މަޝްހޫނު މީސްމީޑިއާ މަންސަ، ޓްވިޓާގެ ބައެއް މަޤުބޫލު އެކައުންޓުތަކަށް ހެކަރުންގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ، ޓްވިޓާގެ މުވައްޒަފުންގެ އެހީތެރިކަން ލިބިގެން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓްކްނޮލޮޖީ ޚަބަރު ގެނެސްދޭ ވެބްސައިޓަކުން ހެކަރުންގެ ގްރޫޕުގެ ދެ މީހަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ހަމަލާތައް ހައިޕްރޮފައިލް އެކައުންޓުތަކަށް އަމާޒުކުރީ އެތެރޭގެ މަޢުލޫމާތުތައް ލިބިގެންނެވެ. މިގޮތުން މި މަޢުލޫމާތުތައް ފޯރުކޮށްދީފައި ވަނީ ޓްވިޓާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި، މި މަޢުލޫމާތުގެ ޒަރިއްޔާއިން ވެރިފައިޑް އެކައުންޓުތަކަށް ހެކަރުންނަށް "އެކްސެސް" އެކްސެސް ލިބިފައިވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެކައުންޓުތައް ހެކްކޮށް ހަމަލާ ދިނުމަށްޓަކައި ހެކަރުން ވަނީ ޓްވިޓާ އިން އެހީތެރިކަން ފޯރުކޮށްދިން މުވައްޒަފުންނަށް ފައިސާވެސް ދީފައެވެ. މިކަން ހާމަވާ ބައެއް ސްކްރީންޝޮޓްތައް ވެސް ވެބްސައިޓުން އާންމުކޮށްފައި ވެއެވެ.

ބުދަ ދުވަހު ހެކަރުން ހަމަލާދިން އެކައުންޓުތަކުގެ ތެރޭގައި ހިމެނެނީ ޓްވީޓާއިން ވެރިފައިކޮށްފައިވާ އެކައުންޓުތަކެވެ. އޭގެތެރޭގައި މައިކްރޮސޮފްޓްގެ ބާނީ، ބިލް ގޭޓްސް އާއި ޓެސްލާ އަދި ސްޕޭސް އެކްސްގެ ސީއީއޯ އެލަން މަސްކް އާއި އެމެރިކާގެ މަޝްހޫރު މޮޑެލް، ކިމް ކާޑޭޝަން އާއި އެޤައުމުގެ ވެރިކަމަށް ކުރިމަތިލާ ޖޯއި ބައިޑެންގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޓްވީޓާ އެކައުޓު ހިމެނެއެވެ.

ހެކަރުންގެ ހަމަލާ ބޮޑެތި ބައެއް ޓްވީޓާ އެކައުންޓުތަކަށް އަމާޒުވެފައި ވާއިރު، އެ އެކައުންޓުތައް މެދުވެރިކޮށް ސްކޭމް ޓްވީޓުތަކެއް ވަނީ ކޮށްފައެވެ. މިގޮތުން އޮޅުވާލައިގެން ފައިސާ ހޯދުމަށް، "ގިވްއަވޭ" އެއް ކަމަށް ބުނެ ބިޓްކޮއިން އެޑްރެސް އަކަށް ފައިސާ ޖަމާކުރުމަށް އެދި މި އެކައުންޓުތަކުން ހެކަރުން ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ، ޓްވީޓު ކުރާތާ 30 މިނެޓު ތެރޭގައި އެ އެޑްރެސް އަށް ފޮނުވާ ފައިސާ ދެގުނަ ކުރުމަށްފަހު އަނބުރާ ލިބޭނެ ކަމަށެވެ.

މި ސްކޭމްގެ ސަބަބުން ގިނަ ބަޔަކު ހެކަރުންގެ ބިޓްކޮއިން އެޑްރެސް އަށް ފައިސާ ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 30 މިނެޓެއްހާއިރު ތެރޭ އެ އެޑްރެސް އަށް އެއްލައްކަށް އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ފޮނުވާފައިވާ ކަމަށް ވެއެވެ.

މި ވަރުގަދަ ހަމަލާ އާއި ގުޅިގެން އެމެރިކާގެ އެފްބީއައި އާއި އެހެން ބައެއް އިދާރާތައް ގުޅިގެން މިހާރު ވަނި ތަހުޤީޤެއްވެސް ފަށާފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި އެފަރާތްތަކުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.