ސެލްފީ ނެގުމުގެ ތެރޭގައި ހިނގާފައިވާ ނުރައްކާތެރި ޙާދިސާތައް ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. ނަގާ ސެލްފީގެ ސަބަބުން، މީހާ މަރުވެ، ނުވަތަ ސީރިޔަސް އަނިޔާތަކެއް ގިނަ އަދަދެއްގެ ބަޔަކަށްވަނީ ލިބިފައެވެ. މިފަދަ ކަންކަން އެންމެ ގިނައިން ހިނގަނީ އަވަށްޓެރި އިންޑިޔާގައެވެ.

އެގޮތުން، ވޯޓަރ ފޯލް އެއްގައި ސެލްފީ އެއް ނަގަން އުޅުނު ޒުވާނަކަށް ދާދިފަހުން ވަނީ ސީރިޔަސް އަނިޔާތަކެއް ލިބިފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ވޯޓަރ ފޯލް އެއްގެ މައްޗަށް އަރައިގެން ހުރެގެން ސެލްފީ ނަގަން މަސައްކަތް ކޮށްފައިވަނީ އުމުރުން 24 އަހަރުގެ މީހެކެވެ. އެތަނުގައި ހުއްޓާ އޭނާ ކަހައިލައިގެން ވަނީ 50 ފޫޓު ތިރިއަށް ވެއްޓިފައެވެ.

އެސަރަޙައްދުގައި ހުރި ކެމެރާއަކަށް، މި މަންޒަރު އަރާފައިވާއިރު 50 ފޫޓު މަތިން ޒުވާނާ ވެއްޓޭތަން ވަރަށް ރީއްޗަށް ފެނެއެވެ. އަދި އޭނާގެ ޒަޚަމްވެފައިވާ ހަށިގަނޑުވެސް މި ވީޑިޔޯ ފޫޓޭޖުން ފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ޓީވީތަކުންވެސް މި ވީޑިޔޯ ދައްކާފައިވެއެވެ. އަދި، މީސް މީޑިޔާގައިވެސް ވީޑިޔޯކޮޅު އާއްމުވެފައިވެއެވެ.

ސެލްފީ ނެގުމުގައި ސަމާލުވުމަށް އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުންވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ދެން ކޮބާ ވީޑިއޯ؟؟