ކޮވިޑް-19 ވައިގެ ތެރޭގައި ފެތުރޭ ކަމަށް ގަބޫލު ކުރެވޭ ކޮންމެވެސް ވަރެއްގެ ހެކިތަކެއް އެބަހުރި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނީ ވައިގެ ތެރެއިން ކޮވިޑް-19 ފެތުރޭ ކަމަށް ބުނެ 239 ސައިންސްވެރިޔަކު ސޮއިކޮށް ޑަބްލިއުއެޗްއޯ އަށް މިހަފްތާގެ ހޯމަ ދުވަހު ފޮނުވި ހުޅުވާލެވިފައިވާ ސިޓީ އާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހުއެވެ. ނަމަވެސް ވައިގެ ތެރެއިން ކޮވިޑް-19 ފެތުރޭ ކަމަށް ޑަބްލިއުއެޗްއޯ އިން އަދި ރަސްމީކޮށް ނިންމާފައެއް ނުވެއެވެ.

ޑަބްލިއުއެޗްއޯގެ އިންފެކްޝަސް ޕްރެވެންޝަން އެންޑް ކޮންޓްރޯލްގެ އިސްވެރިޔާ ޑރ.ބެނެޑެތު އެލެންގަޒީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޑަބްލިއުއެޗްއޯ އަށް ސައިންސްވެރިން ފޮނުވި ސިޓީގައި ސޮއި ކުރި ގިނަ ސައިންސްވެރިންނާއި ވަކިވަކިން މަޝްވަރާކޮށް އެބޭފުޅުންގެ ޚިޔާލު ވެސް މިހާރު ހޯދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެމަޝްވަރަތަކުން ލިބުނު އިތުރު މައުލޫމާތައް ބަލާއިރު ވައިގެ ތެރޭގައި މިވައިރަސް ފެތުރޭ ކަމުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެއް ލިބިއްޖެ. ނަމަވެސް ވައިގެ ތެރޭގައި ވައިރަސް ފެތުރިގެންދާ ގޮތް ދެނެގަތުމަށް އަދި އިތުރު ހޯދުންތަކާއި ދިރާސާތައް ބޭނުންވޭ." އެލެންގަޒީ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ވައިގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ ކަމަށް ބުނެ ސައިންސްވެރިން ހުށަހެޅި މައުލޫމާތުތައް ދިރާސާކޮށް، މިކަމުގައި ޑަބްލިއުއެޗްއޯ އަށް ގަބޫލު ކުރެވޭ ގޮތެއް ކަނޑައަޅަން ފަހަރުގައި ދެތިން ހަތަރު ހަފްތާ ނެގުން އެކަށީގެންވާ ކަމަށެވެ.

"ވައިރަސް ވައިގެ ތެރޭގައި ފެތުރޭ ކަމަށް ބުނި ނަމަވެސް އެކަން އިތުރަށް ތަފްސީލް ވާން ޖެހޭ. ވައިރަސް ފެތުރެނީ ވައި ބަންދުވެފައި ހުންނަ ތަންތަނުގައިތޯ ނުވަތަ ހުޅުވިފައި ހުންނަ ތަންތަނުގައިތޯ އިތުރަށް ސާފުވާން ޖެހޭ. މީހުން ގިނަ ތަންތަނުގައި ވައިރަސް އަވަހަށް ފެތުރޭތޯ ވެސް އިތުރަށް ސާފުވާން ޖެހޭ." އެލެންގަޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު