ކޮންމެ ދުވަހަކު އެތަކެއް ވަގުތެއް ޑެސްޕަރޯލް އިންޖެކްޝަން ޖަހައިގެން އަހަރެން ހޭދަކުރަމެވެ. ބައެއް ހަފްތާތަކުގައި ހަފްތާއަކު ދެފަހަރު ލޭ އަޅަންޖެހެއެވެ. އަހަރެންގެ ދިރިއުޅުމަކީ އެހެން މީހުންގެ ދިރިއުޅުމާ ވަރަށް ތަފާތު ދިރިއުޅުމެކެވެ. ދިރިއުޅުމުގައި ގިނަ ކަންކަން ކުރަން ބޭނުންވިނަމަވެސް، ލޭ އެޅުމުގައްޔާއި ޑެސްފަރޯލް އިންޖެކްޝަން ޖަހައިގެން ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހިފައިވުމުން ކިތަންމެ ބޭނުންވިޔަސް އެކަންތައްތައް ކުރަން ވަގުތެއް ނުލިބެއެވެ. މިއީ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. ތެލެސީމިޔާ މޭޖާއެއްގެ ހަޔާތުގެ ވާހަކައެވެ.

އަހަރެންގެ މޫނުމައްޗަށް ކިތަންމެ ހިނިތުންވުމެއް ވެރިވެފައި ހުއްޓަސް އަހަރެން ކޮންމެ ދުވަހެއް ހޭދަކުރަނީ ނުހަނު ވޭނާއެކުގައެވެ. އަހަރެންގެ ހަށިގަނޑުގައި ވޭން ނާޅާ އެންމެ މިނެޓެއްވެސް ކަޑައްތެއް ނުކުރެއެވެ. ކިތަންމެ ކުޑަ ކަމެއްކޮށްލިޔަސް އަހަރެންނަށް ވަރުބަލިކަން އިޙްސާސް ކުރެވެއެވެ. އަދި އެވަރުބަލިކަން އިތުރުވަނީ މުޖުތަމަޢުގައި އަހަރެމެންނާމެދު ދެކެމުން އަންނަ ގޮތް އެނގުމުންނެވެ. ތެލެސީމިއާ މޭޖާއެއްކަން އެނގުމުން މުޖުތަމައުން އެކަހެރިކޮށްލާ އެކަހެރިކަން އިޙްސާސްވުމުންނެވެ.

އަހަރެންގެ މައިންބަފައިން ކައިވެނީގެ ގޮތުން ގުޅި ޒަވާޖީ ޙަޔާތެއް ފެށިއިރު އެދެމީހުންނަކީ ތެލެސީމިއާ ކެރިއަރެއްކަމެއް އެދެމީހުންނަކަށް ނޭނގެއެވެ. އަހަރެންނަކީ ތެލެސީމިއާ މޭޖާރއެއްކަން މަންމައަށާއި ބައްޕައަށް އެނގުނީ އަހަރެން އަބަދު ރޯ ތީ ޑަކްޓަރަށް ދެއްކުމަށްފަހު ހެދި ޓެސްޓްތަކަށްފަހުގައެވެ. އެހެންނަމަވެސް މިއަދު މިކަން މިވަނީ ބަދަލު ވެފައެވެ. ތެލެސީމިއާ ޓެސްޓް ހެދުމަކީ މިހާރު ލާޒިމްކަމެކެވެ. އަދި ޒަވާޖީ ހަޔާތަކުން ގުޅޭއިރު ދެމީހުންގެ ދަރިންނަށް ތެލެސީމިއާ މޭޖާ އެއް ލިބޭނެ ކަން ނުވަތަ ނޫންކަން އެނގެއެވެ.

ވާހަކައެއް ބުނަން ހެއްޔެވެ! އަހަރެންނަކަށް އަދި ތިކިޔާ ލޯތްބަކީ ކޯއްޗެއްކަމެއް އަދި ކިހާވަރެއްގެ އެއްޗެއް ކަމެއްވެސް ނޭނގެއެވެ. އެހެންނަމަވެސް އެނގޭ ހާވެސް އެއްޗަކީ ތެލެސީމިޔާ ދެ ކެރިއަރުން ކައިވެނިކޮށް ތެލެސީމިއާ މޭޖާ ކުއްޖެއް އުފަންކޮށް އެޔަށް ލޯތްބޭ ނަންދީފިނަމަ އެފަދަ ލޯތްބެތް ދުވަހަކުވެސް ބޭނުމެއް ނޫނެވެ. އަހަރެންނަށް މިވޭން އިޙްސާސް ވެއެވެ. ކޮންމެ ދުވަހަކު މިވޭން ތަޙައްމަލު ކުރަން ޖެހެއެވެ. ނަމަވެސް އެއީ އަހަރެންގެ ތަޤްދީރު ތާއެކެވެ. އެކަމާ އަހަރެންގެ ޝަކުވާއެއް ނެތެވެ. ދެރަވެ ހިތާމައެއްވެސް ނުކުރަމެވެ.

