ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގްއާއި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކޭދަރްނަތު" މި އަހަރުގެ ނޮމެންބަރު މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމައިފިއެވެ.

ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރް މިކަން އާންމުކޮށް ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހު ރިލީޒް ކުރާނެކަން މިހާރު ޔަޤީން ކުރެވިފައިވާ ކަމުގައެވެ.

މިދިޔައަހަރުގެ ޖޫންމަހުގެ ތެރޭގައި މި ފިލްމު އިއުލާނުކޮށް، މިދިޔައަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރިލީޒްކުރުމަށް ނިންމައިފައިވީ ނަމަވެސް، ޑައިރެކްޓަރު އަބީޝެކްއާއި ޕްރޮޑިއުސަރު ޕްރޭނާ އަރޯރާއާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ފިލްމުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. އަދި އޭގެފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ފިލްމް ރިލީޒްކުރެވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ބުނެއެވެ.

ޝޫޓިންތައް މި މަހުގެ ފަހު ކޮޅު މުމްބާއީގައި ފެށުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ލޯބީގެ އަސަރު ހިމެނޭ، 2013 ވަނަ އަހަރު ހިނގާދިޔަ ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ފިލްމުގެ އަންހެން ބަތަލާ ސާރާ އަކީ މި ފިލުމުން މުޅިން އަލަށް ބޮލީވުޑަށް ތައާރަފުވާ ތަރިއެކެވެ. އެހެންނަމަވެސް ސާރާގެ ދެވަނަ ފިލްމު ކަމުގައިވާ ރޯހިތު ޝެޓީގެ "ސިންބާ" އިންވެސް ރަންވީރް ސިންގްއާއި އެއްކޮށް ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު