ކުޅަދާނަ ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓް ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ ފިލްމު "ރާޒީ" އިންނެވެ. އެ ފިލުމުގެ ލީޑް ބަތަލާގެ ރޯލު ކުޅޭ އާލިއާ އާއިއެކު ފިރިހެން ބަތަލުގެ ރޯލުން ފެނިގެންދާނީ ވިކީ ކައުޝަލް އެވެ.

މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ މި ފިލްމުގައި އާލިއާގެ ރޯލާއި ގުޅޭ ގޮތުން އޭނާ ބުނެފައިވަނީ ކޮންމެހެން ޖާސޫސެއްގެ ރޯލު ކުޅުމަށް ބާރުގަދަ ވާން ނުޖެހޭނެ ކަމުގައެވެ.

"ކޮންމެހެން ސްޕައިއަކަށް (ޖާސޫސަކަށް) ވުމަށް ބާރުގަދަ ވާކަށް ނުޖެހޭނެ. އަހަރެން (މި ފިލްމުގައި އުޅޭ އަންހެން ކުއްޖާ) އަކީ ވަރަށް މަޑުމައިތިރި، ރީތި އަދި ކަންކަމާ ބިރުގަނެ ޖެހިލުންވާ ކުއްޖެއް. އެކަމަކު ހިތްވަރުވެސް ގަދަ އަންހެން ކުއްޖެއް. މި ރޯލަށް ތައްޔާރު ވުމަށް އަހަރެން މި ކަހަލަ އެހެން ފިލްމުތައް ވެސް ބަލާފަ މި ކެރެކްޓާއަށް ރެޑީވީ. އޭގެ އިތުރަކަށް އެއްވެސް ކަމެއް ނުކުރަން." އާލިއާ ބުނެފައިވެއެވެ.

ފިލްމެއްގެ ރޯލެއް އިޚްތިޔާރު ކުރާއިރު ސަމާލުކަން ދެނީ ކޮން ކަމަކަށްތޯ ކުރެވުނު ސުވާލަށް ޖަވާބު ދެމުން އާލިއާ ބުނެފައިވަނީ ކެރެކްޓާއެއް އިޚްތިޔާރު ކުރުމުގައި މާބޮޑަށް ނުވިސްނާ ކަމަށާއި ރޯލެއް އިޚްތިޔާރު ކުރާއިރު އެމީހެއްގެ ގަޓް ހުރި ކެރެކްޓާއެއް އިޚްތިޔާރު ކުރުމުން ރަނގަޅުވާނެ ކަމަށެވެ.

"ރާޒީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މީގެއިތުރުންވެސް އާލިއާ، އެކްޓަރު ރަންވީރް ސިންގް އާއިއެކު "ގަލީ ބޯއީ" އިން ވެސް ފެނިގެންދާނެއެވެ. ނަމަވެސް "ގަލީ ބޯއީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.