ފުރާވަރު ނުވަތަ ޓީނޭޖް ކުދިންގެ ފަރާތުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އެނޫން މީހުންނާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދެކުނު ކޮރެއާގެ ތަޖުރިބާކާރުން އެޤައުމުގައި ކުރިޔަށްގެންދިޔަ މި ދިރާސާގައި ބުނެފައިވާ ގޮތުން އެޤައުމުން ކޮވިޑް-19 އަށް ފައްސިވި ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހިފައިވަނީ ގޭތެރެއިން ކަން އެނގިފައިވާ ކަމަށެވެ. އަދި ޚާއްސަ ގޮތެއްގައި ފުރާވަރު ކުރިންގެ ފަރާތުން ގޭތެރޭގައި ބަލި ފެތުރޭ ނިސްބަތް އިތުރުކަން ދިރާސާއިން ފާހަގަވެފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ 5700 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ދެކުނު ކޮރެއާގައި ކުރިޔަށްގެންދިޔަ މި ދިރާސާގެ ރިޕޯޓް ވަނީ އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ވެބްސައިޓުގައި ވެސް ޝާޢިއުކޮށްފައެވެ.

އެ ރިޕޯޓުގައިވާގޮތުން އުމުރުން ދިހަ އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނަށް ބަލި ޖެހުމަށްފަހު، އެކުދިންނާއި އެކު އުޅެމުންދާ އެހެން މީހުންނަށް ބަލީގެ އަސަރު ފޯރާ މިންވަރު 18.6 އިންސައްތަ އަށް އަރާ ކަމަށެވެ. އަދި ގިނަ މީހުންނަށް މި ބަލި ޖެހެނީ ކުދިންނަށް ބަލި ޖެހޭތާ ދިހަ ދުވަސް ތެރޭގައި ކަމަށް ވެސް ދިރާސާއިން ވަނީ ހާމަވެފައެވެ. މި ދިރާސާއިން އެނގިފައިވާ ގޮތުން ބަލި ފެތުރުމުގެ ފުރުސަތު އެންމެ ކުޑައީ އުމުރުން ދިހަ އަހަރުން ދަށުގެ ކުދިންގެ ފަރާތުންނެވެ.

އެހެންކަމުން ފުރާވަރު ކުދިންގެ ފަރާތުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުވާ ސަބަބާއި، ގޭތެރެއިން މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދުމަށް އިތުރު ދިރާސާތައް ކުރިޔަށް ގެންދިއުމަށް ދެކުނު ކޮރެއާގެ ތަޖުރިބާކާރުން ވަނީ އިދާރާތަކަށް ގޮވާލާފައެވެ.

މި ދިރާސާ ކުރިޔަށް ގެންގޮސްފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް އަލުން ހުޅުވާލުމާއި މެދު ގިނަ ބައެއްގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭހެން، ބައެއް ސިޔާސީ ލީޑަރުން ސްކޫލްތައް އަލުން ހުޅުވަން ބޭނުންވެ ސްކޫލްތަކަށް ޕްރެޝަރު ކުރަމުންދާއިރު، އާންމުންގެ ގިނަ ބަޔަކު އެކަމާއި ދެކޮޅެވެ. ޓްރަމްޕް އަންނަނީ މި ދަނޑިވަޅުގައި ނުހުޅުވާ ސްކޫލްތަކަށް ފަންޑު ނުދޭނެ ކަމަށްބުނެ އިންޒާރުވެސް ދެމުންނެވެ.

ސްކޫލްތައް ހުޅުވަން ސިޔާސީ ފަރާތްތަކުން ބާރުއަޅަމުން ދާއިރު، ދުނިޔޭގައި ބަލި ފެތުރޭ މިންވަރުވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިކަމާއި ގުޅިގެން މި ދަނޑިވަޅުގައި ބައެއް ބޮޑެތި ޤައުމުތަކުގައި ސްކޫލްތައް ހުޅުވައިފިނަމަ ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ.