ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ މަރުވެއްޖެ އެވެ.

ރޯމޭނިއާއަށް ނިސްބަތްވާ ޑުމިޓްރޫ ކޮމެނެސްކޫ ނަމަކަށްކިޔާ އެ ފިރިހެން މީހާ މަރުވެފައި ވަނީ އުމުރުން 111 އަހަރުގައި މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

ކޮމެނެސްކޫއަށް ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބު ލިބިފައި ވަނީ މީގެ މަހެއްހައި ދުވަސް ކުރިން، ދުނިޔޭގައި އޭރު ހުރި އެންމެ އުމުރުން ދުވަސްވީ، އިނގިރޭސިވިލާތަށް ނިސްބަތްވާ ބޮބް ވެއިޓަން، އުމުރުން 112 އަހަރުގައި މަރުވުމުންނެވެ. މި ލަގަބު ލިބުމާއި ގުޅިގެން އޭނާއަށް ޚާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައި ވެއެވެ.

އެކަމާއި ގުޅިގެން މީގެ ކުރިން ނޫސްތަކުގައި ވާހަކަ ދައްކަމުން ކޮމެނެސްކޫ ބުނެފައި ވަނީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ލަގަބު ލިބުމުން ފަޚުރުވެރިވާ ކަމަށެވެ. އަދި ދުނިޔޭގައި އެހައި ދުވަހު އުޅެވުނީ އަނބިމީހާ އާއި ދަރިންގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދުނިޔޭގައި ކުރެވުނު ބޮޑު ދެ ހަނގުރާމައާއި، ދުނިޔެއަށް މީގެ ކުރިން ކުރިމަތިވި، ކޮވިޑް އާއި އެއްގޮތް ސްޕެނިޝް ފްލޫގެ ބޮޑު ބަލިމަޑުކަން ވެސް ދެކެފައިވާ، ކޮމެނެސްކޫ މަރުވެފައިވަކަން ރޯމޭނިއާގެ އިދާރާތަކުން ވެސް ވަނީ ހާމަކޮށްފައި ވެއެވެ. ނަމަވެސް އޭނަ މަރުވި ގޮތެއް އަދި އެފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ކޮމެނެސްކޫ އުފަންވީ 1908 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އޭނާ ދިރިއުޅުމަށްޓަކައި ކުރަމުން އައީ ދަނޑުވެރިކަމުގެ މަސައްކަތެވެ.

ދުނިޔޭގައި މިހާތަނަށް އެންމެ އުމުރު ދިގު ފިރިހެނަކަށް އުޅެފައި ވަނީ އުމުރުން 116 އަހަރުގައި 2013 ވަނައަހަރު މަރުވި ޖަޕާނަށް ނިސްބަތްވާ މީހެކެވެ. އަދި އެންމެ އުމުރު ދިގު އަންހެނެއްގެ ލަގަބު ލިބިފައި ވަނީ 1997 ވަނަ އަހަރު މަރުވި ފްރާންސްގެ އަންހެނެކެވެ. އޭނާ މަރުވީ އުމުރުން 122 އަހަރާއި 164 ދުވަސް ވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަސީރު

    އިތިއޯޕިއާގައި ކޮވިޑް ޖެހުނު 114 އަހަރުގެ މީހަކު ރަނގަޅުވެއްޖެ"
    މިވެސް ކުރިން ދުވަހެއްގަ ޚަބަރެއްގަ އޮތް ވާހަކައެއް. މަގޭ ހިތަށް އަރާ ދުނިޔޭގައި އެންމެ ދުވަސްވީ މީހާ މިބަލަނީ ކިހިނަކުންބާއޭ.

    11
    2
  2. Anonymous

    ޢެހެން ނޫނަސް އޮތް 136 އަހަރު މާމައެއްގެ ވާހަކަ ވެސް ޖަހާފަ... ބޮއެހަލާކު...

  3. ހާލުފޮޅި

    އެންމެ ދުވަސްވީ ކިތައްމީހުން އުޅޭބާ . . މީ 111 އަހަރު . . 114، 116 އަހަރުގެ މީހުންވެސް އެބައުޅޭ . . ދެން ކީއްވެބާ މިމީހާ ވާންވީ އެންމެ ދުވަސްވީ މީހާއަށް ؟؟؟؟؟