ ވަގުތު ފިރާޝާގެ ކަންކަށިމަތީގައި ޖެހިއެވެ. ފިރާޝާ ގާތަށް ނުހަނު ރުޅި އަޔެވެ. އެޔާއެކު ގޮށްމުއްކަވާފައި ނިހާދުގެ އަނގަމަތީގައި ޖެހީ ކޮންތަނަކުން ލިބުނު ހިތްވަރެއްގެ ސަބަބުންކަމެއް ނޭނގެއެވެ. ރީޝާ އުޅުނު ހާލު އެނގުމުން އޭނާގެ ބިރުފަހަނަ އަޅައި ހިނގައްޖެއެވެ.

"މީ މަގޭ ދަރިފުޅު އެ ޝިހާމަށް ވިއްކާލީތީ އެކަމުގެ ބަދަލު." ފިރާޝާ ފެލިގަތެވެ. "އަދި މާ މާތް މީހަކަށް ވާންވެގެން މަށަށް ކުރެވިފައި ހުންނަ ކަންތަކުގެ ވާހަކަ އެބަ ދައްކާނު. މަށަށްވުރެ ވިޔާނުދާ ހަޔާތްކުޑަ ގޮތްކުޑަ އެއްޗެއް ތީ. އަންހެނުންނަކީ ކަލޭ ކުޅެންގެންގުޅޭ ބުދުތަކެއްފަދަ ބައެއް. ހިތަށް އެރީމަ އަނިޔާކޮށްފަ ބޭނުންވީމަ ވިއްކާ ވެސް ލާންވީ. މި ހުރިހާ ދުވަހު މަށަށް އަނިޔާވެރިވަމުން އަނިޔާދެމުން އައިއިރު ވެސް މަ ހަމަހިމޭނުން މިހުރީ ކުރެވުނު ކުށުގެ ސަޒާކަމަށް ދެކިގެން. މަގޭ ދަރިފުޅު ސަލާމަތުންހުރި ކަމަށް އުންމީދުކޮށްގެން. އެހެނަސް އޭނަ މާލެ ފޮނުވައިލުމުން ވެސް ތި ޖައްބާރުގެ ކިބައިން ސަލާމަތެއް ނުވި. ބޮޑު ވިޔަފާރީގެ މުއާމަލާތެއް ހިންގައި އެ ފަކީރަށް ކަލޭމެން ނުކުރަނީ ކޮންކަމެއް. ކުޑަކުޑަ ކުއްޖެއް ނީލަމުގައި ވިއްކައިލީއިރު ކަލޭގެ ހިތަށް ކުޑަކޮށް ވެސް ރަހުމެއް ނުވަތްތަ؟ އެއްވެސް އެއްޗެއް ހިތަކަށް ނާރާތަ؟"

ފިރާޝާ ދައްކަން ފެށި ވާހަކައިން ނިހާދު ކުއްލިއަކަށް ހިމޭންވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ނުހަނު ބާރަށް ހޭން ފަށައިފިއެވެ.

"ޤަމާރު މަންމާފުޅަށް ޙަޤީޤަތް އެނގުނީދޯ؟" ނިހާދު ރުޅިއާއި މަލާމާތް އެކުލެވިގެންވާ ރާގަކަށް ބުންޏެވެ. "އެ އޮތީ މަބޭނުން ގޮތެއް ހަދާފަ. ދެން ވެސް ކަންކުރާނީ މަ ބޭނުންވާ ގޮތަށް. އެހެނެކޭ ކިޔާފައި މަގޭ ގަޔަށް ބޮލަށް އެރުމުގެ ޙައްޤެއް ކަލެޔަކަށް ނޯންނާނެ. މަގޭ ގައިގަ ޖެހީތީވެސް މިރޭ ކަލޭގެ އަތްފައި މުގުރާލާނަން. ބިންދާލާނަން. މަރާލާނަން."

"މަ ކުދިކުދިކޮށް ކޮށާފަ ކާޅަށް ދިނަސް ކަލޭމެން ދެމީހުން ކުރި ކުށުގެ އަދަބު ކަލޭމެން ދެމީހުންނަށް ވެސް ލިބޭނެ." ފިރާޝާގެ ރުޅި މަޑެއްނުވެއެވެ.

"ހަޔާތްކެނޑިގެން މޫނުމަތީގައި ޒުވާބުނުކުރޭ. ކަލޭ އަމަޔަށް އަދަބުދީބަލަ." ކުއްލިއަކަށް ފިރާޝާގެ ކަރުގައި ނިހާދު ހިފައިގަތެވެ. ފަހަތަށް ގެންގޮސް ފާރާލައި ފިއްތައިލިއިރު ނިހާދަށް ދަތްކުނޑި ވިކައިލެވިއްޖެއެވެ. ކުރިން ބިރުން ސިހިސިހި ހުންނަ ފިރާޝާ މިފަހަރު ބިރެއް ނުގަތެވެ. އޭނާ މޫނު ކުނިކޮށްލައިފައި ފައި ކުރުގަޅުވައިލަމުން ނިހާދުގެ ކުރިމަތި ފަރާތަށް ކަކުލުން ހަމަލާދިނެވެ. އެފަދަ ހަމަލާއަކަށް ނުވިސްނައި ހުރި ނިހާދު އިދިފުށަށް ވެއްޓިގެން ދިޔައީ އެޅި ވޭނަށް ކެތްނުވުމުންނެވެ.

"ކަލޭގެ ލޭ ވެސް ހުއްދަވާނެ މިހާރު." ފިރާޝާ އައިސްފައި ހުރި ފޯރީގައި އެތަނުގައި ހުރި ޕްލާސްޓިކް ގޮނޑި އަތުކޮޅަށް ނެގިއެވެ. ނިހާދުގެ ހިތުގައި އުފެދުނު ބިރުވެރިކަމާއެކު މޫނު މައްޗަށް ދެއަތް ހުރަސްކޮށްލިއެވެ. ފިރާޝާ ވިސްނުން ބަދަލުނުވަނީސް އަތުގެ ހުރި ބާރަކަށް ނިހާދުގެ މޫނު މައްޗަށް އެ ގޮނޑި ޖެހީ ހަޅޭލަވައިގަންނަމުންނެވެ. އެންމެ ފަހަރަކު ނޫނެވެ. ގޮތެއްފޮތެއް ނުބަލައި އޭނާ އެ ގޮނޑިން ނިހާދުގެ މުޅިގައިގާ ތެޅިއެވެ.

