ދުނިޔެއަށް ނުރައްކާކޮށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށްޓަކައި ސަމާލުކަންދޭން ޖެހޭ ގިނަ ކަންތައްތަކެއް ވެއެވެ. މާސްކު އެޅުމަކީ ކޮވިޑް ޖެހުމަށް އޮންނަ ފުރުސަތު މާބޮޑަށް ދަށްވެގެންދާނެ ކަމެއް ކަމަށް ކުރިން ބެލެވިފައި ނުވީނަމަވެސް، ފަހުން ހެދި ދިރާސާތަކުގެ އަލީގައި އެއީ ކޮންމެހެން ކުރަން ޖެހޭ މުޙިންމު ކަމެއްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ކެލެފޯނިއާގައި ހުންނަ ޔޫސީ ޑޭވިސް ޗިލްޑްރެންސް ހޮސްޕިޓަލުގެ ޕެޑިއެޓްރިކް އިންފެކްޝިއަސް ޑިޒީޒްގެ އިން ކުރިޔަށް ގެންދިޔަ ދިރާސާއެއްގައި ވެސް މިކަމަށް ބާރު ލިބޭ ހެކިތައް ހޯދިފައި ވާއިރު، އެ ދިރާސާއިން އެނގިފައި ވަނީ މާސްކު އެޅުމުން ބަލި ޖެހުމުގެ 65 އިންސައްތަ ފުރުސަތު ދަށްވެގެންދާ ކަމެވެ.

"މާސްކު އެޅުމަކީ ކުރިން ބެލެވުނު ވަރަށްވުރެވެސް މުޙިންމު ކަމެއްކަން މި ދިރާސާއިން ހާމަވެގެން ހިނގައްޖެ. މާސްކު އަޅަން ޖެހެނީ ހަމައެކަނި ބަލި މީހުން ނޫން ކަމާއި، މާސްކު އަޅާ މީހާއަށްވެސް ބަލި ޖެހުމަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ދަށްވާކަން ދިރާސާއިން ހާމަވި. އެއީ އެންމެ އާދައިގެ މާސްކު ކަމުގައި ވިޔަސް، މި ހާލަތުގައި ބުއްދިވެރި ގޮތަކީ މޫނު ނިވާކޮށްގެން ތިބުން،" ދިރާސާގެ އިސް ތަޖުރިބާކާރު، ޑީން ބްލަމްބާގް ވިދާޅުވިއެވެ.

ކޮވިޑް-19 އަކީ 2003 ވަނަ އަހަރު ދުނިޔޭގައި ފެތުރުނު "ސާސް ވައިރަސް" ފަދަ ވައިރަސް އެކެވެ. އޭރު އެ ވައިރަސް އިން ރައްކާތެރިވުމަށް ވެސް ގިނަ ބަޔަކު މާސްކު ބޭނުން ކުރިއިރު، ވައިރަސް އެންމެ ގަދަޔަށް ފެތުރުނު ހިސާބުތަކުގައި އާންމު ތަންތަނަށް މީހުން ނިކުމެ އުޅޭއިރު މާސްކު ބޭނުން ކުރުމުން އެކަމުގެ ރަނގަޅު ނަތީޖާ ފެނިގެންދިޔައެވެ. އެހެންކަމުން މާސްކު އަޅާނަމަ ކޮވިޑް-19 ގެ ހާލަތަށްވެސް ހެޔޮ ބަދަލު އަންނާނެ ކަމަށް ދިރާސާގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ތަޖުރިބާކާރުން ދައްކާ ވާހަކަތަކަށް ބަލާއިރު، ފޭސް މާސްކަކީ ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރުން ރަނގަޅު އެއްޗެކެވެ. އެހެން ނަމަވެސް މާސްކު އެޅުމަކީ ބަލިތައް ޖެހުމަށް އޮންނަ ދޮރު އެކީގައި ބަންދުކޮށްދޭ އެއްޗެއްކަމުގައި ދެކިގެން ނުވާނެ އެވެ. އެއީ ބަލިތަކުން ސަލާމަތްވުމުގެ "ގެރެންޓީ" އެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް އެފަރާތަތްކުން ބުނެއެވެ.

އެފަރާތްތަކުން ބުނާގޮތުގައި، އެކެއްގެ ހަށިގަޑުން އަނެކާގެ ހަށިގަނޑަށް ވައިރަސް އެއްގެ އަސަރު ކުރާނެ އެހެން ގިނަ ގޮތްގޮތްތައް ހުރެއެވެ. އެގޮތުން އަނގަމަތީގައި މާސްކު އަޅައިގެން ހުރި ނަމަވެސް ލޮލުންވެސް ވައިރަސްއަކަށް ހަށިގަނޑުގެ ތެރެއަށް ވާސިލުވުމުގެ ފުރުސަތު އޮންނައިރު، ސާފުތާހިރުކަމަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ނުދިނުމަކީވެސް ވައިރަސްއެއްގެ ޝިކާރައަކަށް ވެދާނެ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ހޯދުންތަކުގެ އަލީގައި ތަޖުރިބާކާރުން ބުނާގޮތުގައި މާސްކެއް އެޅުމަކީ ބަލިތައް ފެތުރުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ޚާއްސަކޮށް ބަލި ޖެހިފައިވާ މީހަކު މާސްކެއް އެޅުމަކީ އެ ބައްޔެއްގެ ޝިކާރައަކަށް ވެފައިނުވާ އެހެން މީހުންގެ ރައްކަލަކަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.