އިންޓަނެޓްގައި އަބަދުވެސް ތަފާތު އެކި މީމްތައް ދައުރުވަމުންދާ އިރު، މިފަދަ މީމްތަކަކީ މީހަކު ކުރާ މަޖާކަމަކުން ނުވަތަ ބުނާ ބަހަކުން، މޫނަށް، އަނގައަށް ޖައްސާ ވައްތަރަކުން ވެސް ހަދާފައި ހުންނަ މީމްތަކެކެވެ. އެކަމަކު މިދިޔަ ދުވަސްތަކުގައި އިންޓަނެޓްގައި ދައުރުވަމުން ދަނީ މާ އަދަޔާ ޚިލާފު މީމްއެކެވެ. އެއީ ގޮނޑިއެއްގެ ފޮޓޯއެކެވެ.

އެ ފޮޓޯ އިން ފެންނަނީ ސޯފާ ފާޑުގެ ގޮނޑިއެއްގެ ކުރީ ފައި ބިންދައިގެން ގޮސްފައިވާ މަންޒަރެވެ. އެ ގޮނޑި ބަހައްޓާފައި ހުންނަނީ މަގުގެ ދުވާރުގެ އެއްކައިރީގައެވެ. ތަނބެއް ކައިީރީގައި އެ ގޮނޑި ބަހައްޓާފައި ހުރި ގޮތުން ބައެއް ފަހަރު އެއީ އިސްޖަހާލައިގެން އިން އެއްޗަކާ ވައްތަރެވެ. ބުނެވޭ ގޮތުން މި ގޮނޑިއަކީ 2015 ނުވަތަ 2016 ވަނަ އަހަރު ބްރޫކްލިންގެ މަގުމަތީގައި ބަހައްޓާފައި ހުރި ގޮނޑިއެކެވެ. ނަމަވެސް މި ފޮޓޯ ނެގީ ސީދާ ކޮންތާކުން ކަމެއް އެނގޭކަށް ނެތެވެ.

ބައެއް މީހުން ބުނާގޮތުން މި ގޮނޑި އަދިވެސް ހަމައެ ހުރި ގޮތަށް ބަހައްޓާފައި ހުރެއެވެ. ކޮންމެއަކަސް ތަފާތުކަމަކީ މި ގޮނޑި ފެނުމުން އެކި މީހުންނަށް ކުރެވޭ އިހުސާސް ތަފާތުކަމެވެ. އެންމެ ގިނަ މީހުންނަށް މި ގޮނޑިން އިހުސާސްކޮށްދެނީ މާޔޫސްކަމާއި ގޮތް ހުސްވުމެވެ.

އެ ގޮނޑި ފެނުމުން ބައެއް މީހުންނަށް އިހުސާސް ކުރެވެނީ ހަތަރު އުދަރެސް ފެނު ޖެހިފައި ހުރި މީހެއްގޮތަށެވެ. ބައެއް މީހުން ވަނީ ހަމްދަރުދީއެވެ. އަނެއް ބައި މީހުންނަށް މި ފޮޓޯއިން ލިބެނީ ހާސްކަމެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުން އެ ގޮނޑި ފެނުމުން ބޭރުވަނީ އެ ގޮނޑި އަށް ބަލާ މީހާގެ ހިތުގެ ޝުއޫރުތަކެވެ. ޚާއްސަކޮށް ބަޔާން ނުކުރާ އިހުސާސްތަކެވެ.

އެއާ އެކު ތަފާތު އެކި ކެޕްޝަންތަކާއެކު އެ ގޮނޑީގެ ފޮޓޯ މީސްމީޑިއާގައި ދައުރުވާން ފެށިއެވެ. އާއްމުކޮށް މި ގޮނޑި ފެނުމުން މީހުންނަށް އިހުސާސް ކުރެވެނީ ހިތާމަވެރިކަން ކަމަށްވީ ނަމަވެސް ބައެއް މީހުން ބުނަނީ އެ ގޮނޑި ފެނުމުން އިހުސާސް ވަނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތް މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ކަންކަމާ މާ ބޮޑަށް ނުވިސްނާ އުޅުމަށް އެ ގޮނޑި ފެނުމުން ހަނދާންވާ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ބައެއް މީހުން ދަނީ މި ގޮނޑި ހިމެނޭ ފޮޓޯތައް އެކި ގޮތް ގޮތަށް އެޑިޓްކުރަމުންނެވެ. އެގޮތުން ތަފާތު އެކި އެކްޓަރުންނާއި މަގްބޫލް އެހެން މީހުން ހިމެނޭ ގޮތަށް އެ ފޮޓޯ ދަނީ އެޑިޓްކުރަމުންނެވެ.

މި ގޮނޑި ފެނުމުން ކުރެވޭ އިހުސާސްތައް ގުޅެނީ އެ މީހެއްގެ ޚިޔާލާތާއި ފިކުރާ ކަމަށްވެއެވެ. އެ ގޮނޑި ފެނުމުން އެކި ގޮތްގޮތަށް އެ ގޮނޑި ފެންނަ ސަބަބަކީ އެއީ ކަމަށް ވުން އެކަށީގެންވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. ސައިކޮލޮޖިސްޓުން ވެސް މީހުންގެ ނަފްސާނީ ހާލަތު ދެނެގަންނަން މިފަދަ ބައެއް ފޮޓޯތައް ބޭނުންކުރެއެވެ. ނަމަވެސް މި ގޮނޑި ނުވަތަ ފޮޓޯ އާ މެދު އެފަދަ ދިރާސާއެއް އަދި ކޮށްފައެއް ނުވެއެވެ.