ރީޝާގެ ކޮޓަރި ތެރެ ވަރަށް އަނދިރިއެވެ. ތަނެއްދޮރެއް ވަކިވާ ވަރެއް ނުވެއެވެ. ޝިހާމް ހުރީ ފިރާޝާ އަންނާނެ އިރަކަށް އިންތިޒާރުކޮށްގެން ދޮރުގައި ލެނގިލައިގެންނެވެ. ރީޝާއަށް ދެތިން ފަހަރު ގޮވައިލުމުން ވެސް ރީޝާގެ ހިލަމެއްނުވިއެވެ. ރީޝާ ފާޚާނާގައި އުޅެނީކަމަށް ޝިހާމް ޔަޤީންކުރިއެވެ. ކުއްލިއަކަށް ޝިހާމްގެ ހަށިގަނޑުގައި މީހަކު ބީހެން ފެށުމާއެކު އޭނާއަށް ތެޅިގަނެވުނެވެ.

"ޝިހާމް...." ކަންފަތް ބުޑުން އިވުނީ ރީޝާގެ އަޑެވެ. އެ އަޑުގައި ވަނީ މަސްތެވެ. ޝިހާމްގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. މުޅި މީހާ ގަނޑުވެއްޖެއެވެ. އޭނާ މުޅި ހަށިގަނޑުގައި ރީޝާ ބީހޭން ފަށައިފިއެވެ. ރީޝާގެ މަޑުމަޑު އިނގިލިތަކުން މަޑުމަޑުން ލަސްލަހުންނެވެ. ޝިހާމަށް ދެލޯ މަރައިލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ހިއްސުތަކުގައި ހުޅު ރޯވާން ފަށައިފިއެވެ. ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ.

"އާދެބަލަ. މި ޖިސްމު އަނދާ އަޅިއަށް ހަދާލަދީބަ." ރީޝާ ވައިވަޑުން ބުނެލިއެވެ. ޝިހާމަށް ވިސްނާލާނެ ފުރުޞަތެއް ވެސް ނުލިބުނެވެ. އޭނާގެ އަތުގައިހިފައި ދަމައިގަނެއްޖެއެވެ. ދެމީހުން އެކުގައި ގޮސް އެނދުގައި ޖެހުމާއެކު ކަންތައް އެދަނީ ގޯހުންގޯހަށްކަން ޝިހާމަށް ވިސްނިއްޖެއެވެ. ރީޝާއަކީ ދުވަހަކު ވެސް ރުހުމުގައި އެފަދަ ކަމަކަށް އެދޭނެ ކުއްޖެއް ނޫނެވެ. ޝިހާމަށް ނުވެސް އެނގި ވަރުގަދަ އަނދަވަޅަކަށް ވެއްޓެން އުޅޭކަމުގެ ރަތް ސިގުނަލް ލިބުމާއެކު ރީޝާ އެއްފަރާތަކަށް ހޫރުވައިލިއެވެ. ޝިހާމް ތެދުވަން އުޅުނެވެ. ކުއްލިއަކަށް ރީޝާ ހިފައިގަތީ ޝިހާމްގެ ސޯޓުގެ ރަބަރު ފަށުގައެވެ.

"މަކަރުވެރި އަންހެނާ ދޫކުރޭ. ކަލެޔަކަށް ތިކަމެއް ނުވާނެ. އަނެއްކާ އަނެއް މަޅިއަށް މަ ފައްތަން ތެޅޭނެކަމެއް ނެތް." ޝިހާމް ގާތަށް އައި ރުޅިއާއެކު އެނދުން ތެދުވަން އުޅުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ސޯޓާއެކު ބޮކްސާ ވެސް ހަށިގަނޑާ ވަކިވެގެން ހިނގައްޖެއެވެ. ލިބުނު ފުރުޞަތުގައި ޝިހާމް ކޮޅަށް ތެދުވުމާއެކު ފުރަގަހުން ޓީޝާޓުގައި ހިފައި އެނދު މައްޗަށް ވައްޓާލައިފިއެވެ. މިފަހަރު ތެދުވާނެ ފުރުޞަތެއް ޝިހާމަކަށް ނުލިބުނެވެ. ރީޝާ ފުންމައިގެން އަރާ އޭނާގެ ބަނޑުމަތީގައި އިށީނދެއްޖެއެވެ. ޝިހާމްގެ މޫނާ ދިމާއަށް ގުދުވެ މުޅި ގައިގާ ބީހޭން ފަށައިފިއެވެ.

"ހާދަ ހަޔާތްކުޑަވެގެންނޭ ތި ތެޅެނީ. ދުރަށްދޭ." ރީޝާ ގައިމަތިން ނެގުމަށް ޝިހާމް މަސައްކަތްކުރިއެވެ. އެހެނަސް އެކަންވީ ބޮޑު ތަކުލީފަކަށެވެ. ޝިހާމް ހީކުރިވަރަށް ވުރެ ރީޝާ ބާރުގަދައެވެ.

"މީ ކަލޭ ވަރަށް ފޯރީގައި ކުރިކަމެއްނު. މިރޭ ދެކޮޅު ތި ހަދަނީ ކީއްވެގެންތަ؟" ރީޝާ މަޑުމަޑުން ބުންޏެވެ. "ހާދަ ދުވަހެއް ވެއްޖޭ. އަހަންނަށް އެހީވެދީބަލަ."

"ކަލޭ ތިއުޅެނީ މަ ބަސްޓުކޮށްލަންކަން މަށަށް އެނގެޔޭ. ކަލޭތީ މިހާރު މަގޭ އަތްނބެއް ނޫނޭ." ޝިހާމް ހަޅޭލަވައިގަތެވެ. "ދުރައްދޭ."

