މީސްމީޑިއާގައި ބަލާލި ކޮންމެ ދިމާލަކުން ފެނިގެން ދަނީ ދިވެހި ހުނަރުވެރި ޒުވާނުންގެ ކުޅަދާނަ އުފެއްދުންތަކެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަދުކުރުމުން އެކުލަވާލި ކަރަންޓީން އާޓް ޕޯސްޓިން އާއި ރާއްޖެ އާޓް ޕޯސްޓިން ފަދަ ޕޭޖްތަކަށް ބަންޑުންކޮށްލި ފަންނުތަކުން، ރާއްޖޭގައި ހުނަރުވެރި ޒުވާނުން މަދު ނޫންކަން ކިތަންމެހާވެސް ރަނގަޅަކަށް ހާމަވެގެންދިޔައެވެ. ކުރެހުންތަކާއި ލަވަ އާއި، އަތްތެރި މަސައްކަތާއި މި ނޫނަސް އެތައް ހުނަރުތަކެއް މީސްމީޑިއާ އިން ފެންނަން އެބަހުއްޓެވެ.
މިފަދަ ފަންނުވެރިން ދައްކާލި އެތައް ކުރެހުމަކާއި ފޮޓޯތަކާއި އުފެއްދުންތަކުގެ ތެރެއިން ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް "ލޮނުފެން ސްޓޫޑިއޯ"ގެ ކުރެހުންތަކަށް ލިބުނެވެ. ދިވެހި ސަގާފީ ކުލަތަކާއި، ޒަމާނީ ރަހަ އެކުލެވޭ އެ ކުރެހުންތައް އެހާމެ ސާދާ ވެފައި ރީއްޗެވެ. އަދި އެހާމެ ތަފާތެވެ. ލޮނުފެން ސްޓޫޑިއޯއިން ގެނެސްދިން ފަންނު ވެރި ކުރެހުންތަކުން ފެންނަން ހުރީ ލިޔެލާ އާއި ހިރިގަލުގެ ޑިޒައިނަށް ކުރަހާފައިވާ ކުރެހުންތަކެވެ.
އާދަޔާ ޚިލާފު މި ކުރެހުންތަކަށް ބަލާލުމުން ވެސް އެނގޭ ކަމަކީ މިއީ ކަވި، އެކަމަށް ވަގުތު ހޭދަވާނެ މަސައްކަތެއް ކަމެވެ. މި ކުރެހުންތަކުގެ ފަހަތުގައި ހުރި ކުޅަދާނަ ދިވެހި ޒުވާނެކެވެ.
މާލެ އަށް އުފަން އުމުރުން 35 އަބްދުﷲ ތައުފީގް "ވަގުތަށް" ކިޔައި ދިން ގޮތުގައި އޭނާ އަށް މި މަސައްކަތް ދަސްވުމުގެ ފުރަތަމަ ފިޔަވަޅު އެޅުނު ހިސާބަކީ ގްރޭޑް 5 ގެ އާޓް ކުލާހެވެ. އަދި އޭނާގެ ހުނަރު އާލާކޮށް ދިރުވުމަށް އާޓް ކުލާހުގެ މުދައްރިސުންގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ތައުފީގު ބުނާ ގޮތުން، އުންމީދަކީ މިފަދަ ދިވެހި ސަގާފީ ހުނަރުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ފަވާލެވޭ ފަދަ މަގްބޫލްކަމެއް ހޯދައި ދިނުމެވެ.
" އުންމީދަކީ ކޮންމެވެސް އެއް ދުވަހަކުން ރާއްޖޭގެ ސަގާފީ ކުރެހުމާއި، ޑިޒައިން އަދި ޕެޓަންސް މުޅި ދުނިޔޭގައި މަގްބޫލް އެއްޗަކަށް ވުން. މިހާރު ޗައިނީޒް، ހިންދީ ކަހަލަ ޑިޒައިންސް އޭ ބުނީމަ އެބަ އެނގޭ އެއީ ކޯޗެއްކަން. ބޭނުންވަނީ މޯލްޑިވިއަން ޑިޒައިންއޭ ބުނީމަ އެއީ ކޯޗެއްކަން އެނގޭ މިންވަރަށް މި މަސައްކަތް ކުރިއަށް ގެންދިއުން. އެދުވަސް އެއީވަރަށް ދެކެން ބޭނުންވާ ދުވަހެއް." އޭނާ ބުންޏެވެ.
