މިދިޔަ މަހުގެ 14 ވަނަ ދުވަހު ދަންޖެހިގެން މަރުވި ސުޝަންތް ސިންގ ރާޖްޕުތްގެ މަރާއި ގުޅިގެން، ރޭޕްކޮށް، މަރާލާނެ ކަމުގެ އިންޒާރުތައް އެކްޓަރ ރިއާއަށް ލިބެމުން އަންނަ ކަމަށް އޭނާ ބުނެފައިއެވެ.

ރިއާއަކީ ސުޝަންތްގެ ލޯބިވެރިޔާ ކަމަށް އަޑުތައް ފެތުރުނެވެ. އަދި އެކަން ޔަގީންވާ ފަދަ ގޮތަކަށް އިއްޔެ ރިއާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއްވެސް ކޮށްފައެވެ. ސުޝަންތްއައެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، އޭނާއާ ބެހޭ ގޮތުން ބޮޑު ބަޔާނެއް ރިއާ ލިޔުނެވެ.

ސުޝަންތްގެ މަރަށް ފަހު، އޭނާގެ ފޭނުން، ސުޝަންތްގެ މަރާއި ގުުޅުވަނީ ރިއާ އާއެެވެ. ހުރިހަ ކަމެއް ދިމާވީ ރިއާގެ ސަބަބުން ކަމަށް ބުނާ އަޑުތައް ވަނީ ގަދަވާން ފަށާފައެެވެ.

އުމުރުން 28 އަހަރުގެ ރިއާ ބުނީ، އޭނާގެ ފޮޓޯތައް ކޮމެންޓް ކުރަމުންދާ ހޭޓް މެސެޖްތައް ޑިސްއޭބަލް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ވަނީ އޭނާއަށް ލިބެމުންދާ ހޭޓް މެސެޖްތަކުގެ ސްކްރީންޝޮޓްތައްވެސް ހިއްސާކޮށްފައެވެ.

"އަހަރެންނާއި ދިމާލަށް ގޯލްޑް ޑިގާވެސް ބުނެފައި ވޭ. އަހަރެން ހަނު ހުރިން، އަހަރެންނާއި ދިމާލަށް އަހަރެންނަނީ ގާތިލެކޭ ބުނެފައިވޭ. އަހަރެން ހަނު ހުރިން، އަހަރެންނަކީ މީހުންނާއި ޖިންސީ ގުޅުން ހިންގާ މީހެއް ކަމަށް ބުނި، އަހަރެން ހަނު ހުރިން. އަހަރެންނާއި ދިމާލަށް މި ހުރިހާ އެއްޗެއް ކިޔަމުންދިޔައިރު، އަހަރެން އަމިއްލައަށް މަރުނުވެއްޖެ ނަމަ، އަހަރަނެް ރޭޕްކޮށް މަރާލާނެކަމަށް ބުނަނީ ކޮން ހައިސިއްޔަތަކުން". އޭނާ ބުނެފައި ވެއެވެ.

އޭނާ ވަނީ އެއްެވެސް މީހަކާއި މެދު މިފަދަ ގޮތަކަށް ކަންތައް ނުކުރެވޭނެ ކަމަށް ބުނެފައެވެ.

އަދި އޭނާ ވަނީ ކަމާއި ގުޅުން ހުރި ފަރާތްތަކުން މިކަމަށް ރަނގަޅަށް ބަލައި ފިޔަވަޅު އެޅުމަށް އެދިފައެވެ.

ސުޝަންތްގެ މަރާއި ގުޅިގެންފ ފުލުހުން ވަނީ ރިއާގެ ބަޔާންވެސް ނަގާފައެވެ. ފުލުހުން އަދިވެސް ވަނީ އޭނާގެ މަރުގެ ތަހުގީގުތައް ކުރަމުންނެވެ.