"ޝޫސްސްސސސސސސ." ޝިހާމްގެ ތުންފަތުގައި ރީޝާ އިނގިލި ޖައްސައިލިއެވެ. "މަ ހަޅޭލަވަން ފަށާފިއްޔާ މާރީއްޗެއް ނުވާނެ. އޭރަށް ބޭޒާރުވާނީ ވެސް ހަމަ ކަލޭ."

ރީޝާގެ މަޤުޞަދަކީ ޝިހާމް ބޭޒާރުކޮށްލުންކަން ޝިހާމަށް މިހާރު ޔަޤީންވެއްޖެއެވެ. އޭނާ ހާސްވެއްޖެއެވެ. ބިރުވެސް ގަނެއްޖެއެވެ. އަނެއްކާ ވެސް ރީޝާ ފުރޮޅައިލަން އޭނާ މަސައްކަތްކުރަން ފަށައިފިއެވެ. އެހެނަސް ވަރުބަލިވެގެން ދިޔައިރު ވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޝިހާމަށް ރޮވެން ފަށައިފިއެވެ. އޭނާގެ ހަށިގަނޑު މަތިން ރީޝާ އެއްފަރާތް ނުކުރެވޭ ސަބަބެއް ވެސް ޝިހާމަކަށް ނުވިސްނެއެވެ.

"އައްދެ ކަލޭ ރޮނީތަ؟" ރީޝާ ހީނގަތެވެ. "ބޮޑު ފިނޑިއަށް ކަމެއްކޮށްލާނެ ފުރުޞަތު ލިބުނީމަ ކީއްވެގެންތަ ތި ރޮނީ. ކަލެޔަށް އެއްޗެއް ދައްކައިލަންތަ؟"

ރީޝާ ފޯނު ނަގައި ވީޑިއޯ އަޅުވައިލިއެވެ. ޝިހާމް އަތުގައި ހުރި ހެކިތައް ވެސް ރީޝާއަށް ލިބުނީކަން އެނގުމުން އޭނާ އިތުރަށް ބިރުގަތެވެ.

"މީގަ ހާދަހާ ފޯރިއެއް އަރުވައިލައިގެންނޭ މިއުޅެނީ. މިގޮތަށް ފޯރިއަރުވާލަބަލަ. ކިހާ މަޖާވާނެ." ރީޝާ މަލާމާތުގެ ރާގަކަށް ބުންޏެވެ. "ނޫނީ މަ ގަދަ ނުހަދާތީ ކަލެޔަށް މަޖާނުވަނީތަ؟"

އެހެންބުނެފައި ރީޝާ ގަދަހަދަން ފަށައިފިއެވެ. ހަޅޭލަވަން ފަށައިފިއެވެ. ބޭރުން މީހަކަށް އަޑުއިވިދާނެތީ ޝިހާމް ކަންބޮޑުވިއެވެ. ރީޝާގެ އަނގަމަތީގައި ޝިހާމް އަތް އެޅިއެވެ. ރީޝާގެ އަތުގެ ތޫނު ނިޔަފަތި ތަކުން ޝިހާމްގެ މޫނުމަތީ ވަކި އަޅުވައިލިއެވެ. އެ މޫނަށް ދިލައަރައިގެން ދިޔަ ވަގުތު ރީޝާ އެ ހަށިގަނޑު މަތިން އެއް ފަރާތަކަށް ކޮއްޕައިލިއެވެ. ރީޝާ އަޑު މަޑުކުރުމެއްނެތި ހަޅޭލަވަން ފެށުމުން އެ އަޑު ކަނޑުވައިލަން ޝިހާމް އުޅެގަތް ވަގުތު އަކްޝަމާއި އޭނާގެ ބައިވެރިން އައިސް ދޮރު ހުޅުވައިލައިފައި ކޮޓަރިއަށް ވަދެގަނެއްޖެއެވެ. ޝިހާމްގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. އޭނާގެ ދެލޯ މުދުނުގައި ޖެހުނެވެ. ލިބުނު ޝޮކާއެކު ފުންމައިގެން އެނދުން ތެދުވިއެވެ. ދިއްލާލި ބޮތްކާއެކު މުޅި ކޮޓަރި ހުޅުދާންވެގެން ދިޔައެވެ. ބަރަހަނާ ހާލުގައި އެތަކެއް ޒަހަމުތަކާއެކު އެނދުމަތީގައި އޮތް ރީޝާ ޝިހާމަށް ފެނުނީ އެ ވަގުތުއެވެ. ރީޝާ ރޮމުން ގިސްލަމުން މުޅިގައިގާ ބެޑްޝީޓް އޮޅައިލިއެވެ. ޝިހާމްގެ ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. އެވީ ގޮތެއް ޝިހާމަކަށް ނުވިސްނުނެވެ. ޝިހާމްގެ ގައިގާ ރީޝާ ބީހެމުން ދިޔައިރު އެ ހަށިގަނޑުގައި ނިވާކަމެއް ނުވާކަމުގެ އެއްވެސް އިޙްސާސެއް އޭނާއަށް ކުރެވިފައެއް ނެތެވެ. ދެން ކުއްލިއަކަށް ރީޝާ އެ ހާލަތަށް ދިޔައީ ކިހިނެއް ހެއްޔެވެ؟ ޝިހާމަށް އެކަމާ ވިސްނާނެ ފުރުޞަތެއް ނުލިބުނެވެ. އަކްޝަމް ގޮސް ޝިހާމްގެ ދެއަތް ފުރަގަހަށް ލައި ބިޑި އަޅުވައިލައިފިއެވެ. ޝިހާމް ގަތްބިރެއްގެ ސަބަބުން ތުރުތުރު އަޅަންފަށައިފިއެވެ. އެ މޫނު މައްޗަށް އަނދިރިވާ ގޮތްވެއްޖެއެވެ. އަންހެން ފުލުހަކު ގޮސް ރީޝާއަށް އެހީތެރިވެދިނެވެ. ރީޝާއަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. އޭނާއަށް ކެތްނުވެގެން އެންމެ ފަހުން ދުވެފައި ގޮސް ފާޚާނާއަށް ވަދެ ތަޅުލައިފިއެވެ.

