ހަޤީޤަތަކީ ކޮވިޑް-19 އާއި ގުޅޭ ގޮތުން ސައިންސްވެރިންނަށް ވެސް އަދި ނޭންގޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ބަވަނަ ވެފައި މިވާ ދުނިޔޭގައި ކޮވިޑް-19 އާއި ގުޅޭ ސައްހަ ނޫން މައުލޫމާތާއި ކަނޑައެޅިގެން ދޮގުކަން އެނގޭ އެތައް މައުލޫމާތެއް ވެސް ކޮންމެ ދުވަހަކު ދަނީ ދައުރުވަމުންނެވެ. އަދި ސައްހަ ކަން ނުވަތަ ނޫންކަން ނޭންގޭ އެތައް ވާހަކައެއް ވެސް ދަނީ ދައުރު ވަމުންނެވެ.

އޭގެ ތެރެއިން އެއް މައުލޫމާތަކީ ކޮންމެ 15 މިނެޓަކުން ފެން ބޯނަމަ ކޮވިޑް-19 އިން ސަލާމަތް ވާނެ ކަމާއި، އަދި ބަލިން ރައްކާތެރި ވެގެން ހުރެވޭނެ ކަމަށް ބުނެ ދައުރުވަމުންނާ މައުލޫމާތެވެ. ފޭސްބުކްގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މިއީ ޖަޕާންގެ ޑޮކްޓަރަކު ދެއްވާފައިވާ ލަފައެކެވެ.

ގިނައިން ފެން ބުއިމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް ގިނައިން ފެން ބުއިމަކީ ކޮވިޑް-19 އިން ހަށިގަނޑު ސަލާމަތް ކޮށްދޭނެ ކަމެއް ނޫނެވެ. މިޕޯސްޓްގައި ބުނެފައިވާ ގޮތުގައި ގިނައިން ފެން ބޯނަމަ ވައިރަސް ކަރުތެރެއިން ހަށިގަނޑަށް ވާސިލްވުމުގެ ފުރުސަތެއް ނޯންނާނެއެވެ.

ޓެމްޕަލް ޔުނިވަސިޓީގެ ޕްރޮފެސަރ އޮފް އެޕިޑެމޮލޮޖީ އަދި ބައޯސްޓެޓިސްޓިކްސް ޕްރޮފެސަރ ކްރިސް ޖޯންސަން ވިދާޅިވި ގޮތުގައި ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަދެ ދައުރު ކުރަމުން ދަނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. އެހެން ކަމުން ފެން ބުއިމަކުން ހަށިގަނޑުން ވައިރަސް ނެތިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވައިރަސް އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ގިނަގިނައިން އަތްދޮވުން. އެއީ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވާސިލް ވުމަށް އެންމެ ބޮޑު މެދުވެރިއެއްގެ ރޯލު އަދާކުރަނީ އަތް ކަމަށް ވާތީ. އަތުގައި ވައިރަސް ހުއްޓާ މޫނުގައި ނުވަތަ ލޮލުގައި އަތް ލެވުނަސް ވައިރަސް ހަށިގަނޑުގެ އެތެރެއަށް ވާސިލްވޭ." ޕްރޮފެސަރ ޖޯންސަން ވިދާޅުވިއެވެ.

ހޫނު ފެނުން ފެން ވެރުމުން ކޮވިޑް-19 އިން ސަލާމަތްވާ ކަމަށް ބުނާ ޕޯސްޓެއް ވެސް ފޭސްބުކްގައި ދައުރުވަމުން އެބަދެއެވެ. ނަމަވެސް ޕްރޮފެސަރ ޖޯންސަން ވިދާޅުވީ އެއީ ވެސް އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބިނާކޮށް ދައުރު ކުރަމުން ގެންދާ ޕޯސްޓެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ފިނި ވާ މިންވަރު މަތިވުމުން ކޮވިޑް އިތުވާކަން އެއީ ހުރިހާމީހުންވެސް ގަބޫލުކުރާ ހަގީގަތެއް ނަމަވެސް ހޫނުމިން ކިތައް ޑިގްރީގަ ހުންނަ ގައުމުތަކުގާ ކޮވިޑް 19 ވައިރަސް މަރުވޭތޯ ނޫންތޯ ކުރާ ދަިރާސާ އެއްގެ ވާހަކަ ޑަބްލިޔުއެޗް އޯއިންވެސް އަދި އެހެން ފަރަތަކުންވެސް ކަށަވަރު މައުމޫމާތެއް ދީފައެއް ނުވޭ.