ހުޅަނގުގެ ޤައުމުތަކުގައި ގިނަ ބަޔަކު ކުއްތާ ގެންގުޅެނީ އާއިލީ މެމްބަރުންގެ ގޮތުގައި ދެކޮގެންނެވެ. މިގޮތުން ގޭތެރޭގައި ހުރިހާ ޚިދުމަތެއް ދީގެން މިތަކެތި ބަލައި ބޮޑު ކުރަނީ ދަރިންނަށް އަޅާލާ ފަދައިންނެވެ. ނަމަވެސް މި ޖަނަވާރުގެ ސަބަބުން އަރައިނުގަނެވޭ ވަރުގެ ހާލަތްތަކާއި ކުރިމަތިލާން ޖެހުނު މީހުންވެސް ގިނައެވެ. މިއީ ބްރެޒިލްގައި ދާދިފަހުން ހިނގި އެފަދަ ހާދިސާއެއް ކުރިމަތިވި އާއިލާއެއްގެ ވާހަކައެވެ.

އެހެން މަންމައެކޭވެސް އެއްފަދައިން އުމުރުން 29 އަހަރުގެ އެލައިން ނޯވައިސް އަކީ މީގެ ނުވަ ވަރަކަށް އަހަރު ކުރިން ފެށިގެން ދަރިއެއް ހޯދައި އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފޮނި ހުވަފެން ދެކެމުން އައި އަންހެނެކެވެ. އެ ހުވަފެންތައް ހަޤީޤަތަކަށްވެ އޭނާ އާއި ބައްދަލުވީ ހީވެސް ނުކުރާފަދަ އުފާވެރި ގޮތަކަށެވެ. އެލައިންގެ ދިގު އިންތިޒާރަށް ނިމުމެއް އައީ އެއްމާބަނޑު ދެ އަންހެން ކުދިން ލިބިގެންނެވެ.

އެތައް އަހަރަކަށްފަހު އޭނާ އަށް ލިބުނު މި ބޮޑު ހިތްހަމަޖެހުން ދެމިއޮތީ މަދު ދުވަސްކޮޅަކަށެވެ. ލިބުނު ހަމައެކަނި ދެ ކުދިންވެސް ދުނިޔެއާއި ވަކިވެދިޔައީ އުމުރުން އެންމެ 26 ދުވަސް ވީތަނާއެވެ. އެ ދެކުދިން މަރުވެދިޔައީ އޭނަ ގެންގުޅުނު ކުއްތާއެއްގެ ޝިކާރައަކަށްވެ، ލިބުނު އަނިޔާތަކުގައި މާބޮޑު ފަރުވާވެސް ނުދެވި ވަނިކޮށެވެ.

ނޫސްތައް ބުނާގޮތުން ކުއްތާ އެ ދެކުދިންނަށް ހަމަލާ ދީފައިވަނީ، ދަރިން ނިންދަވާފައި އެލައިން އޭނާގެ އަވައްޓެރިއެއްގެ ގެއަށްގޮސް ހުއްޓައެވެ. އެލައިން އަވައްޓެރިޔާ އާއި އެކު ހުރެފައި ގެޔަށް ދިޔައީ ތުއްތު ދެ ކުދިންގެ ރުއިމުގެ އަޑަށެވެ. ނަމަވެސް ކޮޓަރިއަށް ވަތްއިރު އޭނާއަށް ފެނުނީ ޤަބޫލުކުރަންވެސް ދަތި މަންޒަރެކެވެ.

އާއިލާގެ ފަރާތުން ނޫސްތަކުގައި މި ހާދިސާ ޙިއްސާކުރި ފަރާތަކުން ބުނެފައި ވަނީ، އެލައިން އަށް ކޮޓަރިއަށް ވަދެވުނުއިރު ކުއްތާ ވަނީ ދެކުދިންނަށްވެސް ހަމަލާ ދީފައެވެ. އެގޮތުން ކުދިންގެ ބަނޑުގައި ދަތްއަޅައި އޭރު ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އެވަގުތު އެކުދިންގެ ގައިން ގިނަ އަދަދަކަށް ލޭ ފައިބަމުންދިޔަ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެލައިންއަށް އޭނާގެ ދަރިން މި ހާލުގައި ތިއްބާ ފެނުނުއިރު ވެސް، ރުޅިގަދަވެފައި އޮތް ކުއްތާ އެކުދިންނަށް ހަމަލާދިނުން ހުއްޓާ ނުލައެވެ. އެއާއެކު އެލައިން ދުވެފައި ގޮސް ކުއްތާ އެ ދެކުދިންނާއި ދުރުކުރިއިރު، ދެކުދިންވެސް ގުނަމުން ދިޔައީ އުމުރުގެ ފަހު ވަގުތުކޮޅެވެ. އޭގެތެރެއިން އެއްކުއްޖަކު އޭގެ މާގިނައިރެއް ނުވަނީސް މަރުވިއިރު، ދެވަނަކުއްޖާ މަރުވެފައި ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭންފެށިތަނާ ހެންނެވެ.

މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން އެލައިންގެ އާއިލާއިން ބުނެފައި ވަނީ، ހާދިސާ ހިނގަން މެދުވެރިވީ ދެކުދިން ލިބުނު ފަހުން ކުއްތާއަށް އެސޮރު ބޭނުންވާ ސަމާލުކަން އެލައިންގެ ފަރާތުން ނުލިބޭތީ އެކަމާއި "ހަސަދަވެރިވުމުން" ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

މި ހާދިސާއަށްފަހު އެލައިންއަށް ލިބުނު ކުއްލި ހިތާމައާއެކު އޭނާއަށް ނަފްސާނީ ގެއްލުން ލިބިގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޝީޒާ

  މަނަމަ ވަގުތުން ތި ޖަނަވާރު މަރާލާނަން

  69
  1
 2. އަލްޖިބްރާ

  އަދިވެސް އިންސާނުންނަށް ވުރެ ޖަނާވާރުންނަށް ދޭ އިސްކަން އިތުރުކުރޭ !

  42
 3. ވީޕީއެން

  ބޮޑެތި ފިފެހެނުން ނިދާފަ ތިއްބަ ވެސް މަރާފަ އެބަހުރި.. ޕެޓް ވިއްޔަ ދޯ

  33
 4. އަޙްމަދު

  އެވަރުންވެސް އެ ކުއްތާ ދޫކޮށްނުލާ ދޯ