ކުރިޔަށްއޮތް ތިން މަސް ތެރޭގައި ކޮވިޑް-19 އަށް ފަރުވާއެއް ހޯދޭނެ ކަމަށް އެމެރިކާގެ ނޭޝަނަލް ހެލްތް އިންޓިޓިއުޓްގެ ޑިރެކްޓަރ، ޑރ. ފްރޭންސިސް ކޮލިންސް ވިދާޅުވެއްޖެ އެވެ.

ޑރ. ކޮލިންސް މިގޮތަށް ވިދާޅުވެފައި މިވަނީ، ކޮވިޑްގެ ފަރުވާއެއް ނުވަތަ ވެކްސިނެއް އެންމެ އަވަހަށްވެސް އުފެއްދޭނީ މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް، މީގެ ކުރިން ނޭޝަނަލް ހެލްތް އިންޓިޓިއުޓް އިން ލަފާކޮށްފައި ވަނިކޮށެވެ.

ޑރ. ކޮލިންސް މިކަމާއި ގުޅިގެން ވިދާޅުވެފައި ވަނީ، އެމެރިކާގައި މިހާރު ކޮވިޑް އަށް ފަރުވާއެއް ހޯދުމަށް ކުރާ ގިނަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ކުރިއެރުންތައް ލިބިފައިވާ ދެ ބޭހެއްގެ މަސައްކަތް ކުރިޔަށް އޮތް ތިން މަސް ތެރޭ ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ނަމަވެސް މި ބޭސްތަކަކީ ކޮވިޑަށް އެކަށީގެންވާ ބޭހެއްކަން އެނގޭނީ އިންސާނުން ބޭނުންކޮށްގެން ތަހުލީލުތައް ކުރެވުމުން ކަމަށް އޭނާ ވިދާޅުވެއެވެ.

"މިވަގުތު ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ އެންޓިވައިރަލް ދެ ބޭހެއްގެ މަސައްކަތް ކުރިޔަށް އެބަދޭ. މީގެ ތެރެއިން އެއް ބޭހަކީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ބަލި ހާލަތާއި ބަލީގެ މުއްދަތު ކުރުކޮށްދޭކަން ޔަޤީންކުރެވިފައިވާ ބޭހެއް. އަދި އަނެއް ބޭހަކީ މި ބަލީގައި މަރުވުމުގެ ފުރުސަތު ކުޑަކޮށް، ފުރާނައަށް ނުރައްކާވުން ކުޑަކޮށްދޭކަން ތަހުލީލުތަކުން ހާމަވާ ބޭހެއް،" ޑރ. ކޮލިންސް ވިދާޅުވިއެވެ.

ޑރ. ކޮލިންސް ވިދާޅުވީ މި ބޭސްތައް އުފެއްދުމުގެ އެންމެ މުޙިންމު މަރުޙަލާތައް ފަށަން މިހާރު ތައްޔާރުވަމުން ދާއިރު، ވަރަށް އަވަހަށް ކްލިނިކަލް ޓްރަޔަލްތައް ފެށިގެން ދާނެ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި ބޭހު މަސައްކަތްތައް ނިމި ބޭނުންކުރެވެން ފެށޭނެކަމުގެ އުންމީދު ބޮޑު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ. ކޮލިންސް ވަނީ ކޮވިޑްގެ ފަރުވާއެއް ގޮތަށް ބޭނުންކުރެވޭ ބޭހުގެ އިތުރުން މި ބައްޔަށް ޚާއްސަ ވެކްސިނެއް މިއަހަރުގެ ފަހުކޮޅު ތައްޔާރުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. މިގޮތުން ކުރިއެރުންތައް ލިބިފައިވާ ވެކްސިނެއްގެ ތަހުލީލު، އިންސާނުން ބޭނުންކޮށްގެން މިމަހުގެ ފަހުކޮޅު ކުރިޔަށްގެންދަން ފަށާނެކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ޑރ. ކޮލިންސް ވިދާޅުވީ ވެކްސިން ތަހުލީލު ކުރާނީ އެންމެ ބޮޑަށް ބަލި ފެތުރިފައިވާ ސަރަޙައްދުތަކުން ވޮލެންޓިއަރުން ބައިވެރިކޮށްގެން ކަމަށެވެ. މިގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި 30000 އަށްވުރެ ގިނަ މީހުންނަށް މި ވެކްސިން ދީގެން ތަހުލީލުތައް ކުރިޔަށްގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ކުރިޔަށްދާ ވެކްސިންގެ ކާމިޔާބުކަން ޔަޤީން ކުރެވިއްޖެނަމަ މިއަހަރުގެ ނިޔަލަށް އެތައް މިލިއަން ޑޯޒެއްގެ ވެކްސިން ތައްޔާރުކުމުގެ ޤާބިލްކަން މިހާރު އެބަހުރި. މިއީ މީގެ ކުރިން ދުވަހަކުވެސް މިހައި ކުރު މުއްދަތެއްގައި ވެކްސިނެއް އުފެއްދިފައިވާ މިންވަރެއް ނޫން،" ޑރ. ކޮލިންސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ

    ހަރުކަށީން ބުނަނީ ކީކޭ؟

  2. ރެފްރީ

    މިމީހުންހާދަބޯގަޅިއޭދޯ ؟؟ ތިހެންކިޔަނިކޮށް ޗައިނާމީހުން ތި ފަރުވާވަގަށްގެންގޮސްފާނެކަންނޭގޭ ... އޭރުން ޓުރަމްޕު ވަރަށްކޯފާވާނެ !!