ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި މާސްކު އަޅައިގެން ބަހަށް އެރުމަށް ބުނުމުން، ގިނަ އަދަދެއްގެ ބަޔަކު ވެގެން ބަސް ޑްރައިވަރެއް މަރާލައިފިއެވެ.

ފްރާންސްގައި ހިނގާދިޔަ މި ހާދިސާގައި ބަސް ދުއްވަން ހުރި މީހާ މަރުވެފައި ވަނީ ލިބުނު އަނިޔާގެ ސަބަބުން ސިކުނޑި މަރުވުމަށް ފަހު ކަމަށް އެގައުމުގެ މީޑީއާތަކުން އަންނަނީ ބުނަމުންނެވެ. އޭނާ މަރުވި ކަން އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އުމުރުން 59 އަހަރުގެ ފިލިޕް މޮންގުލިއަޓް ނަމަކަށް ކިޔާ މި މީހާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލުގައި ކަމަށް އޭނާގެ އަންހެން ދަރިފުޅު މަރީ ވަނީ ބުނެފައެވެ.

"ބައްޕަ އޮތީ ލައިފް ސަޕޯޓް މެޝިނުގައި، މީހާ ގައިގައި އެއްވެސް ކަހަލަ ހިތްވަރެއް ނެތް. ހަމަ އެކަނި މެޝިނުގެ އެހީގައި ނޭވާވެސް ލަމުން ދިޔައީ. އެހެން ކަމުން މެޝިނުން ނަގާލަން ނިންމީ" މަރީ ބުންޏެވެ.

މަރީ ބުނީ، ބައްޕަގެ ފުރާނަ ސަމާލަތް ކުރުމަށް ޑޮކްޓަރުންވެސް ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށާއި، އެހެން ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ބައްޕަ މަރުވީ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން 2 މީހެއްގެ މައްޗަށް މާރާމާރީ ހިންގި ކަމުގެ ދައުވާ އާއި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ ވަކީލުންނާއި ހަވާލާދީ މީޑިއާތަކުގައި ވަނީ ބުނެފައެވެ.

އޭނާގެ މަރާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ޖީން ކަސްޓެކްސް ބުނީ، ފިލިޕް އަކީ ގިނަ ބަޔަކު ދަންނަ ހިތް ހެޔޮ މީހެއް ކަމަށާއި އޭނާ ކޮށްދެއްވާފައިވާ ކަންކަން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި މިކަމުގައި ބައިވެރިވެފައިވާ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފިލިޕްގެ މަރާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ އިރު މިކަމުގައި ހިމެނޭ ބައެއް ފަރާތްތަކުން ފިލައިގެން އުޅޭ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ. އެހެން ކަމުން ފުލުހުން މިހާރު ވަނީ މިކަމުގައި ޝާމިލުވާ އެންމެން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.