މިހާތަނަށް އައި އިރު މިފަދަ އެތައް މަސައްކަތްތަކެއް ކޮށްފައިވާ ތައުފީގް ބުނާ ގޮތުން އޭނާ އެންމެ ގިނަ ވަގުތު އެ ކުރެހުމަކަށް ހޭދަ ކުރި ކުރެހުމަކީ މަރްހޫމް ޒީރޯ ޑިގްރީ ނާޝިދުގެ ހަނދާނުގައި ކުރެހި ކުރެހުމެކެވެ.
" ވަރަށް ގިނަ އާޓް ހުރޭ ހަނދާން ހުންނަ. އެކަމަކު އެ ކުރެހުން އެއީ އެންމެ ވަގުތު ވެސް ނެގި ކުރެހުން. އެއީ ޒީރޯ ޑިގްރީގެ އެނގުން ވަނީ ލަވަ ދައްކުވައިދޭ ކުރެހުމެއް. އެ ކުރެހުމުން މުޅި ލަވަ އެއްކޮށް ރަމްޒުކޮށްދޭނެ،" އޭނާ ބުންޏެވެ.
ކުރެހުމުގެ މަސައްކަތުގައި ތައުފީގް ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އިރު މިހާރު އޭނާގެ ކުރެހުންތަކަށް އެތައް ބައެއްގެ ތައުރީފާއި އައްސަރިބަހާއި ސާބަސް ލިބެމުން ދިޔަ ނަމަވެސް މިއީ ކުރިން އެކަން ހިނގަމުން އައި ގޮތެއް ނޫނެވެ. އޭނާ އަށް މި މަސައްކަތުގައި ނޭދެވޭ ކޮމެންޓްތަކުގެ އިތުރުން ހަނގާކުރުން ފަދަ މާޔޫސްކޮށްލާނެ ކިތަންމެ ކަމެއް ދިމާވެފައި އެބަހުއްޓެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން އޭނާ ފަހަތަށް ޖައްސައެއް ނުލެވުނެވެ.
"15 އަހަރު ކުރިން މި މަސައްކަތް ފެށި އިރު ފާޑު ކިޔުންތައް ވަރަށް ގިނަ އަސްލު ބުނާ ނަމަ. ބުނާނެ ތިއީ ހަމަ ލިޔެލާ ޖަހާ މަންޒަރު ކުރެހުމޭ. އެކަމަކު ހުއްޓައެއް ނުލަން. ކުރިއަށް ދިޔައީ. އިތުރަށް އެ މަސައްކަތް ދަސް ވެސް ކުރަމުން ދިޔައީ. ބައެއް ފަހަރު ބުނާނެ އެއް ޑިޒައިނެއް ނޫންހޭ ތި ކުރަހަނީ. ބުލީކުރުމާވެސް ދިމާވި. އެކަމަކު މަހާނަ ގަލާއި ލިޔެލާގައި ހުންނާނީ އެއް ޑިޒައިންތަކެއް." ތައުފީގް ބުންޏެވެ.
މިހާރު ތައުފީގްގެ މަސައްކަތް ގޮސްފައި ހުރި ހިސާބަށް ބެލުމަށް ފަހު ކުޑަ ކުދިންނަށް މި މަސައްކަތް ދަސްކޮށްދިނުމުގެ ޝައުގުވެރިކަން އޭނާގެ އެބަހުރިކަން ތައުފީގް ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ފަންނާނުންނަށް އެތައް ފުރުސަތުތަކެއް އެބަ ހުރި ކަމަށާއި އަމިއްލަ ފުރުސަތުތައް ފަހި ކުރަން، މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ލިބޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އަދި ކެތްތެރިކަމާއެކު މަސައްކަތް ކޮށްފި ނަމަ އަމިއްލަ އުސޫލެއް ގާއިމްކުރެވޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.
ވަރަށް މޮޅު. މާޝާﷲ. އަޖާއިބު އަންތަރީސްވެއްޖެ. ދިވެހިރާއްޖޭގައިވެސް ހަ މަ ހުރިހާ ހުނަރެއް އެބަހުރި. ހުރިހާ އުފެއްދު މެއް އެބަހުރި. އެފާރާތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ. ރާއްޖެ ކުރިއަރަގެންދާނެ. އަލްޙަ މްދުލިއްލާހި.
މިފަދަ ސޮރުތަކަށް މި ގައުމުން ރަނގަޅު ފުރުޞަތު ދޭންވީ.. އޮފީހުގަ ތިބޭ ބޯއީސް ކޮޅަށް މަސައްކަތް ދެންޏާ މިސޮރުމެނަށް ދޭނެ މަސައްކަތެއް ނޯންނާނެދޯ..
ޗީޑި!
މަޗް ޖެލަސް