ބޮލީވުޑް އެކްޓްރެސް ސޯނަމް ކަޕޫރާއި މުމްބާއީގެ ވިޔަފާރިވެރިޔާ އާނަންދު އަހުޖާގެ ކައިވެނީގެ ހަފްލާއަށް ގިނަ އަދަދެއްގެ މެހުމާނުންތަކެއް އައިސްފައިވާއިރު، ކުޅަދާނަ އެކްޓަރު ސަލްމާން ޚާންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ އަނިލް ކަޕޫރާއި ޝާޚުރްޚާނާއި އެއްކޮށް ލަވަވެސް ހުށަހަޅައިދީފައެވެ. ނަމަވެސް ކައިވެނި ހަފްލާގެ ކަންތައްތަކުގެ ތެރެއިން މިފަހަރު ސަލްމާން ފާހަގަ މި ކުރެވެނީ ފޮޓޯ ގްރަފަރެއްގެ ގޮތުގައެވެ.

ސޯނަމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން އެކްޓްރެސް ޖެކޮލިން ފާނަންޑްސް އަށް ސަލްމާން ފޮޓޯ ނަގައިދީފައިވާއިރު، މި ފޮޓޯ މީސްމީޑިއާގައި އާންމު ވުމާއިއެކު ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ވަނީ ލިބިފައެވެ.

ސަލްމާން ނަގައިދީފައިވަނީ ސޯނަމްއާއި ޖެކޮލިންގެ ފޮޓޯއެކެވެ. ފޮޓޯގެ ފުސްކަމާއިއެކު އެ ފޮޓޯ ދަނީ "ބްލަރީ ޕިކް" ގެ ނަމުން މަޝްހޫރް ވަމުންނެވެ.

 

ފިލްމުގެ ސްކްރިޕްޓް ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް، ސަލްމާން އާއިއެކު މަސައްކަތް ކުރަން ލިބުމުން އެ ނިމުނީ ކަމަށް މީގެ ކުރިން ޖެކޮލިން ވަނީ ބުނެފައެވެ. އެއާއިއެކު ސަލްމާނާއި ޖެކޮލިންގެ ކޮންމެވެސް ގުޅުމެއް އޮންނަ ކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ.

ސަލްމާން އާއި ޖެކޮލިން އެއްކޮށް ފިލްމަކުން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ރޭސް 3" އިންނެވެ. މި ފިލްމުގެ ޝޫޓިންގެ ބައެއް މިހާރު ކަޝީރްމީރުގައި ކުރިއަށް ގެންގޮސްފައިވާއިރު، އަންނަ ހަފްތާގެ ތެރޭގައި ފިލްމުގެ ޓްރެއިލާ އާންމު ވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

"ރޭސް 3" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ.