ޖިންސީ ގޯނާ އާއި ރޭޕް އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ވާހަކައަކީ ރާއްޖޭގައި ޒަމާނުއްސުރެ ހިނގާ ނަމަވެސް ނުދެކެވޭ ވާހަަކަތަކަކަށް އޮންނަނީ ވެފައެވެ. އެތައް އަހަރެއް ވަންދެން ދަރިވަރުންނާއި، ބެލެނިވެރިން އަދި މުޖުތަމައުގެ އެހެން މީހުން ހޭލުންތެރިކުރުވުމަށް ކުރެވުނު މަސައްކަތްތަކާއެކު ވެސް ގިނަ މީހުން އަދިވެސް ގަބޫލު ކުރަނީ ރޭޕް ނުވަތަ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހާ އެ ވާހަކަ ދެއްކުމަކީ ބަދުނާމުވާ ކަމެއްގެ ގޮތުގައެވެ. އެ ވާހަކަ ދެއްކުމުން އަނިޔާ ލިބުނު މީހާ އަށް އިތުރު އަނިޔާތަކެއް ލިބޭ ކަމަށް ގަބޫލު ކުރާ މީހުންވެސް މަދެއް ނޫނެވެ.

އެތައް ޖީލަކަށް ފަހު މިއަދުގެ ޖީލުން ކޮންމެވެސް ވަރަކަށް ނަމަވެސް ރޭޕް އާއި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ވާހަކަތައް އަޑު އަހާ، އެވާހަކަތައް ބަލައިގަންނަން މިވަނީ ފަށައިފައެވެ. އެގޮތުން މީސްމީޑިއާގައި ސަޕޯޓް ގްރޫޕްތައް ހަދައިގެން އެކި މީހުންނަށް ދިމާވެފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ހާދިސާތައް ކިޔައިދެމުން ދާއިރު، އެ އެންމެން އެކަކު އަނެކަކަށް ދިމާވެފައިވާ ނަފްސާނީ ހާލަތުން އަރައިގަތުމަށް އެހީތެރިވެ ހިތްވަރުދޭ މަންޒަރު ފެނިގެންދެއެވެ.

ނަމަވެސް އަދިވެސް ގިނައިން ދެކެވެނީ އަންހެނުންނަށް ދިމާވާ މިފަދަ ހާދިސާތަކުގެ ވާހަކައެވެ. ފިރިހެނުންނާއި ކުޑަ ފިރިހެން ކުދިންނަށް ކުރާ ޖިންސީ ގޯނާގެ ވާހަކަ އަދިވެސް ދެކެވެނީ ވަރަށް މަދުންނެވެ. އަދި ފިރިހެނަކު ރޭޕްކޮށްފި ނަމަ އޭނާ އަކީ ފިނޑިއެއް ކަމަށް ބުނެ އަނިޔާ ލިބުނު މީހާ އަށް އިތުރު ފުރައްސާރަ ކުރާ މަންޒަރު ވެސް މި މުޖުތަމައު އިން ފެނެއެވެ.

މޫސާ ހުޝާމް (އަސްލު ނަމެއް ނޫން)އަކީ މިފަދަ ވަރަށް ހިތި ތަޖުރިބާއެއް ކުރަން ޖެހުނު މީހެކެވެ. މޫސާ ކިޔައި ދިން ގޮތުގައި އޭނާ އަށް ޖިންސީ ފުރައްސާރަ ދިމާވާން ފެށީ އުމުރުން 10 އަހަރުގައެވެ. އެ މުޑުދާރު އަމަލުތައް އޭނާ އާއި މެދު ހިންގާފައި ވަނީ ބައްޕައާ އެކު މަސައްކަތް ކުރާ އޭނާގެ ރަހުމަތްތެރިއެކެވެ.

