މަޝްހޫރު ޓީވި މިއުޒިކަލް ޝޯ، "ގްލީގެ" ތަރި، ނާޔާ ރިވެރާ ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމެރިކާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ނާޔާ ގެއްލިގެން ހޯދަމުން ދަނީ ބުދަ ދުވަހުގެ ރެއިން ފަށައިގެންނެވެ.

އޭނާ ގެއްލިފައި ވަނީ ކެލެފޯނިއާގައި އޮންނަ ބޮޑު ލޭކެއް ކަމަށްވާ، "ލޭކް ޕިރޫ" އަށް ގޮސް އުޅެނިކޮށް ގެނބިގެން ކަމަށް ވަނީ ބެލެވިފައެވެ.

"ލޭޕް ޕިރޫ" އަށް ނާޔާ ގޮސް އުޅުނީ އޭނާގެ އުމުރުން ހަތަރު އަހަރުގެ ފިރިހެން ދަރިފުޅާއެކު އެވެ. އެދެމައިން ލޭކު ބަލައިލާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން ލޭކުގައި އުޅުނީ ކުއްޔަށް ނެގި ޑިންގީއެއްގައެވެ.

ނާޔާ ގެއްލުނުކަން އެނގިފައި ވަނީ، ލޭކުން ދަތުރުކުރި ބޯޓަކަށް މި ޑިންގީ ފެނިގެން ގޮސް ބެލިއިރު އޭގައި އޭނާގެ ދަރިފުޅު އެކަނިމާ އެކަނި ހުއްޓައި ފެނިގެން ސުވާލު ކުރުމުންނެވެ. އެކުއްޖާ ބުނެފައިވަނީ އޭނާގެ މަންމަ ފަތާލަން ލޭކަށް ފޭބިފަހުން އެނބުރި ނާންނަ ކަމަށެވެ.

އެކަނިމާ އެކަނި ޑިންގީގައި ނާޔާގެ ދަރިފުޅު ހުއްޓާ ފެނުނުއިރު އޭނާ ހުރީ ލައިފްޖެކެޓް އަޅައިގެންނެވެ. އަދި އޭނާއަށް އެއްވެސް ހާނިކައެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ފެންމަތިވުމާއެކު އިދާރާތަކުން ނާޔާ ހޯދުމުގެ މަސައްކަތް ފަށާފައި ވެއެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާ ހޯދިފައެއް ނުވެއެވެ. އޭނާ ނުފެނި ގިނައިރުތަކެއް ވެފައި ވުމާއެކު، އޭނާ ގެނބިގެން މަރުވީ ކަމަށް ވެސް ވަނީ ބެލެވެން ފަށާފައެވެ.