ކޮވިޑް-19 ޖެހިފައިވާ ހާލަތެއްގައި ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން ހަށިގަނޑުގައި ބަލި ފެތުރޭ މިންވަރު ދެގުނައަށް އިތުރުވެގެން ދިއުމުގެ ފުރުސަތު އޮންނަކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.

ދުނިޔެއަށް އަލަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު، ބަލީގެ ހަޤީޤަތް ދެނެގަތުމަށްޓަކައި ކުރިޔަށްގެންދާ މިފަދަ ގިނަ ދިރާސާތަކުން ކުރިން ހޯދިފައިނުވާ އެތައް ކަމެއް ހޯދިފައި ވެއެވެ. މިގޮތުން ބައެއް މާއްދާތަކަކީ ބަލި އިތުރަށް ބޮޑުކޮށްލުމަށް ހުޅުވާލެވޭ ދޮރެއްކަން ހޯދިފައިވުމާއެކު މި ބަލީގެ ނުރައްކާ ކުރިން ހީކުރި ވަރަށްވުރެ ވަނީ އިތުރުވެގެން ގޮސްފައެވެ.

އެކި ޤައުމުތަކުގެ ސައިންސްވެރިން ގުޅިގެން ކުރިޔަށްގެންދިޔަ މި ދިރާސާއިން ހާމަވަނީ، އާންމުކޮށް ދިމާވާ ސިއްޙީ ހާލަތްތަކުގައި ބޭނުންކުރާ ބައެއް ކަހަލަ ބޭސްތަކުންވެސް ކޮވިޑް-19 އަށް މެދުވެރިކުރާ ވައިރަސް، ހަށިގަނޑުގެ ތެރޭގައި ފެތުރިގެން ދިއުމުގެ ފުރުސަތު އިތުރުވާ ކަމެވެ.

އަދި މިފަދަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވެ، އަލާމާތްތައް އިތުރުވެގެންދާކަން ވެސް ހާމަވެފައި ވެއެވެ. މި ދިރާސާގެ ނަތީޖާތައް ހޯދާފައި ވަނި ބަލީގައި ބައެއް މާއްދާތަކުން ކުރާ އަސަރު ބެލުމަށް ރާމާމަކުނު ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދިޔަ ޓެސްޓުތަކުންނެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ ހަށިގަނޑުގައި ކޮވިޑް-19 އަށް މެދުވެރިކުރާ ވައިރަސް އިތުރަށް ފެތުރި އާލާވުމަށް ކުރިމަތިކުރުވާ ތަފާތު 332 ގޮތެއް ހޯދާފައެވެ. އަދި ތަފާތު އެކި ބޭސްތަކުން މިކަމަށް އަންނަ ބަދަލު، ދިރާސާ އިން ވަނީ ހޯދާފައެވެ.

މި ދިރާސާ އާއި ގުޅިގެން، ދިރާސާގެ ބައިވެރިއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ކެލެފޯނިއާގެ ޕްރޮފެސަރ، ނެވިން ކްރޯގަން ވިދާޅުވެފައި ވަނީ، އާންމުކޮށް ކެއްސާތީ ބޭނުންކުރާ ބައެއް ކަހަލަ ބޭސްތަކަކީ ވެސް ކޮވިޑް-19 ގެ ނުރައްކާ އިތުރުކޮށްލާ ބޭހެއްކަން ހާމަވެފައިވާ ކަމަށެވެ.

އެހެންކަމުން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ކުރިމަތިވެފައިވާ މީހުންނާއި، މި ބަލީގެ އަލާމާތްތައް ފެންނަ މީހުން ޑޮކްޓަރުންގެ އިރުޝާދާއި ނުލައި ބޭސް ބޭނުންކުރުމަކީ އޭގެ ސަބަބުން އިތުރު ނުރައްކާތެރި ހާލަތްތައް މެދުވެރިވެދާނެ ކަމެއް ކަމަށް ޕްރޮފެސަރ ކްރޯގަން ވިދާޅުވެއެވެ.