ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ހަ ވައްތަރެއްވާކަން ސައިންސްގެ ހޯދުންތަކުން ހާމަވެއްޖެ އެވެ.

ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް ސައިންސްވެރިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު މި ހޯދުންތަކާއި ގުޅިގެން އެފަރާތްތަކުން ބުނެފައި ވަނީ، ކޮވިޑް-19 ގެ ހަ ވައްތަރުގައި ފެންނަ ބައެއް އަލާމާތްތައްވެސް ތަފާތުވާ ކަމަށެވެ. އެހެންކަމުން މިއީ މި ބަލިމަޑުކަމާއި ގުޅިގެން މިހާތަނަށް ހޯދުނު އެންމެ މުޙިންމު އެއް ހޯދުން ކަމަށް އެފަރާތްތަކުން ދެއެވެ.

ސައިންސްވެރިން ބުނާގޮތުން ކޮވިޑް-19 ގެ ހަ ވައްތަރެއްވާކަން ހޯދުންތަކުން ހާމަވާއިރު، މި ބަލީގައި އެންމެ ހާލުބޮޑުވާ މީހުންނާއި އެނޫން މީހުން ދެނެގަތުމަށް ދެން ޑޮކްޓަރުންނަށް ފަސޭހަ ވާނެއެވެ. އެއީ ބަލީގައި ފެންނަ ބައެއް އަލާމާތްތަކުން އެމީހަކަށް ޖެހިފައިވަނީ ކޮވިޑްގެ ކޮން ވައްތަރެއްކަން ދެނެގަނެވޭނެތީ އެވެ.

މިކަމާއި ގުޅޭގޮތުން ލަންޑަނުގެ ކިންގްސް ކޮލެޖުގެ ދިރަސާވެރިން ބުނެފައިވަނީ، ކޮވިޑްގެ ތަފާތު ހަ ވައްތަރެއްވާ ކަމާއި އޭގެ އަލާމާތްތައް އެނގުމުން މި ބަލިމަޑުކަމުގައި ދުނިޔެ ދެވަނަ ރާޅެއް ދެކޭހިނދު، ސަލާމަތްކުރެވޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ކޮވިޑްގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގަދަޔަށް ކެއްސުމާއި ކުއްލިއަކަށް ހުންގަދަވުމާއި ވަސްދުވުމާއި ރަހަލުން ގެއްލުމެވެ. ނަމަވެސް ކޮވިޑް-19 ގެ ހަ ވައްތަރުގައި މީގެ އިތުރުން އިތުރު ބައެއް އަލާމާތްތައް ފެންނަކަން ހާމަވެފައި ވެއެވެ.

ކޮވިޑް-19 ގެ ހަ ވައްތަރުންވެސް މި ބަލީގައި އާންމުކޮށް ފެންނަ ހުރިހާ އަލާމާތްތައް ފެންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. މި ހަވައްތަރުގެ ތެރެއިން އެންމެ ނުރައްކާތެރީ 6 ވަނަ ވައްތަރު ކަމަށާއި، ބަލީގެ މި ހާލަތު މެދުވެރިވުމުން ފެންނާނެ އެންމެ ބޮޑު އެއް އަލާމާތަކީ، ކޮވިޑްގެ އެހެން އަލާމާތްތަކާއެކު ބަނޑުގައި ރިއްސުން ކަމަށް ވެސް ދިރާސާގެ އަލީގައި ސައިންސްވެރިން ވަނީ ބުނެފައެވެ.

ދިރާސާގެ އަލީގައި ހޯދުނު ކޮވިޑް-19 ގެ 6 ވައްތަރުން ފެންނަ ބައެއް އަލާމާތްތައް (ތިރީގައިވާ އަލާމާތްތަކުގެ އިތުރުން ކޮވިޑްގެ އާންމު އެހެން އަލާމާތްތައް، މި ހަ ވައްތަރުން ވެސް ފެންނާނެ):

1. ހުން ނެތްނަމަވެސް ހުން އައިސްފައި ހުންނަހެން ހީވުން، ގައިގައި ރިއްސުން
2. ހުންގަދަވުމާއެކު ބޮލުގައި ރިއްސުން، ވާހަކަ ދައްކާއިރު އަޑަށް ބަދަލު އައުން ނުވަތަ އަޑުގައި ތަފާތުކަމެއް ހުރުން، ކާހިތް ނުވުން.
3. ބޭރަށް ހިނގުން، ކާހިތް ނުވުން، ބޮލުގައި ރިއްސުން
4. އާދަޔާއި ޚިލާފަށް ވަރުބަލިކަން އިހުސާސް ކުރެވުން، ނޭވާލާއިރު ކުރަކި ކަމެއް ހުރުން، ބޮލުގައި ރިއްސުން.
5. ކަރުގައި ރިއްސުން، މޭގައި ރިއްސުން، ވަރުބަލިވުން، ވާނުވާ ނޭނގޭފަދަ އިހުސާސް ކުރެވެން ފެށުން، ގައިގައި ރިއްސުން.
6. ބަނޑުގައި ރިއްސުން، ކަރުގައި ރިއްސުން، ކާހިތް ނުވުން، ނޭވާލާއިރު ކުރަކިކަމެއް ހުރުން، ނޭވާކުރުވުން، ބޭރަށްހިނގުން

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް ހުސެން

    އަޗި، އަދި ތިހޯދުނީ ކުޑަމިންވަރެއް. ރަތްލާޖެހި 65 އެބައުޅެ.

    5
    2
  2. ޔެސް

    މީއީ 6 ވައްތަރެއްނުން. މިއީ 6 ސްޓޭޖް.

    9
    2
    • ޑަނިން ކުރޫގާ އެފެކްޓް

      ހަބަރު ނުކިޔާ ކޮމެންޓް. އޭގައި އެވަނީ އެ 6 ވައްތަރުންވެސް ފެންނަ އަލާމާތްތައް. ހަވައްތަރުގެ ވައިރަސް ތަފާތުވަނީ އިންސާނުންގެ ނަސްލުތައް ތަފާތުވާހެން. އެއް ވައްތަރު ފިނިގައުމުތަކުގައި ވެފައި އަނެއް ވައްތަރު ހޫނުގައުމުތަކުގައި ވެދާނެ. އެއް ވައްތަރަށް ބޭނުން ކުރެވޭ ވެކްސިން އަނެއް 5 ވައްތަރަށް މަސައްކަތް ނުކޮށްފާނެ. މިހާތަނަށް މިއީ 6 ވައްތަރު ކަމަށް. އަދި ނޭގޭ މީގެ ކޮންމެ ވައްތަރަކުން އެތަކެއް ތަފާތު ވައްތަރުތަކެއް އުފެދިދާނެ ކަމެއްވެސް.

  3. އެމަންޖެ

    މި ބުއްޅަ ބޭމެން އެއުޅެނީ މި ކުޑަ ކުޑަ ގައުމައް މި ހުރިޙާ ނުރައްކަތެރި ވައްތަރުތައްވެސް ނުގެނެވިގެން. ޑޮލަރާއިގެން ބޫތު ކައިފަ.

    2
    1