އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް، އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، ރަސްމީކޮށް އެކަން އިއުލާނު ކޮށްފިއެވެ.

ކާންޔޭގެ ޓްވީޓާ އެކައުންޓު މެދުވެރިކޮށް މިހާރު މިކަން އިއުލާނުކޮށްފައި ވާއިރު، އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މިކަމާއި ގުޅިގެން ކާންޔޭ ކުރި ޓްވީޓުގައި އޭނާ ބުނެފައި ވަނީ، މިއީ ޤައުމީ ރޫޙުގައި އެންމެން އެއްބައިވެ ކުރިމަގު ބިނާކުރަން ޖެހިފައިވާ ވަގުތު ކަމަށާއި، އެކަން ހާސިލް ކުރުމަށް އޭނާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

ކާންޔޭ ރިޔާސީ އިންތިޚާބަށް ކުރިމަތިލާކަން ހާމަކޮށްފައި ވާއިރު، މީގެ ކުރިންވެސް އެކި ފަހަރު މަތިން އޭނާ ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ވިސްނާފައިވާ ކަން ހާމަކޮށްފައެވެ. އޭނާ ވަނީ އިންތިޚާބަށް ކުރިމަތިލާ ފަހަރެއްގައި އިންތިޚާބު ކާމިޔާބުކޮށް، ޤައުމު ހަމަ މަގަށް އަޅުވާނެ ކަމަށް ވެސް ކުރިން ބުނެފައެވެ.

2016 ވަނަ އަހަރު ކާންޔޭ ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާޢީދުކުރާކަން ހާމަކޮށްފައެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާ ވޯޓު ލާފައި ނުވީނަމަވެސް، ވޯޓު ލީނަމަ އޭނާ ވޯޓު ދޭނީ ޓްރަމްޕަށް ކަމަށް ކާންޔޭ އޭރު ބުނެފައި ވެއެވެ.

ނަމަވެސް އެމެރިކާގައި ފާއިތުވެދިޔަ ދުވަސްތަކުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން، ޚާއްސަ ގޮތެއްގައި ކަޅުނަސްލުގެ މީހުންގެ މުޒާހަރާތަކާއި ގުޅިގެން ކާންޔޭ ވަނީ ނުސީދާ ގޮތެއްގައި ޓްރަމްޕަށް ފާޑުކިޔާފައެވެ.

ކާންޔޭ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ހާމަކުރުމާއެކު އޭނާއަށް ތާއީދުކުރާކަން ގިނަ ބަޔަކު އަންނަނީ ހާމަކުރަމުންނެވެ. އޭގެތެރޭގައި ސްޕޭސް އެކްސްގެ ސީއީއޯ، އީލަން މަސްކްވެސް ހިމެނެއެވެ.

މިއަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް އާއި ވާދަކުރުމަށް އެޤައުމުގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޖޯ ބައިޑަން ވެސް ނިކުންނާނެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ޓްރަމްޕް އަށް އޮތް ތާއީދު ކުޑަވެފައިވުމާއި ގުޅިގެން މިއަހަރުގެ އިންތިޚާބުން އޭނާ ނާކާމިޔާބުވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.