ހަށިގަނޑުން ގުޅިފައިވާ އުމުރުން އެންމެ 13 މަހުގެ އެއްމާބަނޑު ދެ އަންހެން ކުދިންގެ ކާމިޔާބު އޮޕަރޭޝަނެއްކޮށް، ދެ ކުދިން ވަކިކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ވިއެޓްނާމްގައެވެ.

100 ޑޮކްޓަރުންގެ ޓީމަކުން، ކުދިން 12 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު، މިހާރު އެ ދެ ކުދިންގެ ހާލު ރަނގަޅެވެ. ހޯ ޗި މިންހ ސިޓީގެ ސިޓީ ޗިލްޑްރެން ހޮސްޕިޓަލްގައި މި ދެ ކުދިންގެ އޮޕަރޭޝަން ކުރެވިގެން ދިޔައިރު، ކުރިއަށް އޮތް ތިން މަހު ޑޮކްޓަރުންދާނީ އެ ކުދިންގެ އިތުރު އޮޕަރޭޝަންތައް ކުރަމުންނެވެ. އަދި އެކުދިންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން އެ ކުދިންގެ ޑައިޖެސްޓިވް އާއި ޔުރީނަރީ ޓްރެކްޓްސްތައް އުފެއްދުމުގައި ޑޮކްޓަރުން އެހީތެރިވަމުން ދާނެއެވެ.

މި ދެ ކުދިން އޮޕަރޭޝަންކޮށްގެން ނަގާފައި ވަނީ، އެ ކުދިންގެ މަންމަގެ ބަނޑަށް 33 ހަފްތާގައެވެ. އެއީ ޑޮކްޓަރުންނަށް އެ ކުދިންނަކީ ހަށިގަނޑުން ގުޅިފައިވާ ކުދިންކަން އެނގުމުންނެވެ. މި ދެކުދިން ގުޅިފައި ވަނީ ގުރުދާގެ ޅިނދު ނުވަތަ ޕެލްވިސްއިންނެވެ.

އެ ކުއްޖާގެ އޮޕަރޭޝަން ކުރިއަށްގެންދިޔަ ހޮސްޕިޓަލްގެ ޑައިރެކްޓަރ ބުނީ، އެއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި، އަދި މިއީ އެކަމުގެ ފެށުން ކަމަށެވެ.

"އެ ކުދިން ރަނގަޅުވުމުގެ ޕްރޮސެސް އުނދަގޫ ވެދާނެ، އަދި ޗެލެންޖެސްތައްވެސް ހުންނާނެ. އަޅުގަނަޑުމެންގެ މުޅި ފޯކަސް، އަދި ހުރިހާ ކަމެއްވެސް ކުރާނީ، މިއީ ކާމިޔާބީއެއްގެ ގޮތުގައި ބަލައިގެން".

އެއްމާބަނޑު މި ދެ ކުދިންގެ ބަރަނުގައި ހުރީ 14 ކިލޯއެވެ. ދެ ކުދިންގެ ހާލުވެސް ރަނގަޅެވެ.

މި ކުދިން ވިހެއި އިރުން ފެށިގެން ނުވަ ޑޮކްޓާރުންގެ ޓީމަކުން ދިޔައީ މި ކުދިންގެ އޮޕަރޭޝަންގެ ކަންކަން ކުރިއަށްގެންދާނެ ގޮތަކާއި މެދު މަޝްވަރާތައް ކުރަމުންނެވެ.

ޑޮކްޓަރުން ބުނަނީ މި ކުދިން ރަނގަޅުވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. އަދި މި ދެ ކުދިންގެ އިތުރު ސާޖަރީތައް ކުރަން ޖެހޭ ކަމަށާއި،އޭގެ ތެރޭގައި ޕްލާސްޓިކް ސާޖަރީތައްވެސް ހިމެނޭ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    މާޝާﷲ

    35
    1
  2. Anonymous

    މާޝާﷲ އަލްހަމްދުލިއްލާހި

    27
  3. އައްޑޫ ލެއި

    ވަރަށް ލޯބި ދެކުދިން މާޝާﷲ

    22