ކޮވިޑްގެ ބަލިމަޑުކަން ދުނިޔެއަށް ކުރިމަތިވި ހިސާބުން ފެށިގެން ގިނަ ބަޔަކަށް އެކަމުގެ އަސަރު އެކި ގޮތްގޮތުން ދިޔައީ ފޯރަމުންނެވެ. މިގޮތުން ސްކޫލްތަކާއި ވަޒީފާއަދާކުރާ ތަންތަން ބަންދުވެ، އެނބުރި އަމިއްލަ ވަޒަނަށް ދާން ބޭނުންވި އެތައް ބަޔަކަށް އެމަގުވެ ބަންދުވެ ނާއުންމީދުވިއެވެ. ނަމަވެސް ގްރީސްއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ކްލެއޯން ބުނާގޮތުން، ހިތްވަރެއް ހުރިއްޔާ ބޭނުންވާ ކަމެއް ހާސިލް ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ.

ކޮވިޑްގެ ހާލަތު ކުރިމަތިވިއިރު ކްލިއޯން ހުރީ ސްކޮޓްލޭންޑުގައެވެ. ތަޢުލީމު ހާސިލް ކުރުމަށް ގްރީސް އިން އޭނާ ސްކޮޓްލޭންޑަށް ގޮސް އުޅޭތާ ގިނަ ދުވަސްތަކެއް އޭރު ވަނީ ވެފައެވެ. އާއިލާ އާއި ދުރުގައި އެތައް ދުވަހެއް އުޅެން ޖެހުމުން އޭނާ ހުރީ އެނބުރި ގެޔަށްދާން ލިބޭނެ ފުރުސަތެއްގެ އިންތިޒާރުގައެވެ. ނަމަވެސް ކޮވިޑް-19 ގެ ނުރައްކާ އިތުރުވާން ފެށުމާއި ގުޅިގެން ފްލައިޓްތައް ކެންސަލްވެ އޭނާއަށް ޤައުމަށް ދެވެން އޮތް އުންމީދު ކުޑަވިއެވެ.

ތިން ފަހަރެއްގެ މަތީން ދަތުރުކުރަން ބުކް ކުރި ފްލައިޓްތައް ވެސް ކެންސަލް ކުރުމުން އެނބުރި ގްރީސް އަށް ދިއުމަށް ދަތުރު ހަމަޖެހޭނެ އެހެން އެއްވެސް ގޮތެއް އޮތްތޯ އޭނާ ވަނީ ބަލާފައެވެ. ނަމަވެސް ދުވަސްވަރުގެ ގޮތުން އާންމު ދަތުރުފަތުރުތައް ހުއްޓާލާފައި އޮތުމުން އޭނާ ނިންމީ ބައިސްކަލެއްގައި އަމިއްލައަށް ދަތުރު ފެށުމަށެވެ.

"ބައިސްކަލުގައި ދަތުރު ފަށަން ޚިޔާލަށް އައީ ޤައުމަށް ދެވޭނެ އެހެން އެއްވެސް ގޮތެއް ނުފެނުމުން. 2175 މޭލުގެ ދިގު ދަތުރެއް ބައިސްކަލުގައި ކުރެވިދާނެ ކަމަށް އަހަރެން ހިއެއްވެސް ނުކުރަން. އެކަމަކު ކޮންމެ ހާލެއްގައި ނަމަވެސް އާއިލާ ކައިރިޔަށްދާން ބޭނުންވެފައި ހުރުމުން އަހަރެން ނިންމީ އެކަން އަހަންނަށް ހާސިލްވޭތޯ ބަލަން،" ކްލެއޯން ބުންޏެވެ.

ކްލެއޯން ބުނިގޮތުގައި ބައިސްކަލުގައި 48 ދުވަސް ވަންދެން އޭނާ ކުރި ދަތުރުމަތީގައި ގިނަ ކަންކަން އޭނާއަށް ވަނީ ތަޖުރިބާވެ ދަސްވެފައެވެ. އެގޮތުން އެ ދަތުރުގެ ސަބަބުން އަމިއްލަ ނަފްސަށް އޮތް އިތުބާރު އިތުރުވެފައިވާ ކަމަށް އެނާ ބުންޏެވެ. އަދި މިއީ ހަނދާނުން ފޮހެނުލެވޭނެ ކިތަންމެ ކަމަކާއި ދިމާވި ދަތުރެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މީގެ ކުރިން ބައިސްކަލް ދުއްވުމުގެ މުބާރާތެއްގައި ވެސް ބައިވެރިވެ ޓްރޭނިން ހަދާފައިވާ ކްލެއޯން ބުނެފައިވަނީ މިފަދަ ދިގު ދަތުރެއް ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އެކަނިމާއެކަނި، އަދި އަމުދުން އެތައް ޤައުމެއް ހުރަސްކޮށް މިހައި ދިގު ދަތުރެއް ކުރަން ޖެހިދާނެ ކަމަށް ހީވެސްނުކުރާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ދަތުރަށް ތައްޔާރުވާން ބޭނުންވާ ތަކެތި ހޯދަމުން ދިޔައިރު އެކަން ރައްޓެރިންގެ ފަރާތުން އާއިލާއަށް އޮތީ އެނގިފައި. ނަމަވެސް އާއިލާގެ އެއްވެސް މީހަކު އަހަރެން އެފަދަ ކަމެއް ސީރިއަސްކޮށް ކޮށްފަނެ ކަމަށް ހިއެއް ނުކުރޭ. އަހަރެންގެ މައިންބަފައިން އަހަންނަށް ހުއްދަ ދިންއިރުވެސް އެމީހުން ހީކުރީ އެއީ އަހަރެންގެ ޚިޔާލީ ވާހަކަތަކެއް ކަމަށް. އެހެންވެ އެކަމާއި ގުޅޭގޮތުން އެމީހުން މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވޭ،" ކްލެއޯން ބުންޏެވެ.

ކްލެއޯން އޭނާގެ ދަތުރު ފެށީ މިދިޔަ މޭއި މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ދަތުރުމަތީގައި ކެއުމަށް ބޭނުންކުރާނެ ލުއި ކާނާ އާއި އަރާމުކުރަން ސްލީޕިން ބޭގަކާއި ޓެންޓެއްވެސް އޭނާ ގެންދިޔައެވެ.

ކްލެއޯން ބުނިގޮތުން އޭނާ ކޮންމެ ދުވަހެއްގައި ވެސް އޭނާ ދިޔައީ 35 މޭލާއި 75 މޭލައި ދެމެދުގެ ރާސްތާއެއް ކަޑައްތު ކުރަމުންނެވެ. އެއަށްފަހު ކައިބޮއެ ހެދުމަށްފަހު އަރާމުކޮށްގެން އަނެއްކާވެސް ޖެހިގެން އަންނަ ދުވަހު ދަތުރަށް ފަށަނީއެވެ. އޭނާގެ މި ދަތުރުގައި އިންގްލޭންޑާއި ނެދަލޭންޑްސް އާއި ޖާމަނީގެ އިތުރުން އޮސްޓްރޭލިއާ ވެސް ހުރަސްކޮށްފައި ވެއެވެ. އަދި ދަތުރުގެ މަންޒިލާއި ހަމައަށް ވާސިލް ވުމުގެ ފަހު މަރުޙަލާގައި އިރުމަތީ އިޓަލީގެ އައްސޭރިން އޭނަ ދަތުރުކުރީ ބޯޓެއްގައެވެ.

އިޓަލީން ބޯޓުގައި ގްރީސްއަށް ފޯރުމުން އަނެއްކާވެސް އޭނާގެ އާއިލާ ދިރިއުޅޭ އެންތަން އަށް ދިއުމަށް ދަތުރުކުރީ ބައިސްކަލުގައެވެ. ކްލެއޯން ދިޔައީ މި ދަތުރުމަތީގައި އޭނާ ކުރި ތަޖުރިބާ ދަތުރުނާމާއެއްގެ ގޮތުގައި ލިޔަމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް އާއިލާއަށް ގުޅައި ދަތުރުގެ ވާހަކަތައް ޙިއްސާކުރަމުން ދިޔަ ކަމަށް ކްލެއޯން ބުނެފައި ވެއެވެ.

