ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ޒުވާނުންގެ މެދުގައި މަޤުބޫލު އޮންލައިން ވީޑިއޯ ގޭމް، ޕްލޭޔާ އަންނޯންސް ބެޓްލް ގްރައުންޑްސް (ޕަބްޖީ)، ޕާކިސްތާނުގައި މަނާކޮށްފިއެވެ.

މި ނިންމުމާއެކު ޕާކިސްތާނުގައި މިހާރު މި ގޭމް ޑައުންލޯޑްކޮށް ކުޅުން ވަނީ ވަގުތީ ގޮތުން "ބޭން" ކޮށްފައެވެ.

މިކަން ހާމަކޮށް ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ބުނެފައި ވަނީ، އެޤައުމުގައި ޕަބްޖީ މަނާކުރީ ޕަބްޖީ ގޭމަކީ ކުދިން އެ ގޭމް ކުޅުމަށް ދެވިހިފާ، އަދި ސިއްހީ ނުރަނގަޅު ހާލަތްތަކާއި ގުޅިފައިވާ ގޭމެއް ކަމަށް ބުނެއެވެ. އެ އިދާރާއިން ބުނެފައި ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން އެފަދަ ގިނަ ޝަކުވާތައް ހުށަހެޅިފައިވާ ކަމަށެވެ.

"ވަރަށް ގިނަ ޝަކުވާތައް މި ގޭމާއި ގުޅޭގޮތުން މި އިދާރާއަށް ހުށަހަޅަމުންދޭ. އެގޮތުން ޚާއްސަ ގޮތެއްގައި، ގޭމް ކުޅުމަށް އާދަވެފައި ތިބޭ ކުޑަކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނޭދެވޭ އަސަރުކޮށް ސިއްޙީ ހާލަތްތަކާއި ވެސް މި ގޭމް ގުޅިފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައި،" ޕީޓީއޭއިން ބުނެފައި ވެއެވެ.

ޕީޓީއޭއިން ބުނެފައިވާ ގޮތުން މި ގޭމަށް މިހާރު ޕާކިސްތާނުން އިންޓަނެޓް އެކްސެސް މެދުކަނޑާލައި ސަސްޕެންޑުކޮށްފައި ވާ ކަމަށެވެ. ވަގުތީގޮތުން މި ފިޔަވަޅުތައް އަޅާފައި މިވަނީ، އެޤައުމުގައި ޕަބްޖީ ކުޅުމުގެ ހުއްދަ އާއި މެދު ވަކި ގޮތެއް ކަނޑައެޅުން ހައިކޯޓުގައި އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ވެސް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ޕީޓީއޭއިން އިތުރަށް ބުނެފައިވާ ގޮތުން، ޕަބްޖީ އަކީ އަމިއްލައަށް ކުޑަކުދިންނާއި ޒުވާނުން މަރުވުމުގެ ނުވަތަ މަރުވާން އުޅުމުގެ ހާދިސާތަކާއި ވެސް ގުޅިފައިވާ ގޭމެކެވެ. މިގޮތުން މި ގޭމަށް ދެވިހިފާފައި ހުރި ކުޑަކުއްޖަކު ދާދިފަހުން އެޤައުމުގެ ލާހޫރުގައި އަމިއްލައަށް މަރުވި ހާދިސާ އަކާއި ގުޅިގެން، ލާހޫރުގެ އިދާރާތަކުން ވެސް ގޭމް މަނާކުރުމަށް ހުށަހަޅާފައިވާ ކަމަށް ޕީޓީއޭއިން ބުނެފައި ވެއެވެ.

ނޫސްތައް ބުނާގޮތުން ލާހޫރުގައި އަމިއްލައަށް މަރުވީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކުއްޖާ މަރުވީ ޕަބްޖީގައި ކުޅެން ޖެހުނު "މިޝަނެއް" ކާމިޔާބުނުވުމުން ކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ހިތްދަމައިގަނެ މި ގޭމުގެ އަވައިގައި ގިނަ ބަޔަކު ޖެހި، އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރަމުންދާ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ. މިކަމާއި ގުޅިގެން މީގެ ކުރިންވެސް ބައެއް ޤައުމުތަކުން މި ގޭމް ކުޅުން މަނާކުރިއެވެ.

ޕަބްޖީއަކީ ހަނގުރާމައިގެ މައިދާން ސިފަކޮށް، ހަނގުރާމަ ކުރާ ގޭމެކެވެ. 100 މީހުންނާއެކު ފެށޭ މި ހަނގުރާމައިގައި ދުޝްމަނުންނާއި ކުރިމަތިލައި މަރުން ސަލާމަތްވެ، އެ އެންމެން މަރުވަންދެން ދެމިހުރުމަކީ މި ގޭމުގައި މައިގަނޑު ގޮތެއްގައި ކުރަން އޮންނަ މަސައްކަތެވެ.

މި ގޭމުގައި ގުރޫޕްކޮށް ވެސް ކުޅެވޭއިރު، ޓީމުގެ ބައިވެރިންނާއި ގޭމުގެ ޒަރިއްޔާއިން އަނގަބަހުން ވާހަކަ ދެއްކެއެވެ. މި ގޭމަކީ 23 މާރިޗް 2017 ގައި ނެރެފައިވާ ގޭމެކެވެ. ފޯނުންނާއި ކޮމްޕިއުޓަރުން ވެސް ކުޅެވޭ މިގޭމަކީ ވަރަށް ފަސޭހައިން ދެވިހިފާ ގޭމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސަތޭކަ މިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑް ކޮށްފައިވާ މަޝްހޫރު ޕަބްޖީ ގޭމް ކުޅެގެން އާންމު ދިރިއުޅުމަށް އަސަރުކުރާ ކަމަށް ބުނެ ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ. އަދި މި ގޭމުގެ މައްސަލަތަކުގައި އިދާރާތަކައް ގިނަ ބަޔަކު ޝަކުވާ ހުށަހަޅާކަމަށް ވެސް ވެއެވެ. މިއީ ރާއްޖޭގައި ވެސް މިވަގުތު އެންމެ މަޝްހޫރު ގޭމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ތިޔަ ނުބައި ކުޅިވަރު ޕްރޮމޯޓުކޮށް ކުޅެން ހިއްވަރުދިނީ މިރާއްޖެ އިން އުރީދޫން.

    9
    8
  2. ހަގީގަތް ހޯދާ ބެލީމަ ފެންނާނީ

    ހަގީގަތަކީ ޕަބްޖީ އުފެއްދި ކުންފުނި ކަމުގައިވާ ޓެންސެންޓް މިހާރު ދުނިޔޭގެ އެންމެ ބޮޑު ޓެލެކޮމް ބްރޭންޑަށްވުން، މިއީ ޕަބްޖީއާއި ގުޅިގެން ލިބުނު ކުރިއެރުމެއް. އަދި މިކަން ހުއްޓުވަން އެމެރިކާގެ ހުރިހާ އެލައިޑް ގައުމުތަކުން މަނާކުރުމަށް ޑިޕްލޮމެޓިކް ލެވެލެއްގައި ވަނީ މަސަކަތް ފަށާފަ. އެމެރިކާ ކުންފުންޔެއްނަމަ ތިއީ މާތް އެއްޗެއް.

    10
    1