ދިއްލީން ޝިކްހޯ އާބާދު ޓައުންއަށް ބަހެއްގައި ދަތުރު ކުރަމުންދަނިކޮށް ކޮވިޑް-19 ޖެހިފައި ހުރި މީހެއްކަަމަށް ހީކޮށް، ބަހުން ބޭރަށް އެއްލާލި މީހަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އުމުރުން 19އަހަރުގެ އަންހެނެކެވެ. ޖޫން 15 ވަނަ ދުވަހު އެ ޒުވާނާ ބަސް ތެރޭގައި ދަމާ ކޫތާފައި ގެންގޮސް ބޭރަށް އެއްލާލީ ބަލިވެ އުޅޭތީ،އޭނާ ކޮވިޑް-19 ޖެހިފައި ހުރިދާނެ ކަމަށް ބަލައެވެ.

އަންޝިކާ ޔަދަވް ނަމަކަށް ކިޔާ އެ ޒުވާނާ ބަހުން ބޭރަށް އެއްލާލި ތާ 30 މިނިޓް ފަހުން އޭނާ ވަނީ މަރުވެފައެވެ.

މީގެ ދެ އަހަރު ކުރިން ދިއްލީއަށް ބަދަލުވި އަންޝިކާ އާއިލާއިން މިކަން ފުލުހުންގެ ސަމާލުކަމަށް ގެނައީ މިދިޔަ މަސް ތެރޭގައެވެ. އެހެން ނަމަވެސް އެއިރު ފުލުހުން ބުނެފައި ވަނީ އެ ޒުވާނާ މަރުވީ ގުދުރަތީ މަރަކުން ކަމަށެވެ. އެހެންވެ އެ މައްސަލަ ނުބަަލަން ނިންމާފައިވާ އޮއްވާ އެކަން އަނެއްކާވެސް ސަމާލުކަމަށް ގެނެސްފައި ވަނީ ދިއްލީ ކޮމިޝަނަރ އޮފް ވުމެން އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ޒުވާނާ އެ ދުވަހު ބަލިވެ އުޅުނީ ހޫނު ގަދަވެގެންނެވެ.

"ޑްރައިވަރާއި ބަސް ކޮންޑަކްޓަރ ކޮއްކޮ ގަޔަށް އެއްލާލީ ބްލޭންކެޓެއް، އެ ބްލޭންކެޓް އެއްލާލުމަށްފަހު ގޮޑިން އޭނާ ވައްޓާލުމަށްފަހު ދަމާ ކޫތާފައި ބޭރަށް އެއްލާލީ. ކޮއްކޮ އެ ދުވަހު އުޅުނީ ބަލިވެ، ހޫނު ގަދަވީމަ. އެ މީހުން އަހަރެން މަންމަ ދެއްކި ވާހަކަތައްވެސް އަޑެއް ނާހާ ކޮއްކޮ ބޭރަށް އެއްލާލީ"، އެ ޒުވާނާގެ އާއިލާއިން ބުނެފައި ވެއެވެ.

އަންޝިކާ އޭގެ 30 މިނިޓް ފަހުން މަރުވިއިރު، އޭނާގެ ހަށިގަނޑު އެމްބިއުލާންސްގައި ގެންގޮސް ވަނީ ޕޯސްޓްމޯޓަމް ހަދާފައެވެ. އޭގެ ނަތީޖާއިން ދައްކާގޮތުން އޭނާ މަރުވީ ކާޑިއެކް އެރެސްޓެއް ޖެހިގެންނެވެ.

އަދި އޭނާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު