މި ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގެ ލައްގަލާ މަޓަލޭގައި އޮންނަ ސެރާ-އެއްލާ ވޯޓާ ފޯލް ކައިރީގައި ވެޑިންގ ޕްރި ޝޫޓް ޖައްސަނިކޮށް ދެ ލޯބިވެރިން ކޯރަށް ވެއްޓި ފިރިހެން މީހާ މަރުވި ހާދިސާގެ މައުލޫމާތު ފޮޓޯގްރާފަރު ކިޔާދީފިއެވެ.

ޗީފް ފޮޓޯގްރާފާ ނަންދަނާ އަމަރަޓުންގާ ބުނީ، އެތަނުގައި ފޮޓޯނެގުމަށް އެ މީހުންނަށް ހިޔާލު ދިނީ،އެތަނަށް ކުރިން ޒިޔާރަތް ކުރި ގްރޫޕަކުންނެވެ.

"އަހަރުމެން އެ ލޮކޭޝަނަށް ދިޔައިން. 50 އާއި 60 ވަރަކަށް މީހުން އުޅުނު އެ ސައިޓްގައި އެވަގުތުވެސް މި ހާދިސާ ހިނގިއިރު، އަހަރުމެން އެހީތެރިކަމަށް އެދުނިން އެކަމަކު އެއްވެސް މީހެއްގެ ފަރާތުން ޖަވާބެއް ނުލިބޭ".އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނީ، ކޯރަށް ވެއްޓުނު ދެ ލޯބިވެރިން ސަލާމަތް ކުރުމަށް އޭނާވެސް ކޯތަށް ފުންމާލި ކަމަށާއި، އޭނާގެ ކެމެރާގެ ސްޓޭންޑު ބޭނުން ކޮށްގެން ފިރިހެން މީހާ އަތުޖެއްސޭތޯ ބެލި ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރެވޭ ގޮތް ނުވެފައިވާކަމަށް އޭނާ ބުންޏެވެ.

އެ ފޮޓޯޝޫޓްގައި ބައިވެރިވި އެހެން ފޮޓޯގްރާފަރެއް ކަމަށްވާ ޑިލަން ރަޝިތާ ބުނީ، އޭނާއާއި ޓީމްގެ އެހެން މީހުން ތިބީ ފޮޓޯއަށް ގެންނަން ޖެހޭ އިތުރު ފުރިހަމަކަން ގެނުވަން ފެންބުރުވާ ހެދުމަށް ކަމަށެވެ.

"ފުރަތަމަ އަންހެން މީހާ ކަހާލައިގެން ވެއްޓެން ދާތަން އަހަރުމެންނަށް ފެނުނީ ގާ މަތީގައި ހުއްޓާ. އެހެން ނަމަވެސް ފިރިހެން މީހާ އޭނާގެ އަތުގައި ހިފި. ދެން ދެމީހުން އެއްކޮށް ކޯރަށް ވެއްޓުނީ"، އޭނާ ބުނެފައި ވެއެވެ.

ކައިވެންޏަށް ތައްޔާރުވަމުންދިޔަ އެ އަންހެން މީހާ ބުނީ، އެ މީހުން ކޯރުގެ ތެރެއަށް ފޭބުމަށް ފޮޓީގްރާފަރުން އިރުޝާދު ދިން ކަމަށެވެ.

"އަހަރުމެން ގާ މައްޗަށް އެރިތަނުން ކައްސާލައި، ކޯރު ތެރެއަށް ވެއްޓުނީ، ދެން ފެނު ތެރެއަށް ދަމައިގަތީ. އަހަރެންގެ ހަނދާނަކަށް ނާދޭ އެފަހުން އެއްޗެއް. އެެއްވެސް މީހަކު ފިރިހެން މީހާ ސަލާމަތް ކުރަން ނޫޅޭ. އޭނާ ބުނެފައި ވެއެވެ.