ކައިވެނީގެ ހަޔާތަކީ ދިރިއުޅުމުގައި އަންނަ އެންމެ މުޙިންމު އެއް މަރުޙަލާއެވެ. މި މަރުޙަލާގައި ދަރިން ލިބި ރަނގަޅުގޮތުގައ ތަރުބިއްޔަތުކޮށް ކާމިޔާބު ބަޔަކަށް ހަދައި ބޮޑު ކުރުމަކީ ކޮންމެ ދެމަފިރިއެއްގެ ވެސް އެންމެ ބޮޑު އެއް އުންމީދަށް ވާނެއެވެ. ނަމަވެސް މި އުންމީދު ފުރިހަމަ ނުވެ، ހަޔާތުގެ ބޮޑު ބައި ނާއުންމީދުވެ ހޭދަކުރަން ޖެހޭ މީހުންވެސް މަދެއް ނޫނެވެ.

މިއީ އުގާންޑާގެ އަންހެނަކު، ކައިވެނީގެ ހަޔާތަށްފަހު ކުރަމުން އައި ދިގު އިންތިޒާރަށް އައި ފޮނި ނިމުމުގެ ވާހަކައެވެ. ދަރިޔަކު ހޯދުމަށް ސަފީނާ ނަމުކްވަޔާ 45 އަހަރުވަންދެން ދެކެމުން އައި ހުވަފެން، އުމުރުން 64 އަހަރުގައި ހަޤީޤަތަކަށް ވެގެންދިޔަ ގޮތުގެ ވާހަކަ، އޭނާ ވަނީ އެންމެންނާއި ޙިއްސާކޮށްފައެވެ.

މިހާތަނަށް ދެ ކައިވެންޏެއް ކޮށްފައިވާ ސަފީނާ އެންމެ ފުރަތަމަ ޒަވާޖީ ހަޔާތެއް ފެށީ 1973 ވަނަ އަހަރުގައެވެ. އެ ކައިވެންޏަށް ދިރުން ގެނުވައިދިން އުންމީދު ނިމުމަކަށް އައީ، ބަލިވެ އިންތާ ގިނަ ދުވަސްތަކެއް ނުވަނީސް ދަރިފުޅު ބައިގެން ދިއުމުންނެވެ. އޭގެފަހުން ކައިވެނި ނިމުމަކަށް އައީ ދަރިޔަކު ހޯދަން ކުރި އުންމީދު ހާސިލްވާގޮތް ނުވެ އެތައް އަހަރެއް ހޭދަކުރުމަށް ފަހުއެވެ.

އާ އުންމީދަކާއެކު ސަފީނާ ދެވަނަ ކައިވެންޏެއް ކޮށްފައި ވަނީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން ވެސް ދަރިޔަކު ނުލިބި، ދަރިމައިވާ އުމުރު ފަހަނައަޅައި ދިއުމުން އޭނާ ހުރީ ދެން އެ ނަސީބު ލިބެން ނެތް ކަމަށް ނިންމައިގެންނެވެ. ނަމަވެސް މި އުންމީދު އޭނާއަށް އަލުން އާވެގެން ދިޔައީ އޭނާ ނިސްބަތްވާ އަވަށުގައި ހިންގަން ފެށި އަންހެނުންނަށް ޚާއްސަ ހޮސްޕިޓަލެއްގެ ޑޮކްޓަރުންގެ ފަރާތުން ލިބުނު ހިއްވަރާއެކު އެވެ.

ސަފީނާ ބުނެފައިވާ ގޮތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ، އައިވީއެފްގެ ޒަރިއްޔާއިން އޭނާއަށް ދަރިޔަކު ލިބިދާނެ ކަމަށް ބުނެ، އެކަމަށް ބާރު އަޅާފައެވެ. އައިވީއެފް އަކީ ދަރިން ލިބޭނެ އެހެން ހުރިހާ މަގެއް ބަންދުވުމުން ދަރިން ހޯދޭނެ އެންމެ ފަހު ގޮތްކަމަށް ދެކި، އަންހެން މީހާގެ ރަހިމުގެ ފާރުގައި މުޑުވައްވެފައިވާ ބިސް އިންދައި ދަރިން ހޯދުމުގެ ސިއްޙީ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ސަފީނާ ފަރުވާ ހޯދަން ފެށީ މިދިޔަ އަހަރުގ މާރިޗު މަހުގެ ތެރޭގައެވެ. އޭގެފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާ ބަލިވެ އިން ޚަބަރު ޑޮކްޓަރުންގެ ފަރާތުން ލިބުނެވެ. ނަމަވެސް ސަފީނާ އޭރުވެސް ހުރީ، އެންމެ ފުރަތަމަ ބަލިވެ އިނުމަށްފަހު ދަރިފުޅު ބައިގެން ދިޔަފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި ކަންބޮޑުވެފައެވެ.

ސާފީނާ ބުނިގޮތުގައި އެ ކަންބޮޑުވުންތަކާއެކު އޭނާ ދިޔައީ ބަލިވެ އިންފަހުންވެސް އާދަކޮށް ކޮންމެ ހަފްތާއެއްގައި ޑޮކްޓަރުންނަށް ދައްކައި އިރުޝާދު ހޯދަމުންނެވެ. އެގޮތުގައި އަށްމަސް ވީފަހުން ބަނޑަށް ތަދުވާތީ ސަފީނާ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއް ނުވަނީސް އޭނާ ވަނީ ވިހާފައެވެ. ދުވަސް ނުފުރާ ސަފީނާގެ ދަރިފުޅު ނަގަން ޖެހުނީ، ދިމާވި ހާލަތެއްގެ ސަބަބުން ކުއްޖާގެ ވިންދު ދަށްވެ ނޭވާލާން އުނދަގޫވުންފަދަ މައްސަލަތަކެއް ދިމާވުމާއި ގުޅިގެންނެވެ. ނަމަވެސް ވިހެއުމަށްފަހު ކުއްޖާއާއި ސަފީނާގެ ހާލުވެސް މިހާރު ރަނގަޅެވެ.

އެތައް އަހަރެއްވީ މި އުފާވެރި ދުވަސް ހަނދާނަށް ގެންނަމުން، އުފަލުން ފޮޅިފައި ހުރެގެން ސަފީނާ ބުނެފައިވަނީ އޭނާގެ "ދަރިފުޅަށް ކިޔަނީ ސާރާ" ކަމަށެވެ.