" އަހަރުމެން ރަށް ކައިރީގަ އޮންނާނެ ފަޅު ރަށެއް. އެތަނަށް ވަރަށް ގިނައިން ދަތުރު ދާނެ. ދެން މޫދަށް ދާނެ ބޯވަ ނަގަން ކަހަލަ ކަންކަމުގައި. ދެން އޭރު އަހަރެންވެސް ދަން. ދަނިކޮށް އެއްދުވަހު އެ ރަށުގަ އެކަން ހިނގީ. އޭރު ނޭނގެ އެހާ ބޮޑަަކަށް 10 އަހަރުގަވެސް ގެއިން ވެސް ނުނިކުންނަން. މުޅިންވެސް ބައްޕަގެ ރަހްމަތްތެރިންނާ އެއްކޮށް ބޭރަށް ދަނީ." ހުޝާމް ކިޔައި ދިނެވެ.

ހުޝާމްއަށް ގެއިން ބޭރަށް ދެވެނީ ހަމައެކަނި އޭނާގެ ބައްޕަގެ އެ ރަހުމަތްތެރިޔާއާ އެކުގައެވެ. އޭނާ ބުނާ ގޮތުން ސްކޫލްގައި ވެސް އޭނާގެ އެއްވެސް ރަހުމަތްތެރި އެއް ނުހުރެއެވެ. އަދި އެއްވެސް މީހެއް ކައިރީގައި އެ ވާހަކަ ނުބުނާ ކަމަށާއި އެ ވާހަކަ ބުނެފި ނަމަ ގެއިން ބޭރަށް ނުދެވޭނެ ކަމަށް ފުރައްސާރަ ކުރި މީހާ ވަނީ ބުނެފައެވެ.

ހުޝާމް އަށް ދިމާވަމުން އައި ކަންތައްތަކަކީ ކިހާ ގޯސް ކަންތައްތަކެއްކަން އޭނާ އަށް އެނގުނީ އެކަން ހިނގާތާ ދޮޅު އަހަރު ވަރު ފާއިތުވި ފަހުންނެވެ. އޭރު އޭނާ އަށް 13 އަހަރެވެ. އޭނާ އަށް އެކަން ބޮޑަށް އެނގެން މެދުވެރިވީ ސްކޫލްގައި ހިންގި ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގެ ސަބަބުން ކަމަށް ވެސް ހުޝާމް ކިޔައި ދިނެވެ.

" ބައްޕަ އަކީ ހިތުގެ މައްސަލަ އެއް ހުންނަ މީހެއް. ދެން މަންމަ ވެސް ވަރަށް ބަލިކޮށް އުޅޭނީ. އެ ވާހަކަ ކިޔައި ދިން ހާއިރުން ބުނީ ތިވާހަކަ ދައްކައިފި ނަމަ ބައްޕަ ހިތް ފަޅައިގެން މަރުވެދާނެއޭ. ދެން އެހެން ކިޔާފަ އެރޭ ބައްޕަގެ މި އެހީތެރިާ ގެއަށް އައީމަ މަންމަ ބުނި މީގެ ފަހުން ބައްޕަ އާއި ނުލާ ގެއަށް ވަދެގެން ނުވާނެއޭ. އެ ހިސާބުން އެ ވާހަކަ މަންމަވެސް ނުދައްކާ. އެއްވެސް ކައުންސިލިން އެއްވެސް ނުލިބޭ. މަންމަ ބުނި ބަދުނާމު ވާނީ މަށޭ. އެކަމު އަހަރެންގެ މުޅި އާއިލާ އޭނައާ ހެދި ހަލާކުވި ކަމެއް މަންމައަކަށް ނުފެނުނު." ހުޝާމް ބުންޏެވެ.

ހުޝާމް ބުނީ އޭނާއާ މެދު ހިންގާފައިވާ އަމަލުތަކުގެ ނުބައިކަން އޭނާ އަށް އިހުސާސްވީ އޭނާ ބޮޑުވަމުން އައި ވަރަކަށް ކަމަށެވެ. އަދި މިހާރު އޭނާ އަށް 18 އަހަރު ފުރިިފައިވާ އިރު އިހަށް ދުވަހާ ޖެހެން ދެން އޭނާ އެ ވާހަކަ އެއްވެސް އިތުރު މީހަކާ ހިއްސާ ނުކުރާ ކަމަށް އޭނާ ބުންޏެވެ.

