އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ވަކިވެ، ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް ވަކި ދިރިއުޅުމެއް ފެށި ނަމަވެސް މީޑިއާ އިން އެމީހުންނަށް ދީފައިވާ ސަމާލުކަން ކުޑައެއް ނުވެއެވެ. ސަބަބަކީ ހެރި އާއި މޭގަންގެ ކޮންމެ ހަރަކާތަކަށް އާއްމުން މިހާރު ވެސް ދޭ ސަމާލުކަން ބޮޑުވުމެވެ.

އެންމެ ފަހުން އިއްޔެ އިން ފެށިގެން މީސް މީޑިއާގައި އެންމެ ވަރުގަދައަށް ކުރިއަށްދާ ބަހުސް އަކީ މޭގަންގެ އިސްތަށިގަނޑަށް އައިސްފައި މިވަނީ ކޮން ބަދަލެއްތޯ ނިންމަން ކުރިއަށްދާ ބަހުސެކެވެ. އާހެއާ ސްޓައިލެއްގައި މޭގަން އިއްޔެ ފެނުނީ އދ.ގެ "ގާލް އަޕް" ޕްރޮގްރާމްގެ ދަށުން ބޭއްވި ލީޑާޝިޕް ސަމިޓެއްގައި ވާހަކަދެއްކި އިރުއެވެ.

ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ސަމިޓްގައި މޭގަން ދެއްކި ވާހަކައަށްވުރެ ބޮޑަށް ބައެއް މީހުންގެ ސަމާލުކަން އަމާޒުވީ މޭގަންގެ ބޮލުގެ އިސްތަށިގަނޑަށެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި މޭގަން ވަނީ އިސްތަށިގަނޑެއް ޖަހާފައެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި މޭގަންގެ ދިރިއުޅުމަށް އައި ބަދަލާއި އެކު އިސްތަށިގަނޑަށް ވެސް "ހެޔޮ ބަދަލެއް" އައީއެވެ.

މަޝްހޫރު ހެއާ ސްޓައިލިސްޓުން ވެސް ވަނީ މޭގަންގެ އިސްތަށިގަނޑަށް އައިސްފައިވާ ބަދަލާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

ޖޭމްސް ޖޯންސަން ބުނީ މޭގަންގެ އިސްތަށިގަނޑަށް އައި ބަދަލަކީ "ޝާހީ ގޮތްގަނޑު" ކަނޑުވާލާ ރަސްމީ ބައްދަލުވުމަކަށްޓަކައި ގެނެސްފައިވާ ބަދަލެކެވެ.

މޭގަންގެ އިސްތަށިގަނޑަށް ބަދަލެއް ގެނެސްފައި ވަނީ ކިހިނެއްތޯ ނިންމަން ކުރިއަށްދާ ބަހުސްގައި ވަކި ނަތީޖާއެއް ފެނިފައި ނެތް ނަމަވެސް ގިނަ މީހުން ބުނެފައިވާ ގޮތުގައި މޭގަންގެ އިސްތަށިގަނޑަށް ގެނެސްފައިވާ ބަދަލު ވަރަށް ފުރިހަމައެވެ.