މަޝްހޫރު ޓީވި މިއުޒިކަލް ޝޯ، "ގްލީގެ" ތަރި، ނާޔާ ރިވެރާ ގެއްލިގެން ހޯދަމުންދިޔަ ކެލެފޯނިއާގެ "ލޭކް ޕިރޫ" އިން މިދިޔަ ހޯމަ ދުވަހު ފެނުނީ އޭނާގެ ހަށިގަނޑު ކަމާއި، އޭނާ މަރުވީ ގެނބިގެން ކަން ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފިއެވެ.

އުމުރުން 33 އަހަރުގެ ނާޔާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދިޔަތާ ފަސް ދުވަސް ވެފައި ވަނިކޮށެވެ. އެހެންކަމުން އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމާއެކު، ފެނުނުއިރު ސިފަ ވަކިކުރަން ނޭނގޭ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. މިކަމާއި ގުޅިގެން އިދާރާތަކުން އެއީ ނާޔާގެ ހަށިގަނޑު ކަމަށް ބުނުމުގެ ކުރީން ތަހުލީލުތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.

"ލޭޕް ޕިރޫ" އަށް ނާޔާ ގޮސް އުޅުނީ އޭނާގެ އުމުރުން ހަތަރު އަހަރުގެ ފިރިހެން ދަރިފުޅާއެކު މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. ދެމައިން ލޭކު ބަލައިލާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން ލޭކުގައި އުޅުނީ ކުއްޔަށް ނެގި ޑިންގީއެއްގައެވެ.

ނާޔާ ގެއްލުނުކަން އެނގިފައި ވަނީ، ލޭކުން ދަތުރުކުރި ބޯޓަކަށް މި ޑިންގީ ފެނިގެން ގޮސް ބެލިއިރު އޭގައި އޭނާގެ ދަރިފުޅު އެކަނިމާ އެކަނި ނިދަން އޮއްވައި ފެނިގެން ސުވާލު ކުރުމުންނެވެ. އެކުއްޖާ ބުނެފައިވަނީ އޭނާގެ މަންމަ ފަތާލަން ލޭކަށް ފޭބިފަހުން އެނބުރި ނާންނަ ކަމަށެވެ. ބޯޓުން ދިޔަ މީހުންނަށް ޑިންގީ ފެނިފައި ވަނީ ބެހިގެން އޮޔާ ދަނިކޮށެވެ.

އެކަނިމާ އެކަނި ޑިންގީގައި ނާޔާގެ ދަރިފުޅު ހުއްޓާ ފެނުނުއިރު އޭނާ ހުރީ ލައިފްޖެކެޓް އަޅައިގެންނެވެ. އަދި އޭނާއަށް އެއްވެސް ހާނިކައެއް ލިބިފައެއް ނުވެއެވެ.

"ގްލީ" އިން މަޝްހޫރުކަން ހޯދި ނާޔާ މަރުވެފައި ވަނީ، އެ ސީރީޒްގައި އޭނާ އާއެކު މަސައްކަތް ކުރި ތަރި، ޗޯރީ މޮންޓެއިތް ވެސް މަރުވިތާ ބަރާބަރު ހަތް އަހަރުވީ ދުވަހުއެވެ. ކޯރީ މަރުވެފައި ވަނީ 2013 ވަނަ އަހަރު އޭނާ ދިރިއުޅޭ ހޮޓެލް ތެރޭގައި މަސްތުވާތަކެއްޗަށް އޯވަޑޯޒް ވެގެންނެވެ.

"ގްލީ" ސީރީޒް އަކީ ފޮކްސް ނެޓްވޯތުން 2009 ވަނަ އަހަރުން 2015 ވަނަ އަހަރާއި ހަމައަށް ގެނެސްދިން، ގިނަ ބައެއްގެ މަޤުބޫލުކަން ލިބިގެންދިޔަ ސީރީޒެކެވެ.