" އަސްލު ނޭނގެ އަންނަނީ ރުޅިކަމެއް ދެރަ ކަމެއް. ފިރިހެނަކަށް ވީމަ ރޮވޭކަށް ވެސް ނެތް. މިހާރުވެސް ފެމިލީ ފަންގްޝަންސްތަކުން އޭނަ ފެނުނީމަ ވަރަށް އެހެން ކަހަލަ ގޮތެއް ވަނީ. ޓްރިގަ ވަނީ ދޯ އަސްލު. އަސްލު ބޭނުން އަދިވެސް އެކަން ރިޕޯޓްކުރަން. އެކަމަކު މިހާރު ދެން އެ ވާހަކަ ދެއްކިޔަސް ބުނާނީ ކުރިން ކީއްވެހޭ ނުދެއްކީ. އަސްލު މަންމަ އަށް ވެސް އިހުސާސެއް ނުވާނެ،" އޭނާ ބުންޏެވެ.

ބައްޕަ އަށް ވެދާނެ ގޮތަކާ މެދު ވިސްނާފަ އަދިވެސް ފާޅުގައި އޭނާ އަށް އެ ވާހަކަ ދައްކާކަށް ނުކެރެއެވެ. ނަވެސް އެ ހާދިސާތަކަށް ފަހު ނިދަން އުނދަގޫވުމާއި ހާސްވުން ފަދަ ނަފްސާނީ އެތައް އުނދަގޫތަކާއި ހުޝާމް ދަނީ ކުރިމަތިލަމުންނެވެ.

ހުޝާމް އަށް ފަހުން އެނގުނު ގޮތުގައި އެ އާއިލާގެ އިތުރު ފިރިހެން ކުއްޖަކަށް ވެސް، ހުޝާމް އަށް ޖިންސީ ގޯނާ ކުރި މީހާގެ ފަރާތުން އެފަދަ ކަންތައްތަކެއް ދިމާވިއެވެ. ނަމަވެސް އެ ކުއްޖާ އެ ވާހަކަތައް އޭނާގެ މައިންބަފައިންނާއި ހިއްސާކޮށްފައެއް ނުވެއެވެ.

ހުޝާމް ބުނީ އޭނާ މި ވާހަކަ ހިއްސާ ކުރުމުގެ ބޭނުމަކީ އާއިލާގެ އަބުރު ރައްކާތެރިކުރަން ކަމަށް ބުނެ ކުދިންނަށް ކުރާ ޖިންސީ އަނިޔާ ރިޕޯޓް ނުކުރުމަކީ އިތުރު ކުދިން އެ ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަން ހާމަކޮށްދިނުން ކަމަށެވެ. އަދި އޭނާ އަށް ދިމާވި ކަންތައްތައް އިތުރު އެއްވެސް މީހަކަށް ދިމާވާން ބޭނުން ނުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަފަރު ކައްދަގެ ތިއްތިބެ

    މޮޅުވާހަކަ ނުދައްކާ! ޖިންސީ ގޯނާ އާއި ރޭޕް އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ގިނަ މީހުންނަކީ އެކަންކުރާ އުމުރުގައި އަތުންފައިން ރުހިގެން ކުރާބަޔެއް! މިހާރު މިނިވަން ކަމާއި ހޭލުންތެރިކަން އައުމުން އެކަކު އަނެކެއްގެ ބޮލަށް ކަނޑާލަނީ! ނަމަވެސް ތުއްތު ޢުމުރުގައި ކުޑަކުދިންނަށް ޖިންސީކުރަނީ ސީދާ ޖަނަވާރުން. އެބައިގަނޑުގެ ކިބައިން މިބިން ސަލާމަތް ކުރަން ޖެހޭ!

    4
    15
  2. ާއަދިވެސް

    އަސްލު ނަމެ އް ނޫން.... . އޭރުން ތިހިރީ ރިޕޯޓް ކުރެވިފަ..

    1
    7