"އެ ހުސް މަކަރު. މަ އެއްވެސް ގޮތެއް ނުހަދަން. މީ އޮޅުވައިލުމެއް." ޝިހާމް ބިރުންހުރެ ގޮވަމުން ދިޔައެވެ. އެ އަޑުތައް އަކްޝަމަކަށް ނީވެއެވެ. ތުވާލިގަނޑަކުން ޝިހާމްގެ އައުރަ ނިވާކުރުވައިގެން ގަދަކަމުން ކަހަލަ ގޮތަކަށް އެ ކޮޓަރިން ބޭރަށް ނެރުނެވެ. އޭރު ފިރާޝާ ހުރީ ދޮރުމަތީގައެވެ.

"ފިރާޝާ ގާތު އަހާބަލަ. މަ މި ކޮޓަރިއަށް ވަދެ ރީޝާއަށް އެއްވެސް ކަމެއްނުކުރަން. މި ގެއަށް ވަނީ ވެސް ފިރާޝާ ބުނެގެން ރީޝާއަށް އެހީވާން. ފިރާޝާ ކިޔައިދީބަލަ." ޝިހާމް ހާސްވެފައި ހުރެ ކިޔަމުން ދިޔައެވެ. "ފިރާޝާ.. އެއްޗެކޭ ބުނެބަލަ."

"މަށެށް ކަލޭ މިގެއަކަށް ނުވައްދަން." ފިރާޝާގެ އަތުގެ ހޫނު ހަމަލާއެއް ޝިހާމްގެ ކަންކަށި މައްޗަށް އަރައިގެން ދިޔައެވެ. "މި ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ތި ވަނީ މާލޭގައި މަގޭ ދަރިފުޅަށް ކުރެވުނު ވަރު ކުޑަވެގެންތަ؟"

ވަގުތުން ޝިހާމްގެ އަނގަ ބެދިއްޖެއެވެ. އެއީ ވެސް ރީޝާގެ މޮޅު ރޭވުމެއްކަން ޝިހާމަށް ވިސްނުނުއިރު ވަގުތު ވަނީ ފާއިތުވެގެން ގޮސްފައެވެ. ދެން ޝިހާމް ކޮންމެ އެއްޗެއް ބުންޏަސް އެ ވާހަކަތައް ޤަބޫލުކުރާނެ މީހަކު މަދުވާނެއެވެ. ސަބަބުތައް ބައިވަރެވެ. ފުލުހުންގެ ޓީމު ވަދެގެން އައިއިރު ޝިހާމާއި ރީޝާގެ ލަދުވެތި ގުނަވަންތައް ހުރީ ހާމައަށެވެ. ރީޝާގެ މުޅި ހަށިގަނޑުގައި ޒަޚަމުތަކެވެ. ޝިހާމްގެ މޫނުގައި ވަކީގެ ނިޝާނެވެ. ދޮރުހުރީ ހަލާކުކޮށްލާފައެވެ. ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް އެ ހުރިހާ ކަމެއް ހެކިދެނީ ޝިހާމާއި ދެކޮޅަށެވެ. އެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ރީޝާއާއެކު ގަދަކަމުން ބަދު އަޙްލާޤީ ޢަމަލު ހިންގަން މަސައްކަތްކުރިކަން އޮތީ ސާބިތުކޮށް ފެންނާށެވެ.

"މީނަ އެކަންޏެއް ނޫން ތިކަމުގައި ބައިވެރިވީ. މަގޭ ފިރިމީހާ ވެސް ތިކަމުގައި ޝާމިލުވި. އޭނަ ވެސް ހައްޔަރުކުރޭ." ފިރާޝާ އަމުރުކުރިއެވެ. "ތި ޝިހާމަށް ތިކަން ކުރަން މަގުފަހިކޮށްދިން މީހަކީ އެ ނިހާދު."

ފުލުސް އޮފިސަރ ކޮޓަރިއަށް ވަދެ ނިހާދު ވެސް ނެރުނީ ބިޑި އަޅުވައިގެންނެވެ. ނިހާދަށް ކޮޅަށް ހުރުމުގެ ހިތްވަރުވެސް ލިބިފައިވަނީ ކިރިޔަކިރިޔާއެވެ. ފިރާޝާ ގޮނޑިން ތެޅުމުގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑުގައި ރިހެމުން ދިޔައެވެ. މޫނުގެ ތަންތަންގަނޑު ވެސް ރަތްވެފައި ހުއްޓެވެ.

"ފިރާޝާ **އަށް ހޭ އަރުވާލާނަން." ފިރާޝާ ފެނުމާއެކު ނިހާދު ބުންޏެވެ.

"މަ މިހުރިހާ ދުވަހު އޮތީ ހޭނަރަޔޭ. މިހާރު ހޭ އަރައިފި. ދެން އިތުރަށް އަރާނެ ހެޔެއްނެތް. ކަލެޔަށް ތި ކޮށްލެވުނު ވަރު އަދި ވެސް ކުޑަ. ޝިހާމާއި ކަލެޔާ ދެމީހުން ރީޝާއަށް ދިން އަނިޔާއާއި ބަލާފައި ތީ ކުޑަ މިންވަރެއް." ފިރާޝާ ނަފުރަތުގެ ބެލުމަކުން ނިހާދަށް ބަލަމުން ޖަވާބުދިނެވެ.

އަންހެން ފުލުހަކު ގޮސް ފާޚާނާގެ ދޮރުގައި ޓަކި ދިނެވެ. ދޮރުހޮޅުވުމަށް އެދުނެވެ. އިރުކޮޅަކުން ފިރާޝާ ވެސް ރީޝާއަށް ގޮވަންފެށިއެވެ. ރީޝާ އިނީ ފާޚާނާ ތަށިމަތީގައި އިށީނދެލައިގެންނެވެ. އޭނާގެ ކުރިމަތީގައި ވެސް ހުރީ ހަމަ "ރީޝާ"އެވެ. ހީވަނީ އެއްމާބަނޑު ދެބެއިން ހެންނެވެ. ރިޝާ މަޑުމަޑުން ތެދުވުމާއެކު ކުރިމަތީގައި ހުރި "ރީޝާ" ޣައިބުވެއްޖެއެވެ. ރީޝާގެ ލޯ މަތިން ފަރުދާވެއްޖެއެވެ.

