ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ޖަގްދީޕް އިއްޔެ މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އުމުރުން 81 އަހަރުގެ ޖަގްދީޕް މަރުވީ ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ. ޖަގްދީޕަކީ މިހާރު މަޝްހޫރު ކޮމީޑިއަން ރޯލްތަކުން ފެންނަ ޖާވިދު ޖެފްރީއާއި ޓީވީ ޕްރޮޑިސަރ ނާވިދް ޖެޕްރީގެ ބައްޕައެވެ.

މުސްލިމް އާއިލާއަކަށް އުފަން ޖަގްދީފްގެ އަސްލު ނަމަކީ ސައިދް އިޝްތިއާގް އަހްމަދު ޖެފްރީއެވެ.

ޖަގްދީޕްގެ ފިލްމް ކެރިއަރު ފަށާފައި ވަނީ 1951 ވަނަ އަހަރު ފިލްމު "އަފްސާނާ" އިންނެވެ. އޭނާ މަޝްހޫރު ވެގެން ދިޔައީ 1968 ވަނަ އަހަރު ނުކުތް "ބްރަމް މަޗާރީ" އިންނެވެ. އަދި ފިލްމު "އަންޑާޒް، އަޕްނާ އަޕްނާ" އަކީ ވެސް އޭނާގެ ސަޕޯޓަރުންނަށް ކަމުދިޔަ ފިލްމެކެވެ.

ޖަގްދީޕް ބައެއް މަޖާ ފިލްމުތަކުން ފެނުނު ނަމަވެސް އޭނާ ވަނީ ބިރުވެރި ބައެއް ފިލްމުތަކުން ވެސް ފެނިފައެވެ. އޭގެ ތެރޭގައި "ޕުރަނާ މަންދީރު" ހިމެނެއެވެ. އަދި "ގުރުބާނީ" އާއި "ޝެހެންޝާހް" ފަދަ ފިލްމުތަކަކީ ޖަގްދީޕް މަސައްކަތް ކުރި ފިލްމުތަކެވެ.

ގިނަ ބަޔަކަށް ޖަގްދީޕް އެންމެ ބޮޑަށް ހަނދާން ހުންނާނީ 1975 ވަނަ އަހަރު ނުކުތް ރަމޭޝް ސިއްޕީގެ ޝޯލޭއިންނެވެ. ޖަގްދީޕް ވަނީ މިހާތަނަށް 350 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ.

އޭނާ އެންމެ ފަހުން ފިލްމަކުން ފެނުނީ 2012 ވަނަ އަހަރު ރިލީޒްކުރި "ގަލީ ގަލީ ޗޯރާ ހޭ" މި ފިލްމުގައި ފުލުހުން ކޮންސްޓަބަލެއްގެ ރޯލުންނެވެ.

ކިޔުންތެރިންގެ ހިޔާލު