މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ބޮލީވުޑްގެ ޒުވާން އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތް ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނުނު ހާދިސާ އަކީ ބައެއްގެ ރޭވުމެއްތޯ ނުވަތަ އެއީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއްތޯ ޔަގީން ކުރުމަށް މުބްބާއި ފުލުހުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

މިހާރު ސުޝާންތުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އޭނާ ދަންޖެހެން ބޭނުން ކުރި ހެދުމުން އޭނާގެ ބަރުދަން ހިފެހެއްޓޭނެތޯ ބަލަން ޓެސްޓު ކުރަން ވަނީ ނިންމައިފައެވެ. އަދި އެންމެ ފުރަތަމަ އޭނާ ދަން ޖެހެން މަސައްކަތް ކުރި ކަމަށް ބެލެވޭ ބާތްރޯބް ބެލްޓާއި އެއްވަރުގެ ބެލްޓަކުން ސުޝާންތްގެ ބަރުދަން ހިފެހެއްޓެނީ ކިހާވަރަކަށްތޯވެސް ބެލުމަށް ވަނީ ހަމަޖެހިފައެވެ،

ސުޝާންތްގެ މަރާ މެދު އެތައް ބަޔަކު ސުވާލު އުފައްދަމުންދާ އިރު އޭނާ މަރާލުމަށް ފަހު އެއީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއްގެ ގޮތުގައި ދައްކާ ކަމަށް ބައެއް އާއްމުން ތުހުމަތުކުރެއެވެ.

ސުޝާންތުގެ ލޯބިވެރިޔާ ރިޔާ ޗަކްރޮބެދީ އާއި ބޮލީވުޑްގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މަހޭޝް ބަޓް އާއި އޮންނަ ގުޅުމުގެ ސަބަބުން އޭނާ އަށް އަމިއްލަ އަށް މަރުވާން މަޖުބޫރުވީ ކަމަށްބުނާ އިރު ބައެއް މީހުން ބުނާ ގޮތުން ސުޝާންތް އަމިއްލަ އަށް މަރުވާން ނިންމީ ބޮލީވުޑްގައި ހުރި ތަފާތުކުރުންތަކުގެ ސަބަބުންނެވެ.

އެއާއެކު ތަރިންނާއި ނުފޫޒު ގަދަ މީހުންގެ އާއިލާތަކަށް ބޮލީވުޑުން ފުރުސަތު ދޭ އިރު ހަގީގީ ހުނަރު ހުރި ފަރާތްތަކަށް ފުރުސަތު ނުދޭތީ އެކަމަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

މީގެ އިތުރުން ސުޝާންތުގެ މަރަށް ފަހު ނަފްސާނީ ދުޅަހެޔޮކަމަށް ދޭ ސަމާލުކަން އިތުރުކުރަން އިންޑިއާގައި ވަނީ ކެމްޕެއިނެއްވެސް ފަށައިފައެވެ.