"ތި ވެދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ރީޝާ ވާހަކަ ދެއްކީ ހިތުންނެވެ. "ތި އެހީތެރިޔާގެ މަދަދު ނުލިބުންނަމަ މިކަން އެހާ ފަސޭހަނުވީސް. ނަވީ ތި މަދަދުގާރުގެ އެހީތެރިކަމަށް އެދުނުކަން އެއީ ހަމަ ނަސީބު. އަހަރެން ހިތަށް އަރާ ޖިންނިއަކު އިންސާނަކަށް ތިހާ އެހީތެރިކަމެއް ތި ދެނީ ކީއްވެގެންބާއޭ؟"

"ރީޝާއަށް އެހީތެރިކަމެއް ދެވުނީތީ އަހަރެން ވަރަށް އުފާވޭ." އެ މަދަދުގާރުގެ އަޑު ރީޝާއަށް އިވުނެވެ. "ކުޑައިރުން ސުރެއް ރީޝާއަށް ލިބެމުންދިޔަ އަނިޔާގެ ސަބަބުން އަހަރެން ރީޝާގެ އެކުވެރިޔަކަށް ވާން ބޭނުންވީ. އަހަންނަކީ ވެސް ތިފަދަ އަނިޔާތަކެއް ތަހައްމަލުކުރަމުން އައި ޖިންނިއެއް. އިންސާނުންގެ ދުނިޔެއެކޭ އެއްގޮތަށް ޖިންނީންގެ ދުނިޔޭގައި ވެސް ތި އަނިޔާ ތަޙައްމަލުކުރަމުންދާ ޖިންނިން ދިރިއުޅޭ. މައިންބަފައިން މަޖުބޫރުކުރުވައިގެން ސިހުރުގެ ކުޅީގައި ޖެހި ހައްޔަރުވެފަ ތިބޭ ޖިންނީން ވެސް އުޅޭ. އަހަންނަކީ އޭގެ ޖިންނިއެއް. އަމިއްލަ މަސައްކަތުން އެކަމުން މިންޖުވެގެން އަހަރެން އިސްލާމަކަށް ވީ ފަހުން އިންސާނުންގެ ދުނިޔެއިން ރީޝާ ފެނުނީ. އަނިޔާތަކެއް ތަހައްމަލު ކުރަމުންދާތަން ފެނުމުން އެހީތެރިވާން ބޭނުންވީ. ފާޅުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވި ނަމަވެސް ސިހުރުވެރިއެއްގެ އުނދަގޫ ޖެހިދާނެކަމުގެ ބިރަށް ސިއްރުން އެހީތެރިވަމުން އައީ. ރީޝާ މާލެ ދިޔުމުން ލިބެމުން ދިޔަ އަނިޔާތަކުގެ ޚަބަރު ވެސް އަހަންނަށް ލިބުނު. އެކަމަކު ވެސް އަހަރުމެން ކަހަލަ މުއުމިނު ޖިންނީންނަކީ އެ އުޅޭތަނެއްގައި އުޅުމަށް ލޯބިކުރާ ބައެއް. މަރުވަންދެން ވެސް އަހަރުމެން ދިރިއުޅެން ބޭނުންވާނީ އުޅޭ ވަޒަނުގައި. އެހެންތަންތަނަށް ޒިޔާރަތްކޮށް ހެދުމުން އެހެން ޝައިޠާނުންގެ ދުއްތުރާތައް ކުރިމަތިވޭ. އެހެންވެގެން މާލޭގައި އުޅުނުއިރު އެހީތެރިކަމެއް ނުދެވުނީ. އެހީތެރިވާން ބޭނުންވެ އެހީތެރިވާން ނުކެރިފައި ހުއްޓައި ރީޝާ ރަށަށް އައުމާއެކު އަނެއްކާ ވެސް އެ ފުރުޞަތު ތަނަވަސްވީ."

"ވަރަށް ބޮޑަށް ޝުކުރިއްޔާ." ރީޝާ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރިއެވެ. ކުރިން އެ ޖިންނިދެކެ ރީޝާ ބިރުގަތް ނަމަވެސް މިރޭ އެ ހިތުގައި ކުޑަ ނަމަވެސް ބިރުވެރިކަމެއް ނެތެވެ. ޝިހާމާ ދެކޮޅަށް ރޭވުނު ރޭވުމުގައި އެ ޖިންނި ޝާމިލުކުރުމަށް ނަވީލް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ރީޝާ ޤަބޫލުކޮށްފިއެވެ. ނަވީލް އެ ގޮތަށް ނިންމީ ޝިހާމްގެ ފުށުން ރީޝާއަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށެވެ.

"ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބުނުތަ؟" ރީޝާ ބޭރަށް ނުކުތުމާއެކު ފިރާޝާ އޮޅުންފިލުވަން ބޭނުންވިއެވެ. ނަވީލާއި ރީޝާގެ ރޭވުމުގައި ޖިންނިއެއް ޝާމިލުވިކަން އެއީ ފިރާޝާއަށް އެނގޭ ޙަޤީޤަތެއްނޫނެވެ.

"އަޅުގަނޑަށް ކަމެއްވުމުގެކުރިން ފުލުހުން އައިސްފި." ރީޝާ ގައިގާ އޮޅާފައިވާ ބެޑުޝީޓު ރަނގަޅުކުރަމުން ޖަވާބުދިނެވެ.

ނިހާދާއި ޝިހާމް ބިޑި އަޅުވައިގެން މަގު މައްޗަށް ނެރުނުއިރު މުޅި މަގުމަތި ވަނީ ހަލަބޮލިވެފައެވެ. ރަށުގެ ރައްޔިތުންވަނީ މަގަށް އެއްވެފައެވެ. އެންމެ ކުރީގައި ހުރީ ނަވީލެވެ. އެމީހުން ފެނުމާއެކު އެންމެން ހޯބޯލަވައި ހަޅޭލަވަން ފެށިއެވެ. ދަންޖައްސައި މެރުމަށް ގޮވަން ފެށިއެވެ. ލަދުވެތި ގުނަވަން ބުރި ކުރުމަށް ވެސް ބައެއް މީހުން ގޮވިއެވެ. ޝިހާމް ވަރަށް ލަދުގަތެވެ. އޭނާ އިސް ޖަހައިލިއެވެ. ނިހާދު މަސްތުގެ ހާލުގައި ހުރުމުން އޭނާގެ ހިތަކަށް މާބޮޑު އެއްޗެއް ނާރައެވެ. އޭނާ ހުރީ ރުޅިގަދަވެފައެވެ. ފުލުހުންނާއި ދިމާއަށް އަވަގުރާނަ ގޮވަމުން އޭނާ ދޫކޮށްލުމަށް ބުނެ ގަދަ ދައްކަމުން ދިޔައެވެ.

ކުއްލިއަކަށް ނަވީލް މީހުންތަކުގެ ތެރެއިން ނުކުމެގެން އައިސް ޝިހާމްގެ އުނުގައި އޮތް ތުވާލިގަނޑު ޖަހައިގަތެވެ. ފުލުސް އޮފިސަރ ތުވާލި އަތުލުމަށް މަސައްކަތްކުރަނިކޮށް މީހުންގެ ތެރެއަށް އެ ތުވާލި ހޫރުވައިލިއެވެ. އެންމެން އެއް އަޑަކުން ހަޅޭލަވަމުން ހޭން ފެށިއެވެ. ޝިހާމްގެ ހަޔާތުގައި އެހާ ލަދުގަތް ވަގުތުކޮޅެއް ނާދެއެވެ. ދެ ފުލުހެއްގެ ނިވަލުގައި ބަހައްޓައިގެން މީހުންތައް އެއްފަރާތް ކުރަމުން ފުލުހުންގެ އިދާރާއާ ހަމައަށް ޝިހާމް ގެންދެވުނެވެ. މީހުންގަނޑު ހަޅޭ ލަވަމުން ފުލުހުންގެ އިދާރާއާ ހަމައަށް ގޮސް އެތަނުގައި ތިބެގެން ވެސް އަޑުގަދަ ކުރިއެވެ.

އެރޭން އެރެޔަށް ފުލުހުންގެ އިދާރާއަށް ރީޝާ ގެންދެވުނެވެ. ރީޝާގެ ބަޔާން ނެގުނެވެ. އޭނާއަށް ޝިހާމްގެ ފުށުން ލިބުނު އަނިޔާތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. ޝިހާމާއި ދެކޮޅަށް އެއްކުރެވުނު ހެކިތައް ފުލުހުންނާއި ހަވާލުކުރެވުނެވެ. ވީޑިއޯއާއި ކާވެނީގެ ލިޔެކިޔުންތަކެވެ. އަދި އޭގެ އިތުރުން ނިހާދު ފިރާޝާއަށް އަނިޔާކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ރީޝާ ދިނެވެ. އެއީ ރީޝާ މާލެ ފޮނުވައިލަން ބޭނުންނުވާކަމަށް ބުނެ ފިރާޝާ އަޑު އުފުލި ދުވަހު ރީޝާގެ ފޯނުގައި ރައްކާކުރި މަންޒަރެކެވެ.

ރީޝާ ފުލުހުންގެ އިދާރާއިން ނުކުމެގެން ގެޔަށްއައިރު ނަވީލް އިނީ އޭނާގެ އިންތިޒާރުގައެވެ. ނަވީލް ހުރީ ހިތްހަމަޖެހިފައެވެ. އުފާވެފައެވެ. ކުށްވެރިންނަށް ޙައްޤު އަދަބުދިނުމަށް ރޭވިރޭވުންތައް ކާމިޔާބުވީތީއެވެ.

"ނަވީ. އަހަރެން މިއަދު ވަރަށް އުފާވެއްޖެ." ރީޝާ ދަތްކޮޅު ފެންނަވަރަށް ހީނލިއެވެ.

"އަހަރެން ވެސް." ނަވީލް ވެސް އެ އުފަލުގައި ބައިވެރިވިއެވެ. "ހިތަށް އަރާ ރީޝް ކުރިން ވެސް އެ ވާހަކަ ބުނި ނަމައޭ. އެންމެ ހިނދުކޮޅަކު ވެސް އެމީހުން މިނިވަންކަންމަތީގައި ނުބޭތިއްބީމުސް."

"ސޮރީ." ރީޝާ މާޔޫސްވެއްޖެއެވެ. "ނަވީއަށް އެކަން ސިއްރުކުރެވުނީތީ."

ކުއްލިއަކަށް ނަވީލް ވެސް ރީޝާއަށް ކަމެއް ސިއްރުކުރަމުންދާކަން ހަނދާނަށް އައުމާއެކު އޭނާ ވެސް މޮޅިވެރިވެއްޖެއެވެ. އޭނާއަކީ ނިހާދުގެ ލޭކަން އެނގިއްޖެނަމަ ރީޝާ އޭނާ ބަލައިގަންނާނެ ހެއްޔެވެ؟ ދެ ފިކުރެއްގައި ހުރެފައި ނަވީލް އެ ސިއްރު ހާމަކޮށްލިއެވެ. ރީޝާއަށް ފުރަތަމަ ލިބުނީ ޝޮކެކެވެ. ޤަބޫލުކުރަން ދަތިވިއެވެ. އެހެނަސް ނަވީލްގެ އަބުއިކަން އެކުލެވިފައިވާ މޫނު ފެނުމާއެކު އެކަން ޤަބޫލުކުރަން މަޖުބޫރުވީއެވެ.

"ތީ އެ ނުލަފާ މީހާގެ ދަރިއެއްނޫން." ރީޝާ ބޭނުންވީ އެ ޙަޤީޤަތެއްކަމަށް ޤަބޫލުނުކުރާށެވެ. "އޭނާގެ ލޭ ވެސް ތި ހަށިގަނޑަކު ނުވާނެ. ތީ އެޔަށްވުރެ މާ މާތް މީހެއް. ތި ކަހަލަ އަންހެނުންނަށް އިޚްތިރާމްކުރަން ދަންނަ އިންސާނެއް މި ދުނިޔޭގައި މަދުވާނެ. ކޮންމެ އަންހެނަކު ވެސް ތި ކަހަލަ ފިރިހެނަކު ބޭނުންވާނެ."

