ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ރެޑް ޕްލެނެޓްގެ ނަމުން ނަންދެވިފައިވާ މިއްރީޚު (މާސް) އަކީ އެއް އިރެއްގައި ދިރުންތަކަށް އެކަށޭނެ ފަދަ، ދުނިޔެއާ އެއްގޮތް މާޙައުލެއް އޮތް ގުރަހަ (ޕްލެނެޓް) އެއް ކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. މިގޮތުން މި ގުރަހައިގައި މީގެ އެތައް އަހަރެއް ކުރީން ފެށީގެން ސައިންސްވެރިން ކުރިޔަށްގެންދާ ދިރާސާތަކުން އެވާހަކަތަކަށް ހެކި ލިބޭ ހޯދުންތައް ވެސް ހޯދިފައި ވެއެވެ.

މިއްރީޚުގެ ހޯދުންތައް ހޯދުމުގައި ސައިންސްވެރިން ކުރާ މަސައްކަތް ދުވަހެއް ދުވަހަކަށް ފުޅާ ކުރަމުންދާއިރު، އެ ގުރަހައިގެ ވަށައިގެން ދައުރުވާ ޖައްވީ އުޅަނދަކުން މިވަނީ ދުނިޔެއަށް، މީގެ ކުރިން ދެކެފައި ނުވާ ތަފާތު މަންޒަރެއް ފޮނުވާފައެވެ. ގުރަހައިގެ ވަށައިގެން ފެހިކުލައިގެ އަލިކަމެއް ފެންނާން ހުރި މި ފޮޓޯއަށް މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މިއީ ދުނިޔެ ނޫން ގުރަހައަކުން މިފަދަ އަލިކަމެއް ފެނުނު، ނުވަތަ އެ އަލިކަމުގެ ފޮޓޯއެއް ނެގި ފުރަތަމަ ފަހަރެވެ.

ތަޖުރިބާކާރުން ބުނެފައިވާ ގޮތުން މިއްރީޚުގެ ވަށައިގެން ފެންނާންހުރި ފެހިކުލައިގެ އަލިކަމަކީ، އެ ގުރަހައިގެ ވަށައިގެންވާ އޮކްސިޖަން ހިމެނޭ ފަށަލައަކަށް އިރުގެ ދޯދިތައް އެޅުމުން ފެންނާން ހުރި އަލިކަމެއް ކަމަށެވެ. މި ފަށަލައަކީ އެ ގުރަހައިގެ ވަށައިގެން ވާ ފަށަލައެއްކަން މީގެ 40 ވަރަކަށް އަހަރު ކުރީން ވެސް ސައިންސްވެރިންނަށް އެނގިފައި ވާއިރު، ދުނިޔެއިން ފެންނަ ފަދައިން މިއްރީޚުގެ ބޭރު ފަށަލައިގެ މި އަލިކަން މީގެ ކުރިން އިންސާނުންނަށް ފެނިފައެއް ނުވެއެވެ.

މިއްރީޚަށް ފޮނުވާފައިވާ ޓްރޭސް ގޭސް އޯބިޓާ މެދުވެރިކޮށް މި ފަށަލައިގެ ފޮޓޯ ހޯދުމާއި ގުޅިގެން ގުރަހައިގެ ދިރާސާތައް ކުރާ ފަރާތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެއެވެ. މިގޮތުން ގުރަހައިގައި އޮކްސިޖެން އާއި އެނޫންވެސް މާއްދާތައް ހުންނަ މިންވަރު ދެނެގަތުމަށް މި ހޯދުން އެހީއަކަށް ވެގެންދާނެއެވެ.

އާންމު ގޮތެއްގައި ދުނިޔެއަށް އިރުގެ އަލިކަން އެޅުމުން ވެސް ފެންނާން ހުންނަ މި ފަށަލަ އެންމެ ރީއްޗަށް ފެންނަނީ ޖައްވުގައި ދައުރުވާ ބައިނަލްއަޤުވާމީ ޖައްވީ އިދާރާއިންނެވެ. އެގޮތުން އެ އިދާރާގައި މަސައްކަތްކުރާ އެސްޓްރޮނޯޓުން ނަގާފައިވާ މިފަދަ ރީތި ފޮޓޯތަކަށް މީގެ ކުރިން ގިނަބައެއްގެ ސަމާލުކަން ލިބިފައި ވެއެވެ.

މިއްރީޚުގެ ހޯދުންތަކަށްފަހު، ކޮންމެވެސް ޒަމާނެއްގައި އެ ގުރަހައަށް އިންސާނުން ދަތުރުކުރުމަކީ ސައިންސްވެރިން ކުރާ އުންމީދެކެވެ. އެގޮތުން އެފަރާތްތަކުން ދަނީ މިއްރީޚުގެ ބިމުގައި ސްޓޭޝަންތައް ތައްޔާރުކޮށް އެތަނުގައި ޤާއިމްވެ ތިބެވޭނެގޮތުގެ ޕްލޭނެއްވެސް ތައްޔާރު ކުރަމުންނެވެ. ނާސާއިން ތައްޔާރުވަނީ މިހާރު ގުރަހައިގައި ކުރިޔަށްގެންދާ ދިރާސާތަކަށް ފަހު، 2025 ވަނަ އަހަރުގައި އިންސާނުން އެ ގުރަހައަށް ފޮނުވުމަށެވެ.

ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ މިއްރީޚަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. ދުނިޔެއާއި 225 މިލިއަން ކިލޯމީޓަރު ދުރުގައިވާ މިއްރީޚުގެ ތަހުލީލުތައް ކުރުމަށް މިހާރު އެ ގުރަހައިގެ ބިމުގައި ހަރަކާތްތެރިވާ އުޅަދު، "ކިއުރިއޯސިޓީ" އެ ގުރަހައިގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯތައް ދުނިޔެއަށް ފޮނުވަމުން ދެއެވެ.

މިއްރީޚަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށާއި އިންސާނުން އެ ގުރަހައިގައި ދިރިއުޅޭ ދުވަސް ލަސްތަކެއް ނުވެ ފެންނާނެ ކަމަށް ސައިންސްވެރިން ބުނާއިރު، އެ ގުރަހައިގެ ބިންފަދަ ފަށަލައިގައި ހެދިފައި ހުރި ބޮޑެތި ވަޅުގަނޑުތަކާއި ފަރުބަދަތަކުގެ މަތީ ފަށަލައިގައި ކޮންމެވެސް ވަރަކަށް، ދިރުންތަކަށް އެންމެ މުޙިންމު އެއް ބައި ކަމަށްވާ ފެން ހުރިކަން ކަށަވަރު ކުރެވޭ ހެކިތައް ސައިންސްވެރިން ދާދިފަހުން ވަނީ ހޯދާފައެވެ.