ޖަޕާނުގެ އަންހެނެއްގެ ޓޮންސިލް ތެރެއިން ދިރޭ ފަންޏެއް ނަގައިފިއެވެ.

އުމުރުން 25 އަހަރުގެ އެ އަންހެން މީހާގެ ޓޮންސިލްގައި ދިރޭ ފަންޏެއް އޮތްކަން އެނގިފައިވަނީ، އޭނާ ކަރުގައި ރިއްސާތީ ގިނަ ދުވަސްތަކެއް ވެގެން ޓޯކިޔޯގެ ހޮސްޕިޓަލަކަށް ދިއުމުން ކުރިޔަށްގެންދިޔަ ޓެސްޓުތަކުންނެވެ.

ނޫސްތައް ބުނާގޮތުން އޭނާ ހޮސްޕިޓަލަށް ގޮސްފައި ވަނީ ކަރުގައި ރިއްސާތާ ފަސް ދުވަސް ވެފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން ޑޮކްޓަރުން ބެލި ބެލުމުން އޭނާގެ ޓޮންސިލްގައި 38 މިލިމީޓަރުގެ ފަންޏެއް އޮތްކަމާއި އޭގެ ސަބަބުން އިންފެކްޝަން އުފެދެމުން ދިޔަކަން ވަނީ ހާމަވެފައެވެ.

މިކަމާއި ގުޅިގެން ޑޮކްޓަރުން ވަނީ އެ ފަނި ނެގުމަށްޓަކައި އޭނާގެ ސާޖަރީއެއް ހަދާފައެވެ. އެއަށްފަހު އޭނާގެ ޓޮންސިލްއިން ނަގާފއިވާ ފަނީގެ ފޮޓޯ އެފަރާތްތަކުން ވަނީ އާންމުކޮށްފައެވެ. މި ފަނި އޭނާގެ ޓޮންސިލްއިން ނެގި ފަހުން މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުން އެ އަންހެން މީހާއަށް މި ހާލަތު މެދުވެރިވީ ރަނގަޅަށް ނުކައްކައި ހުންނަ މަސް، ނުވަތަ ރޯމަސް ކެއުމުން ކަމަށެވެ. ނުކައްކައި ހުންނަ ކަނޑުމަހުގެ ބާވަތްތައް ކެއުމަކީ މިނޫނަސް ނުރައްކާތެރި ސިއްޙީ ހާލަތުތައް މެދުވެރިވާ ކަމެއްކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ޖަޕާނުގައި ރޯމަސް ކެއުމަކީ ގިނަ ބައެއްގެ މެދުގައި ވަރަށް އާންމު ކަމެކެވެ. މީގެ ކުރިންވެސް މިކަމުގެ ސަބަބުން ބައެއް މީހުންނަށް ނުރައްކާތެރި ހާލަތުތައް މެދުވެރިވެގެން ފަރުވާކޮށްފައި ވެއެވެ. އެގޮތުން ދާދިފަހުން އުމުރުން 32 އަހަރުގެ މީހެއްގެ ބަނޑުން ވެސް ދިރޭ ފަންޏެއް ވަނީ ނަގާފައެވެ.