ދިރިއުޅުމަށް އެކި މީހުން އެކި ކަހަލަ ވަޒީފާ އަދާކުރަމުން އަންނައިރު، އޭގެ ތެރޭގައި މީހާގެ ފުރާނައަށް ނުރައްކާވާ ޒާތުގެ ވަޒީފާތަކުގައި ތިބޭ މީހުންވެސް މަދެއް ނޫނެވެ. މިއީ ވެސް އެފަދަ ވަޒީފާއެއްގައި އުޅޭ މީހެކެވެ. އޭނާއަކީ މެއިލް ޑެލިވަރީ ކުރާ މީހެކެވެ. އެ މަސައްކަތް ކުރުމަށް ކޮންމެ ދުވަހަކު ދިގު ރާސްތާއަކަށް ހިނގާފައި ބިޔަ ޖަނގައްޔެއް ހުރަސް ކުރަމުން އައި މީހެއްގެ ވާހަކައެވެ. މި މީހާ މިކަން ކުރާތާ 30 އަހަރު ވެއްޖެއެވެ.

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ތަމިލް ނާޑޫއަށް އުފަން ޑީ ސިވަން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ އެ ވަޒީފާއިން ރިޓަޔާ ވެފައެވެ. އޭނާ ވަޒީފާއިން ރިޓަޔާ ވުމާއި އެކީ ގިނަ ބައެއްގެ ލޮތްބާއި ތައުރީފު އޭނާ އަށް ވަނީ ލިބިފައެވެ.

ސިވަން އަކީ މެއިލް ޑެލިވާ ކުރުމަށް ސިންގާރާ އާއި މަރަޕައްލަމް ދެމެދު ދިގު ދަތުރުތަކެއް ކުރަމުން އައި މީހެކެވެ. އެގޮތުން އޭނާ މަސައްކަތް ކުރަމުން އަންނަ ޕޯސްޓު އޮފީހުން ފެށިގެން 15 ކިލޯ މީޓަރުގެ ދަތުރެއް އޭނާ ކޮންމެ ދުވަހަކު ކުރަމުން އަންނަ ކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އޭނާގެ މި ދަތުރުތަކުގައި ނުރައްކާތެރި އެކި ޖަނަވާރު ތަކާއި ދިމާވާ ކަމަށާއި އެހެން ނަމަވެސް އެ މެއިލް އޭގެ ވެރިފަރާތާއި ހަވާލު ކުރުމަށް އެއްވެސް ފަހެއް ނުޖެހި އޭނާ ކުރަމުން އަންނަ ކަމަށް އެގައުމުގެ މީޑީއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އޭނާގެ ރިޓާޔާމެންޓާއި ގުޅިގެން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ އޭނާ މަސައްކަތްތަކަށް އެންމެންވެސް ތައުރީފު ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު