އިއްޒަތުގައި އުޅުމަށްފަހު އެ އިއްޒަތް ގެއްލުމަކީ އެކަމުގެ ސަބަބުން ހަޔާތަށް ބޮޑު ބަދަލެއް އަންނަ ކަމެއް ކަމާއި، ޝާހީ ދިރިއުޅުމެއްގެ ހިތްހަމަ ޖެހުން އިހުސާސް ކުރެވެނީ އެ އުޅުމުން ދުރުވުމުންކަން އިނގިރޭސި ކުރީގެ ބޮޑުވަޒީރު، ޓޯނީ ބްލެއާއަށް ވެސް ވަނީ ތަޖުރިބާ ކުރެވިފައެވެ.

އިނގިރޭސިވިލާތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބްލެއާ ވިދާޅުވެފައި ވަނީ، ސިޔާސީ މައިދާނުގައި މަސައްކަތް ކުރަމުން ދަނިކޮށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް އިންތިޚާބުވި ދުވަހުން ފެށިގެންވެސް އޭނާ ގޭތެރޭގައި އަމިއްލައަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އެ ހުރިހައި މަސައްކަތް ބެލެހެއްޓުމަށް އޭރުއްސުރެ މިއަދާއި ހަމައަށްވެސް ތިބެނީ މުވައްޒަފުން ކަމަށް ބްލެއާ ވިދާޅުވެއެވެ.

ބްލެއާ ވިދާޅުވީ، 1997 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުކަމުގެ މަޤާމުގައި ދިހަ އަހަރު ދުވަސް ހޭދަ ކުރުމަށްފަހު މަޤާމުން ވަކިވެވަޑައިގަތުމުން ދިރިއުޅުމަށް އައީ ކުއްލި ބަދަލެއް ކަމަށެވެ. ނަމަވެސް މަޤާމުގައި ހުންނަވައިގެން އާދަވެފައި ހުރި ބައެއް ކަންކަން ފަހުން ވެސް ހުރީ އެގޮތުގައި ކަމަށް ބްލެއާ ވިދާޅުވިއެވެ.

"މަޤާމުން ދުރުވިފަހުން ދިރިއުޅުމަށް ގެންނަން ޖެހުނު ބަދަލުތަކަށް އަދިވެސް ރަނގަޅަކަށް ނުހޭނޭ. އަމިއްލަ ގިނަ ކަންކަން އަދިވެސް ކުރަން ޖެހެނީ މުވައްޒަފުން ލައްވައި. މިހާރު މިވަނީ އެގޮތުގައި ދިރިއުޅެން އާދަވެފައި،" ބްލެއާ ވިދާޅުވިއެވެ.

ގޭތެރެ ސާފުކޮށް ގެއަށް ބޭނުންވާ ތަކެތި ގަންނަން ދިއުމުން ފަށައިގެން ކާރު ދުއްވަން ވެސް މުވައްޒަފުން ގެންގުޅުއްވާކަން ހާމަކޮށް ބްލެއާ ވިދާޅުވީ، އެންމެ ފަހުން ގޭގައި އަމިއްލައަށް ކުރެއްވި މަސައްކަތެއްގެ ގޮތުގައި ހަނދާން ހުރީ އެންމެ ހަގު ފިރިހެން ދަރިކަލުންނަށް އޮމްލެޓެއް އަޅައިދިން ހަނދާން ކަމަށެވެ. ހަމަ އެހެންމެ ސިޔާސީ އިސް މަޤާމުތަކަށް ވަޑައިގެންނެވި ފަހުން އާއިލާ އާއި އެކު ހޭދަކުރެވެނީ މަދު ވަގުތުކޮޅެއް ކަމަށް ބްލެއާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ބްލެއާގެ ހުރިހާ މުވައްޒަފުންހެން މިހާރު "ގެއްލިފައި" ވާއިރު، އޭނާ ވިދާޅުވީ މުވައްޒަފުންނާއި ނުލައި ދިރިއުޅެން ޖެހުމަކީ ދަތި ވޭނެއް ކަމަށެވެ. އަދި މުވައްޒަފުން ކުރަނީ ކިހައިވަރެއްގެ ޚިދުމަތެއްކަން ތަސައްވުރު ކުރެވެނީ އެ މުވައްޒަފުން ނެތުމުން ކަމަށް ވެސް ބްލެއާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި ފުރަބަންދު އިއުލާނުކުރީއްސުރެ ގޭގައި ހުންނެވި ބްލެއާ ވިދާޅުވާ ގޮތުން، މިއީ އޭނާއަށް މިހާތަނަށް ހަޔާތުގައި ވެސް އާއިލާއާއެކު އެންމެ ގިނަ ވަގުތު ހޭދަކުރެވުނު ފަހަރު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމަށާއި، ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށް ބްލެއާ ވިދާޅުވިއެވެ.