"އަސްލުވެސްތަ؟" ނަވީލް މަޖާވެލައިފައި އަހައިލިއެވެ. "ޤަބޫލުވެސް ނުކުރެވޭ ރީޝާގެ ދުލުން އެއްވެސް ފިރިހެނަކަށް ތަޢުރީފުކޮށްފާނެކަމަކަށް."

"ފޮނިނުވޭ." ރީޝާ ރަކިވެއްޖެއެވެ. "ތީ ފޮނި ފިރިހެނެއް."

"ފޮނިކަން އެނގެނީ ކިހިނެއް. ރަހަބެލީތަ؟" ނަވީލް ސަމާސާކޮށްލިއެވެ.

"ދެން ނަވީ." ރީޝާ ރުޅިއަންނަ ކަމަށް ހެދުނެވެ. ނަވީލް ހީނގަތެވެ.

"ރީޝް ވެސް ތީ އަހަރެން ބޭނުންވާ ކަހަލަ އަންހެނެއް." ސަމާސާގެ ކުލަވަރު ފަނޑުކުރަމުން ނަވީލް ބުންޏެވެ. "ތިހާ ހިތްވަރުގަދަ ކެރޭ އަންހެނުން އަހަންނަށް ވަރަށް ކަމުދޭ. މިހާރު ދެން މި އިންތިޒާރުކުރެވެނީ ރީޝްއަށް 18 އަހަރު ފުރޭނެ ދުވަހަކަށް. 18 ވާއިރަށް އަހަރެން ބޭނުން ރީޝްއާ އިންނަން."

ކާވެނީގެ ވާހަކަ ދެއްކުމާއެކު ރީޝާ ނުތަނަވަސްވެއްޖެއެވެ. ނަވީލާއެކު އުފާވެރި ބާއްޖަވެރި ހަޔާތެއް ފެށުމަށް ރީޝާ ވެސް ބޭނުންވެއެވެ. އެހެނަސް އެ ހަޔާތަށް ވެސް ޝިހާމްގެ ބިރުވެރި ހިޔަނީގެ އަސަރުތައް ކުރާނެކަން އެއީ ޔަޤީންކަމެކެވެ. އެހާ ދުވަހު އަނިޔާތައް ތަހައްމަލުކުރަމުން އައުމުގެ ސަބަބުން އެ ބިރު ފިލުވައިލުމަށް ދުވަސް ނަގާނެއެވެ.

"އަހަރެންނަށް އިނގޭ ރީޝްއަށް އުނދަގޫތައް ކުރިމަތިވާނެކަން." ރީޝާގެ ހާލަތު ނަވީލަށް ވިސްނުމާއެކު ބުންޏެވެ. "އަހަރެން ކެތްތެރިވާނަން. އެހީތެރިވާނަން. މަރުދުވަހާ ހަމައަށް ވެސް ރީޝްއާއެކުގައި ވާނަން. އެހާ ބޮޑަށް އަހަރެން ލޯބިވޭ."

ޖެހިގެން އައި ދުވަހު އިރުއެރިއިރު ރީޝާގެ ޚަބަރު ރާއްޖޭގެ ހުރިހާ މީޑިއާއެއްގައި ފަލަ ސުރުޙީއަށް އަރައި އެއް އަޑަކުން ގުގުމަންފަށައިފިއެވެ. މީސް މީޑިއާގައި ފަތުއަޑު ކިޔައިފައި ދައުރުވާން ފަށައިފިއެވެ. ޝިހާމާއި ނިހާދުގެ ފޮޓޯތަކެވެ. ރީޝާގެ ފޮޓޯތައް ހިއްސާކުރި ބަޔަކު ވެސް އުޅުނެވެ. ފުލުހުން އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރިއެވެ. ބައެއް މީހުން ދުށް ގޮތުގައި ކުށްވެރިޔަކީ ރީޝާއެވެ. އެހާ ދުވަސްވަންދެން އެކަން ސިއްރުކޮށްގެން އުޅުނީތީއެވެ. ރީޝާ ވެސް އެކަމަށް ބޭނުންވެގެން ހިމޭނުން ހުރީ ކަމަށް ބުނެ އިލްޒާމުތައް ވެސް އޭނާ ބޮލުގައި އެޅުނެވެ. ފިރާޝާ ކުށްވެރިޔަކަށް ހެދި ބަޔަކު ވެސް އުޅުނެވެ. ލާރީގެ ދަހިވެތިކަމުގައި ޝިހާމަށް ރީޝާ ވިއްކާލި މީހަކީ ފިރާޝާކަމަށް ވެސް ކިޔަމުން ގެންދިޔައެވެ.

އެމީހުންގެ އަނގަތައް ބެދުނީ ރީޝާ ލިޔުނު ވާހަކަ މީސްމީޑިއާގައި ދައުރުވާން ފެށި ހިސާބުންނެވެ. އެ އަނިޔާއިން ސަލާމަތްވުމަށް ރީޝާ ކުރި މަސައްކަތާއި ކުރިމަތިވި ހުރަސްތައް އެ ވާހަކާގައި އޮތެވެ. ރީޝާ އޮތީ އެ ވާހަކައިގެ ނިމުމަށް ބަދަލު ގެނެސްފައެވެ. ރީޝާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ޝިހާމް ވަނީ އޭނާއާ ދެކޮޅަށް ހޯދި ހެކިތައް ހޯދާށެވެ. އެ ހެކިތައް ނުލިބުމުން ރީޝާއަށް އަނިޔާއެއް ދިނުމަށް ޝިހާމް ބޭނުންވީއެވެ. ނަވީލަށް ޝައްކުތަކެއްވެފައި އޮތުމުން ފުލުހުންނަށް ރިޕޯޓްކުރީކަމަށް ނިމުމުގައި ލިޔެފައިވެއެވެ.