"އަހަރެން އާންމުކޮށް މި ދިގު ދަތުރުގައި އަރާމުކޮށްލަން މަޑުކޮށް ޓެންޓު ޖަހައި އުޅުނީ ޖަންގަލިތައް ކައިރީގައި. އެތަންތާ ކޭމްޕު ޖަހައިގެން ކައިގެން ނިދަލުމަށްފަހު އަނެއްކާވެސް ދަތުރު ފަށަނީ. ބައެއް ފަހަރަށް އަހަރެން ދަންނަ ރައްޓެހިން އުޅޭ ހިސާބުތަކަށް ދެވިއްޖެނަމަ އެމީހުންގެ ގެއިން ފެންވަރައި ނިދާލުމުގެ ފުރުސަތުވެސް ލިބޭ. މިގޮތުން ރެސްޓު ނަގަމުން ދިއުމުން ދަތުރުގެ މާބޮޑު ވަރުބަލިކަމެއް އިހުސާސެއް ނުކުރެވޭ،" ކްލެއޯން ކިޔައިދިނެވެ.

ކްލެއޯންގެ މި ދިގު ދަތުރުގެ ފަހު މަންޒިލަށް އޭނާއަށް އާދެވުނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ ބުނެފައިވާ ގޮތުން ގެޔާއި ހަމައަށް ދެވުނުއިރު އޭނާއަށް މަރުޙަބާ ކިޔުމަށް އާއިލާގެ ހުރިހާ މެމްބަރުންނާއި ރަހުމަތްތެރީންގެ އިތުރުން، އޭނާގެ މި ދަތުރާއި މެދު ޝަޢުޤުވެރިވި ނުވެސް ދަންނަ މީހުން ތިއްބެވެ. އޭނާއަށް ހާސިލްވީ ކިހައިވަރެއްގެ ކަމެއްކަން ހިތަށް ގެނެވުނީ އެހިސާބުން ކަމަށް ކްލެއޯން ބުނެފައި ވެއެވެ.

މިހާރު އާއިލާއާއެކު ގްރީސްގެ އެންތަންގައި ހުރި ކްލެއޯން ނޫސްތަކުގައި ބުނެފައި ވަނީ މި ދަތުރަކީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ތަޖުރިބާއެއް ކަމަށެވެ. އަދި މިއީ ހިއްވަރެއް ހުރިއްޔާ އުންމީދެއްވާކަން ސާބިތުކޮށްދިން ކަމެއް ކަމަށާއި، އޭނާ ކުރި މި ތަޖުރިބާއިން އެހެން މީހުންނަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ކްލެއޯން ބުންޏެވެ.

"ކަމެއް ކުރަން އަޒުމެއް ކަނޑައަޅައި އެކަން ހާސިލް ކުރަން ނިންމައިފިނަމަ، އެއީ ނުވާނެ ކަމެއް ކަމަށް ހިތަށް ގެނެސްގެން ނުވާނެ. އަހަރެން އެދެނީ ނާއުންމީދުވެފައި ތިބި މީހުންނަށް އަހަރެންގެ މި ތަޖުރިބާއިން އުންމީދު އާވުން،" ކްލެއޯން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާދެރަކަމެއް

    ވަރަށް ހިތްވަރުގަދަ.

  2. ހުސެންކޮއެ

    އޭނާގެ މި ދަތުރުގައި އިންގްލޭންޑާއި ނެދަލޭންޑްސް އާއި ޖާމަނީގެ އިތުރުން އޮސްޓްރޭލިއާ ވެސް ހުރަސްކޮށްފައި ވެއެވެ.