ކުޅަދާނަ އެކްޓްރެސް އާލިއާ ބަޓްއާއި ވިކީ ކައުޝަލް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ރާޒި" ޕާކިސްތާނުގައި އެޅުވުން މަނާ ކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުގައި، ޕާކިސްތާނުގެ އެއްވެސް ޑިސްޓްރިބިއުޓަރަކު މި ފިލްމް ގަނެފައެއް ނުވެއެވެ.

"އަދިވެސް މިކަހަލަ ފިލްމުތައް އުފެއްދުން އިންޑިއާގަ ނުހުއްޓޭތީ ވަރަށް ކަންބޮޑުވޭ. ހުރިހާ ޑިސްޓްރިބިއުޓަރުންނަށްވެސް މި ފިލްމުގައި އާލިއާގެ ރޯލު ވަރަށް ރަނގަޅަށް އެނގޭ. އެހެންވެ އެއްވެސް މީހަކު ނުގަންނަނީ. އިންޑިއާ ޕްރޮޑިއުސަރުންނަށްވެސް އެނގެންވާނެ އަހަރެމެން މިހާރު މިކަހަލަ ކޮންޓްރޯވާޝަލް ސަބްޖެކްޓްސްގެ ފިލްމުތައް އެޅުވުން ބޮއިކޮޓް ކޮށްފަ ވާނެކަން" ޑިސްޓްރިބިއުޝަން ކޮންޕެނީގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

PHOTO: SCREENGRAB

 

ދަރްމާ ޕްރޮޑަކްޝަންގެ ދަށުން މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ މި ފިލްމަކީ ހަޤީޤީ ވާހަކައެއްގެ މައްޗަށް ހަރިންޑާ ސިއްކާ ލިޔެފައިވާ "ކޯލިން ސެހްމަޓް" ގެ އެޑަޕްޝަން އެކެވެ.

މި ފިލްމުން ފެނިގެންދާނީ 1971 ވަނަ އަހަރު އިންޑިއާއި ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައެއްގެ ތެރޭގައި ކަޝްމީރީ އަންހެނަކު ޕާކިސްތާނު ފިރިހެނަކާއި ކައިވެނިކޮށްގެން ޕާކިސްތާނު ފުލުހުންނަށް ޖާސޫސް ކުރަން ގޮސް އުޅުމުގެ ތެރޭގައި ހިނގާ ދިޔަ ކަންތައްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ އެއްގޮތަކަށްވެސް ހަނގުރާމަވެރި ފިލްމެއް ނޫންކަމަށް ފިލްމުގެ ލީޑް އެކްޓަރު ވިކީ ބުނެއެވެ.

"ރާޒި" މި މަހުގެ 11 ވަނަ ދުވަހު އިންޑިއާގައި އެޅުވުމަށްވަނީ ހަމަޖެހިފައެވެ.