އެ ވާހަކަ ކީ އެންމެން ވެސް ރީޝާއަށް ތަޢުރީފުކުރިއެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ހުރިހާ އަންހެނުންނާއި ކުޑަކުދިން ވެސް އެކަމުން އިބްރަތް ޙާސިލުކުރުމަށް ގޮވަމުން ދިޔައެވެ. އެކަމުން ހިތްވަރު ލިބިގަތުމަށް އެދެމުން ދިޔައެވެ. އެފަދަ އަނިޔާތައް ތަހައްމަލުކުރަމުންދާ އެންމެ އެކަންކަން ސިއްރުނުކޮށް ހިއްސާކުރުމަށް ގޮވިއެވެ. ޝިހާމާއި ނިހާދުގެ އިތުރުން އެކަމުގައި ޝާމިލުވީ އެހެން މީހުން ހައްޔަރުކުރުމަށް ވެސް ގޮވަންފެށިއެވެ. އެޔާއެކު ކާވެނީގެ ލިޔުމުގައި ސޮއިކޮށްފައިވާ ދެ ހެކީންނާއި ޝިހާމްގެ އަންހެނުން ރިޒްމާ ހައްޔަރުކުރެވުނެވެ. ފުލުހުންގެ އިދާރާއިން މައްސަލަތައް އޮއްބައިލުމަށް މަސައްކަތްކުރި ފުލުހުންނަށް ވެސް ފިޔަވަޅު އެޅުނެވެ. އެ ހުރިހާކަމެއް ރީޝާ ބޭނުންވި ގޮތަށްވެ ނިމިގެން ދިޔައީ ރީޝާ ލިޔުނު ވާހަކައިގެ ސަބަބުންނެވެ. ރައްޔިތުންނަށް ޙަޤީޤަތް އެނގި ރައްޔިތުން އެއްބައިވެ ހަރުއަޑުން ގޮވެލިފަތިތައް ގޮވަމުން ދިޔުމުގެ ސަބަބުން އެއްވެސް ކުށްވެރިއަކަށް ސަލާމަތްވާނެ ފުރުޞަތެއް ނުލިބުނެވެ. ހުރިހާ އެންމެނަށް ވެސް ޤާނޫނުގައި ކަނޑައެޅިފައި އޮތް އަދަބު ދެވުނެވެ. އެ ހިސާބުން ރީޝާއަށާއި ފިރާޝާއަށް އިންސާފު ލިބި، ދެމައިންގެ ޝިކާޔަތުތަކަށް ނިމުން އައީއެވެ.

މިއީ ރީޝާފަދައިން އަނިޔާތައް ތަހައްމަލުކުރަމުން ދާ މީހުންނަށް އޭނާ ދޭން ބޭނުންވާ ނަސޭޙަތެކެވެ. އެފަދަ އަނިޔާތައް ބަރުދާސްތުކޮށްގެން އުމުރު ނަގައިލުމަށް ނުވިސްނާށެވެ. އަމިއްލައަށް ނުކުރި ހިތްވަރެއް އެހެން މީހަކަށް ނުކުރެވޭނެއެވެ. ހިތްވަރު ނެތްނަމަ އެކުވެރިންގެ މަދަދަށް އެދޭށެވެ. ޤާނޫނު ނެގެހެއްޓުމަށް ތިބޭ މީހުންގެ ފަރާތުން އެއްބާރުލުން ނުލިބުނަސް ހިތްވަރު އެލުވައިނުލާށެވެ. އުންމީދުގެ ހުޅުކޮޅު ނިވުނަ ނުދޭށެވެ. ތިމާގެ ބަދުނަސީބު ހަޔާތާމެދު ޝަކުވާކުރަން ނީނދެ އަޑު އުފުލާށެވެ. ހެއްދެވި ފަރާތުގެ މަދަދާއި އެހީތެރިކަމަށް އެދި ދަންނަވާށެވެ. އޭރުން ކޮންމެވެސް ދުވަހަކުން އެ ޝިކާޔަތުތަކަށް ނިމުން އައިސް އައު ފަތިހަކަށް އަލިވިލޭނެއެވެ. (ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އއ

    ވ ވ ވ ރީތި

    21
    1
  2. އައިޝާ

    މާޝާ ﷲ މިއީ ވަރަށް ރީތި ވާހަކައެއް

    24
    1
  3. ޔޫން

    ވަރަށް ރީތި ވާހަކައެއް މީ?

    17
    2
  4. ޏަމްޏަމް

    ވ ރީތި ވާހަކަ

    16
    1
  5. ރއގ

    ވަރަށް ރީތީ ވާހަކަ އެއް??

    14
  6. ބަކަރިބޭ

    ދެން ކޮބާ ނިހާދުގެ ބޮޑުދައިތަ (ޒައިދުގެ މަންމަ) ؟ އެމަންޖެގެ އެއްވެސް ޚަބަރެއް ވާހަކަ ނިމުނު އިރުވެސް ނުވި!

    15
    1
  7. ރީޝާ

    ވާހަކަ ވ ރީތި.. ނިހާދު އަށް ނަވީލް އެއީ އޭނަގެ ދަރިއެއްކަން އަންގާލިނަމަ އަދި ވ ސަޅިވީސް

    • ރީޝާ މޮމީ

      އެ ވާހަކަ ބުނެދީފައެއްނު އެ އޮތީ. ވާހަކަ އެއްކޮށް ނުކިޔަންތަ؟

      8
      2
  8. ލީޝް

    މާޝާ ﷲ ވަރަށް ފުރިހަމަ ޢިބުރަތްތެރި ވާހަކައެއް?????????? ތިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި އަދިވެސް މިފަދަ އެތައް ވާހަކަތަކެއް ކިޔާލަން ލިބޭނެ ކަމުގައި އުއްމީދު ކުރަން??????????????????????????????????????ސާބަސް ހަމަ ސާބަސާ?????????????????

    11
    1
  9. ????????

    ވާވް....މަގޭވެސް އަނގަ ބެދިއްޖެ....

    8
    1
  10. ފާތުން

    ވަރަށް ރީތި

  11. ާަޒީ

    މިކަހަލަ ވާހަކަ ލިޔެލަައްޗޭ..ވަރަށް ވަރަށް ރީތި މިވާހަކަ❤️❤️❤️❤️