ތެލެސީމިއާ މޭޖާއަކަށްވާތީ ދިރިއުޅުމުގައި ވަރަށްވެސް ބޮޑެތި ކަންކަން ދިމާވެފައި އެބަހުއްޓެވެ. މީގެ ތެރެއިން އެއްކަމަކީ ޒަވާާޖީ ހަޔާތަކުން ގުޅޭނެ ބައިވެރިއެއް ނުލިބުމެވެ. މިމުޖުތަމަޢުގެ ވިސްނުން ހުރިގޮތުންނެވެ. އެހެންނަމަވެސް އަހަރެންވެސް އަހަރެންގެ އެކުވެރިން ފަދައިން ކުއްޖަކާ ރައްޓެވިވާން ބޭނުމެވެ. އަދި ކައިވެނިކޮށް ލޯބި ދިރިއުޅުމެއްވެސް އުޅެން ބޭނުމެވެ. އަހަރެންނަށް ބައްޕާއޭ ކިޔާލާ ގޮވާލާނެ ދެތިން ކުއްޖެއްވެސް ބޭނުމެވެ. މިވާހަކަތަކަށް ދައްކާނެ މީހަކު މިމުޖުތަމަޢުގައި ހުންނާނެ ނަމައޭ ހިތަށް އަހަރައެވެ. މިކަމާ އަޑު ނޫފުލަނީ އަހަރެމެންގެ އިޙްސާސްތަކަށް ހަމަ ކުޑަވެސް އިޙްތިރާމެއް ނެތީތީއޭވެސް ހިތައްއަރައެވެ.

އަހަރެންގެ ހަޔާތުގައި މިހާނަތަނަށް ގިނަ ކާމިޔާބީ ތަކެއް ހޯދާފީމެވެ. ހަމަގައިމުވެސް އެކަންތައްތަކަކީ އަހަރެންގެ ނަޒަރުގައި ކާމިޔާބީއެވެ. އަހަރެންފަދަ ތެލްސީމިއާ މޭޖަރުންނާއެކު އިޙްތިފާލްތަށް ބާއްވާ، ތެރެސީމިއާޔާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވުން އެއީ އަހަރެންގެ ނަޒަރުގައި އަހަރެންނަށް ހަޔާތުގެ އެންމެ ބޮޑު އެއްކާމިޔާާބީއެވެ. ނަމަވެސް އަހަރެންގެ ރަޙްމަތްތެރިންގެ ތެރެއިން ގިނަ ރަޙްމަތްތެރިން މިދުނިޔެއާ އަލްވަދާޢު ކިޔާފިއެވެ. އެމީހުންނަށް ސުވަރުގޭގެ އެންމެ މަތީ ނިޢުމަތް ދެއްވާށި، އާމީން! ދެން އޮތީ އަހަރެންގެ ނަންބަރު ކަންނޭނގެއެވެ. ނަމަވެސް އަހަރެން އެކަމާ ހިތާމައެއް ނުކުރަމެވެ. އަހަރެންނަށް ލިބޭ ހަމައެކަނި ހިތާމަވެރި ޚަބަރަކީ ދެކެރިއަރުން ކައިވެނި ކުރަން އުޅޭކަމުގެ ޚަބަރެވެ. އަހަރެންފަދަ އިތުރު ދަރިއެއް މިދުނިޔެއަށް އުފަންވެ، އަހަރެން މިއުފުލާ ވޭން ތަޙައްމަލް ކުރަންޖެހޭނެކަން އެނގޭތީވާދެރައެވެ.

ނޯޓް: މިއީ ތެލެސީމިއާ ކުއްޖަކު ކިޔައިދިން ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޫން

    މީވަރަށް ހިތާމަހުރިކަމެއް. ޢަދިވެސް 2 ތެލެސީމިޔާ ކެރިޔަރުން ކައިވެނި ކުރޭ. މީ ޝައިތޯނަީ ލޯބީގަ ދަރިންނަށް ދޭވަރަށް ބޮޑު އަނިޔާއެއް. މިކަން ހުޓުވަން ޤާނޫނީ އިމުގެ ތެރޭން ހައްލެއް ހޯދަންޖެހޭ.

    • ނުރަބޯ

      ރަނގަޅު ވާހަކައެއް. މިއީ ހަމަ ދެމަފިރިން ވެގެން ދަރިންނަށް ދޭ އަނިޔާއެއް. 2 ކެރިއަރުންކަން އެނގިހުރެ ހަމަ ކައިވެނިކުރަނީ.

  2. ޭނނ

    ޢަސްލު ގިނަބެލެނިވެރިން ނައްނުވިސްނެަ
    ☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️

  3. Anonymous

    ކުރީގަ ތެލްސީމިއާ އަށް ޓެސްޓު ކުރެވެން އެކަމަށް މާ ބޮޑަށް އަހުލުވެރި ވެފައި ނެތުން އެއީ މައްސަލަ..