ސްޕެއިންގައި ކުރިއަށްދިޔަ ކައިވެނި ހަފްލާއަކަށް ދިޔަ މީހުންގެ ތެރެއިން 23 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފައްސިވެފައިވާ 23 މީހުންގެ ތެރޭގައި ކައިވެނި ކުރި އަންހެން މީހާއާއި އޭނާގެ މަންމަ ހިމެނެއެވެ.

މިހާދިސާއާއި ގުޅިގެން ސްޕެއިންގެ ފަތުރުވެރިން ޒިޔާރަތް ކުރާ ސަރަހައްދެއް ކަމަށްވާ ނަވައްރާގައި ތިބި 35,000 މީހުންނަށް ވައިރަސް ޖެހިދާނެ ކަމުގެ ބިރު އޮތްކަމަށް ދަނީ ބުނެފައެވެ. އެހެންވެ އެ ސަަރަހައްދުގައި ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާސްކު އަޅައި ގައިދުރުކަން އިސްކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މި ސަރަހައްދު މިހާރު ސަމާލަށް ގެނެސްފައިވާއިރު، އެ ހިސާބާއި 60 މޭލު ދުރުގައި އޮންނަ ޕަމްޕްލޮނާ ވެސް މިހާރު ވަނީ ސަމާލަށް ގެނެސްފައެވެ. އެ ސަރަހައްދު ސަމާލަށް ގެނެސްފައިވަނީ އެ އާއިލާގެ އިތުރު 5 މީހަކު މި ބައްޔަށް ފައްސިވުމާއި ގުޅިގެންނެވެ.

ޕާޓީއާއި ގުޅިގެން ގިނަ ބަޔަކު ފައްސިވުމުން އެގައުމުގެ ހެލްތުން ވަނީ އިތުރު ބަޔަކުވެސް ފައްސިވެފައި ތިބެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެފައެވެ.

މި ހާދިސާއާގައި ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވާތީ، އެގައުގެ ހެލްތް މިނިސްޓްރީން މިހާރު އަންނަނީ އެ ޕާޓީއަކީ ހުއްދަ ނަގައިގެން ސަލާމަތީ ފިޔަވަޅުތަކަށް ބަލައިގެން ބާއްވާފައިވާ ޕާޓީއެއްތޯ ބެލުމުގެ މަސައްކަތް ފަށާފައެވެ.

ކޮވިޑް-19 އަށް ސްޕެއިން އިން 3 ލައްކައަށްވުރެ ގިނަ މީހުން ފައްސިވެފައިވާއިރު، 28،401 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އެގައުމުން މިބަލި ޖެހިގެން ރަނގަޅުވާ މީހުންނާއި ހާލުދެރަ މީހުންގެ މައުލޫމާތު އާންމު ކުރަމުން ނާންނާތީ ގިނަ ބަޔަކު ވަނީ މިހާރު މަރުވި ކަމަށް ހާމަ ކޮށްފައިވާ އަދަދަކީ އެއީ ސައްހަ އަދަދު ނޫން ކަމަށް ވިދާޅުވެ، އިތުރު ބަޔަކު މަރުވެފައިވެދާނެ ކަމަށް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު