އިންޑިއާގެ އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ދިވްޔާ ޗައުކްސީ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު، އުމުރަކީ 28 އަހަރެވެ.

2016 ވަނަ އަހަރު ނެރުނު ހައި އަޕް ނާ ދިލް ޓޫ އާވަރާ އިން ފިލްމީ ދާއިރާއަށް ނުކުތް ދިވްޔާ މަރުވީ، އޭނާ އުފަން ޓައުން ކަމަށްވާ ބޯޕަލްގައެވެ.

އޭނާ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަން ފެށީ މީގެ އެއް އަހަރާއި ބައިގެ ކުރިންނެވެ. އޭނާ އެ ބަލިން ރަނގަޅުވިއެވެ. އެހެންް ނަމަވެސް އަނެއްކާވެސް އޭނާ ބަލިވާން ފެށީ އެވެ.

އޭނާގެ މަރާއެކު އިންޑިއާގެ ފިލްމީ ދާއިރާގެ ބައެއް ތަރިން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

ދިވްޔާ މަރުވުމުގެ އެއް ރޭ ކުރިން އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީއަށް އޭނާ މަރާއި ހަނގުރާމަ ކުރަމުންދާކަން ބަޔާންކޮށްފައެެވެ.

ދިވްޔާ ފެނިގެން ދިޔަ ފިލްމް ހައި އަޕްނާ ދިލް ތޫ އާވަރާގެ ތަރި ސާހިލް އާނަންދް ވަނީ އޭނާ މިިދިޔަ ހަފްތާ ތެރޭގައި ދިވްޔާ އަށް ގުޅައި ހާލު ބަލާފައިވާކަމަށް ބުނެފައެވެ.

"އަހަރެން އޭނާއާ ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަދެއްކި. އޭނާގެ ހާލު ވަރަށް ގޯސްކޮށް އުޅެނީ. އަހަރެންނަށް އިނގޭ އޭނާ މާ ގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެކަން. އޭނާގެ ހާލު ބަޔާންކޮށް ޕޯސްޓް ކުރިތާ މާގިނަ އިރުތަކެއް ނުވަ ވަނީ މަރުވެފައި" ސާހިލް ބުނެފައި ވެއެވެ.

ދިވްޔާގެ ފުރަތަމަ ފިލްމަށްފަހު އޭނާ ވަނީ ލަވަކިޔަން ފަށާފައެވެ. އެގޮތުން 2018 ވަނަ އަހަރު ތެރޭގައި ޕަޓިޔަލާ ޑި ކުއީން ލަވަ އޭނާ ވަނީ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު