ވަޒީފާ ދޭނެ ކަމަށް ބުނެ ގެންގޮސް ދުއްވަމުން ދިޔަ ކާރެއްގެ ތެރޭގައި އަންހެނަކު ރޭޕްކޮށްފިއެވެ.

އިންޑިއާގެ ދިއްލީގެ މަގުމަތީގައި އުމުރުން 26 އަހަރުގެ އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ ދުއްވަމުން ދިޔަ ކާރެއްގެ ތެރޭ ބާއްވައިގެންނެވެ، އޭނާ ރޭޕްކޮށްފައި ވަނީ ދެ މީހަކުވެގެންނެެވެ.

މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތުގައި މިކަން ހިނގިއިރު، އެ އަންހެން މީހާގެ ތިން އަހަރުގެ ދަރިފުޅުވެސް ވަނީ އެ ކާރުން ބޭރަށް ނަގާ އެއްލާލާފައެވެ. އަދި އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އޭގެ ފަހުންނެވެ. އެ އަންހެން މީހާ ރޭޕް ކުރުމަށްފަހު އޭނާވެސް ކާރުން ބޭރަށް ނަގާ އެއްލާލީއެވެ.

މި މައްސަލަ އެ އަންހެން މީހާ ވަނީ ވަގުތުން ފުލުހަށް ހުށަހަޅާފައެވެ. އަދި އެ އަންހެން މީހާ މެޑިކަލް އެގްޒާމިނޭޝަންއަށް ފޮނުވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ އަންހެން މީހާ ބުނިގޮތުގައި، އޭނާ ރޭޕްކޮށްފައި ވަނީ މަސްތުވާތަކެތި ދީގެންނެވެ.