ބޮލީވުޑްގެ ތަރި ސަންޖޭ ދަތް ގެ ދަރިފުޅު ޓްރިޝަލާ ދަތް އޭނާގެ ލޯބިވެރިޔާ މަރުވިތާ އެއް އަހަރު ފާހަގަކުރުމަށް މިވަނީ އިންސްޓަގްރާމް މެދުވެރިކޮށް ވަރަށް އަސަރުގަދަ ޕޯސްޓެއްކޮށްފައެވެ. އޭނާގެ ލޯބިވެރިޔާ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގައެވެ.

ޓްރިޝަލާ ބުނީ، ލޯބިވެރިޔާގެ މަރަށް ފަހު ތެރަޕީ ނަގަމުން އަންނަ ކަަމަށާއި، ސަޕޯޓް ގްރޫޕާއެކުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޓްރިޝަލާ އަކީވެސް ނިއު ޔޯކްގައި ތެރަޕިސްޓެކެވެ.

އެހެން ނަަމަވެސް އޭނާ ބުނެފައި ވަނީ، އޭނާ މިހާރު ވަޒީފާ ދޫކޮށްލާފައިވާ ކަމަށާއި، ލޯބިވެރިޔާގެ މަރަށް ފަހު ކެއުމަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެެވެ. އެގޮތުން އޭނާ ވަރަށް ގިނައިން ކައިގެން ބަރުދަނަަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އޭނާގެ ނަފްސާނީ ކަންކަމުގައި އެތައް ދުވަހެއް ވަންދެން އުޅުމަށްފަހު މިހާރު ހަމައައަކަށް އެޅިފައިވާ ކަމަށް އޭނާ ބުނެފައި ވެެއެވެ.

ޓްރިޝަލާ އަކީ ސަންޖޭ ދަތް އާއި އޭނާ ފުރަތަމަ އަނބިމީހާ ރިޗާ ޝަރްމާގެ ދަރިފުޅެވެ. ރިޗާ ޝަރްމާ ވަނީ 1996 ވަނަ އަހަރު ތެރޭގައި މަރުވެފައެވެ.

ޓްރިޝަލާ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި ލޯބިވެރިޔާގެ އުފަން ދުވަހަށް ހާއްސަ ޕޯސްޓެއްވެސް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ބުނީ، ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތެއްގެ ކޮންމެ ވަގުތެއްވެސް އެ ލޯބިވެރިޔާއާ މެދު ވިސްނާ ނުލާ ނުދާ ކަމަށެވެ.