ހޮލީވުޑްގެ މަޝްހޫރު ވިލް ސްމިތްގެ އަނބި މީހާ އަދި އެކްޓްރެސް ޖޭޑާ ޕިންކެޓް ސްމިތް އޭނާ ސްމިތް އަށް ބޭވަފާތެރިވިކަމަށް އެއްބަސްވެއްޖެއެވެ.

އުމުރުން 48 އަހަރުގެ ޖޭޑާ ބުނީ އޭނާ 51 އަހަރުގެ ސްމިތް އަށް ބޭވަފާތެރިވީ ލަވަކިޔުންތެރިޔާ އޮގަސްޓް އަލްސީނާ އާ އެކުގައެވެ. އުމުރުން 27 އަހަރުގެ އޮގަސްޓް އާއި ޖޭޑާ އާއި ގުޅުން އޮތް ކަމަށް އޭނާ އެއްބަސްވީ އޭނާގެ ފެސްބުކް ސީރީޒްގައެވެެ.

ޖޭޑާ ބުނީ އޭނާ އާއި އޮގަސްޓް އާއި ގުޅުން އޮތީ މީގެ ހަތަރު އަހަރު ކުރިން ކަމަށެވެ. އޭނާ އާއި އޮގަސްޓް އާއި ރަހުމަތްތެރިވީ އޭނާގެ ދަރިފުޅު ޖޭޑެން މެދުވެރިކޮށްކަމަށް ވެސް ޖޭޑާ ވަނީ ބުނެފައެވެ. އޭރު އޭނާ އުޅުނީ ވިލް އާއި ވަކިން ކަމަށާއި އޭރު އޮގަސްޓް އާއި ރައްޓެހިވިކަމަށް ޖޭޑާ ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ އެ ގުޅުން ފެށުނީ ރަހުމަތްތެރިކަމުގެ ތެރެއިން ކަމަށާއި އޭނާ ބޭނުންވީ އޮގަސްޓް އަށް އެހީތެރިވާން ކަމަށް ޖޭޑާ ބުންޏެވެ. އޮގަސްޓް އޭރު ހުރީ ނަފްސާނީ ގޮތުން ވަރަށް ބަލިކަށި ހާލަތެއްގައި ކަމަށާއި އޭނާ އަށް އެހީތެރިކަމާއި އޯގާތެރިކަން ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމަށް ވެސް ޖޭޑާ ވަނީ ބުނެފައެވެ.

ވިލް އާއި ވަކިން ޖޭޑާ އުޅުނު ނަމަވެސް އޭނާ ވަރިކުރަން ވިލް ނުނިންމާ ކަމަށާއި އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅެން އެއްބަސްވެ ހުއްދަ ނުދޭކަން އޭނާ ފާހަގަކުރެއެވެ.

އެންމެ ފުރަތަމަ އޮގަސްޓް އޭނާ ޖޭޑާ އާއި ރައްޓެހިވެގެން އުޅުނު ކަމަށް ބުނުމުން އޭނާގެ ވާހަކަތައް ޖޭޑާ ވަނީ ދޮގުކޮށްފައެވެ.

އޮގަސްޓް ބުނީ އޭނާ ޖޭޑާ އާއި ރައްޓެހިވުމުން ފައިސާ އާއި ރައްޓެހިންނާއި އޭނާގެ ލަވަކިއުމުގެ ކެރިއާއަށް ވެސް ނޭދެވޭ އަސަރުތަކެއްކޮށްފައިވާ ކަމަށެވެ.

ޖޭޑާ ބުނީ އޭނާ އާއި އޮގަސްޓް އާއި ދިމާވީ ވިލް އާއި އޭނާ އާއި މެދު ވަރަށް ބޮޑު މައްސަލަތަކެއް ޖެހިގެން އުޅުނު ދުވަސްކޮޅެއްގައި ކަމަށާއި ވިލް އަށް ބޭވަފާތެރިވެވުމުން އެކަމާއި މެދު ދެރަވާ ކަމަށެވެ.

ޖޭޑާ އާއި އޮގަސްޓްގެ ގުޅުން ވިލް އަށް އެނގޭކަމަށް އޮގަސްޓް ބުނި ނަމަވެސް ވިލް އަށް އެކަން ނޭނގޭނެ ކަމަށް ޖޭޑާ ބުނެއެވެ.