މައިކްރޮސޮފްޓްގެ ބާނީ، ބިލް ގޭޓްސް އާއި ޓެސްލާ އަދި ސްޕޭސް އެކްސްގެ ސީއީއޯ އެލަން މަސްކް އަދި މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލްގެ ޓްވީޓާ އެކައުންޓް "ހެކް" ކޮށްފިއެވެ.

ހެކަރުންގެ ހަމަލާ މިރޭ ބޮޑެތި ބައެއް ޓްވީޓާ އެކައުންޓުތަކަށް އަމާޒުވެފައި ވާއިރު، އެ އެކައުންޓުތައް މެދުވެރިކޮށް ސްކޭމް ޓްވީޓުތަކެއް ވަނީ ކޮށްފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް، "ގިވްއަވޭ" އެއް ކަމަށް ބުނެ ބިޓްކޮއިން އެޑްރެސް އަކަށް ފައިސާ ޖަމާކުރުމަށް އެދި މި އެކައުންޓުތަކުން ހެކަރުން ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ، ޓްވީޓު ކުރާތާ 30 މިނެޓު ތެރޭގައި އެ އެޑްރެސް އަށް ފޮނުވާ ފައިސާ ދެގުނަ ކުރުމަށްފަހު އަނބުރާ ލިބޭނެ ކަމަށެވެ. މިގޮތުން 1000 އެމެރިކާ ޑޮލަރު ފޮނުވައިފި ނަމަ 2000 ޑޮލަރު ޖަމާވާނެ ކަމަށް ޓްވީޓުގައި ވަނީ ބުނެފައެވެ.

މި ސްކޭމްގެ ސަބަބުން ގިނަ ބަޔަކު ހެކަރުންގެ ބިޓްކޮއިން އެޑްރެސް އަށް ފައިސާ ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 30 މިނެޓެއްހާއިރު ތެރޭ އެ އެޑްރެސް އަށް އެއްލައްކަށް އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ފޮނުވާފައިވާ ކަމަށް ވެއެވެ.

އެޕަލް އާއި އެލަން މަސްކް އަދި ބިލްގޭޓްސްގެ އެކައުންޓުގެ އިތުރުން ވެސް އިތުރު ބައެއް ޓްވީޓާ އެކައުންޓުތަކަށް ހެކަރުންގެ މި ހަމަލާ އަމާޒުކޮށްފައި ވެއެވެ. އޭގެތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އެޤައުމުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އުޅުއްވާ ޖޯއި ބައިޑެންގެ ޓްވީޓާ އެކައުންޓުގެ އިތުރުން އެމެރިކާގެ މަޝްހޫރު "އޫބާ" ގެ ޓްވީޓާ އެކައުންޓަށްވެސް ހަމަލާ ދީފައި ވެއެވެ. މި އެކައުންޓުތަކަކީ އެތައް މިލިއަން ބަޔަކު ފޮލޯކުރަމުން އަންނަ އެކައުންޓުތަކެކެވެ.

މިކަމާއި ގުޅިގެން މިރޭ ޓްވީޓާއިން ބުނެފައި ވަނީ، މިރޭ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ އެންމެހާ ކަންކަން ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށްވެސް ޓްވީޓާއިން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގިތާ ގިނައިރުތަކެއް ނުވަނީސް ޓްވީޓާއިން ވަނީ މި ސްކޭމް ޓްވީޓުތައް އެކައުންޓުތަކުން ނަގާފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވެސް ބިލިއަނަރުންނާއި މަޝްހޫރު ޓްވީޓާ އެކައުންޓުތަކަށް ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. ނަމަވެސް މިއީ މީގެ ކުރިންވެސް ހެކަރުން ބޭނުންކުރަމުން ދިޔަ ސްކޭމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސްވާ

    ޓުވީޓާގެ ސެކިއުރިޓީ ދައްކަމެއްނު ތީގެން އިނގެނީ

    11
  2. ޛޖ

    ކަލޯ ހަދަ ގަދަ ހެ ކަރުން އުނޅެޔެ ދޯ ވެރިފައިޑް ަަަަަ އެކަންޓައް ވިޔަ އެ ހެކްކޮއްލި

    9
    1
  3. އެޕަލް ފޭން

    ނުޖެހޭ ކޮންމެހެން އެޕަލްގެ ޓުވިޓާ އެ ކައުންޓް ހެ ކް ކުރާ ކަށް.. ??

    3
    1