ޓެކްނޮލޮޖީ ދާއިރާގެ އެންމެ ވަރުގަދަ އެއް ކުންފުނިކަމުގައިވާ "އެޕަލް" ގެ 100 އިންސައްތަ ހިއްސާ ގަންނަން ބޭނުންވާކަމަށް، ބާކްޝަޔާ ހަތަވޭގެ ޗެއަރމަން ވޮރަން ބުފޭ ބުނެފިއެވެ. ބުފޭ މިހެން ބުނެފައިވަނީ ޓީވީ އަކަށް ދިން ބަސްދީގަތުމެއްގައެވެ.

އެބަސްދީގަތުމުގައި ވާހަކަ ދައްކަމުން، މި ބިލިޔަނަރު ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ގަނެފައިވަނީ އެޕަލް ކުންފުނީގެ އެންމެ ފަސް އިންސައްތަ ހިއްސާކަމަށާއި އެހެންނަމަވެސް، އެކުންފުނީގެ 100 ހިއްސާއާއެކު މުޅި ކުންފުނި ގަތުމަށް އޭނާ ޝައުގުވެރިވާކަމަށެވެ.

"އަހަރެން ވަރަށް ސާފުކޮށް އެޕަލް ދެކެ ލޯބިވަން. އަހަރެމެން ގަންނަނީ ހިފަހައްޓަން. އަހަރެމެން ގަތީ ގާތްގަނޑަކަށް ކުންފުނީގެ ފަސް އިންސައްތަ ހިއްސާ. އަހަރެން ވަރަށް ވޭ މުޅި ކުންފުނީގެ 100 އިންސައްތަ ހިއްސާ ގަންނަހިތް." ބުފޭ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ބުފޭ އިތުރަށް ވިދާޅުވެފައިވަނީ، އޭނާވަނީ އެކުންފުނީގެ އިތުރު ގިނަ އަދަދެއްގެ ހިއްސާ ގަނެފައިވާކަމަށެވެ. އަދި، މި ހިއްސާތަކާއެކު އޭނާއަކީ މިހާރު އެޕަލްގެ ދެވަނަ އެންމެ ގިނަ ހިއްސާ އޮންނަ ހިއްސާދާރުކަމަށްވެސް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، މިކަމުގެ ސަބަބުން ހިއްސާގެ ބާޒާރުގައި އެޕަލްގެ އަގު ދެ އިންސައްތަ އުފުލުނުކަންވެސް ބުފޭ ފާހަގަކޮށްފައިވެއެވެ.

ބުފޭ އިތުރަށް ވިދާޅުވެފައިވަނީ އެޕަލް އިން މާލީ ކަންކަން ބަލަހައްޓަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށާއި އެއީ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ ކުންފުންޏެއް ކަމަށެވެ.

އެހެންނަމަވެސް، އޭނާއަކީ އެކުންފުނީގެ އެންމެ ނަން ހިނގާ އައިފޯން ބޭނުންކުރާ މީހެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި، އޭނާއަކީ ޓެކްނޮލޮޖީ ދަންނަ މީހެއް ނޫންކަމަށާއި އޭނާ އަދިވެސް ގެންގުޅެނީ ފްލިޕް ކުރާ ފޯނެއްކަމަށް ވެސް ވިދާޅުވިއެވެ.