މިއީ ދެކުނު އަތޮޅަކަށް ނިސްބަތްވާ ފިރިހެނަކަށް ދިމާވި ކަމެއްގެ ވާހަކައެވެ.

މީގެ ސާޅީހަކައަށް އަހަރު ކުރިން ދިމާވި އެ ހާދިސާ ކިޔާދެމުން އޭނާ ބުނީ އޭނާ އެއިރު މަސައްކަތް ކުރަމުން ދިޔައީ ބޯޓެއްގައި ކަަމަށެވެ. އެއިރު އޭނާގެ އެންމެ ބޮޑު ދެ ދަރިންވެސް ވަރަށް ކުޑައެވެ.

އެރެއަކީ ހަނދުވަރުދީފައިވާ ރެއެކެވެ. ބޯޓުގައި މަސައްކަތު އުޅުމަށްފަހު ގެއަށް އައިސް އޮށޯތީ ނިދާލާށެވެ. ބޭރުގެ އުނދޯލީގައި ނިދަން އޮށޯވެ އޮއްވާ ދެ މީހަކު އައިސް އޭނާއަށް ގޮވިއެވެ. އަދި ބޭރަށް ވާހަކަދައްކާލަން ދާން އައުމަށް އެދުނެވެ. އެ މީހުން އެގޮތަށް ބުނެފައި ދިޔައީއެވެ. އޭނާ އެއިރު ލައިގެން ހުރި މުންޑު ރަނގަޅު ކުރަމުން މަޑުމަޑުން ގެއިން ނުކުތެވެ.

އެއިރު ގަނޑިން ގާތްގަނޑަކަށް 12:00 ޖަހާނީއެވެ. އެރެއަކީ ރީތި ހަނދުވަރެއް ދީފައިވާ ރެއެއްކަމުން ވަަރަށް ބޮޑަށް މަގުމަތިވެސް އައްޔެވެ. އޭނާ މަޑުމަޑުން ހިނގާފައި ދަނިކޮށް، ކުރިމަތީގައި އޭނާގެ އިންތިޒާރުގައި ތިބި މީހުން ގޮވާލިއެވެ. އަދި ތި އަންނަނީ ގޭގައި ތިބި ކުޑަކުދިން ކޮޅު ގޮވައިގެންތޯ ސުވާލުކުރިއެވެ. އެ މީހުން އެގޮތަށް ބުނިނަމަވެސް، އޭނާ އަޅައެއް ނުލިއެވެ.

ކޮބައި ދެންމެ ގެނައި ކުއްޖާ؟. އެތަނުން މީހަކު ސުވާލުކުރިއެވެ.

ކީކޭތަ ތިކިޔަނީ ތިކިޔާ އެއްޗެއް ރަނގަޅަށް ކިޔާބަލަ؟. އޭނާ ބުންޏެވެ.

ތި އައި މަގުމަތީ ފަހަތުގައި ހުއްޓޭ ކުއްޖެއް. ޖެހިގެން ކަހަލަގޮތަކަށް ހަމަ ހުރީވެސް. ހިނގާބަ އެހެރަ ކެޔޮގަނޑު ތެރެ ބަލާލަން އެ ކުއްޖާ ފެނޭތޯ؟ އެތާގައި ހުރި މީހަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި، އޭނާއައީ އެކަންޏެވެ. އޭނާގެ ދަރިންތައްވެސް ތިބީ ނިދާފައެވެ. މިގޮތަށް ހަމަލޮލުން އެ ކުއްޖާ ފެނުނު ތިން މީހުން ބިރުގަތެވެ، އެއިރު އެތަނުގައި އަންހެނަކުވެސް ހުއްޓެވެ. އެ އަންހެން މީހާ ބިރުން ވަގުތުން ގެއަށް ވަނެވެ. އަނެއް ދެ މީހުން ދިޔައީ ބޯޓާއި ދިމާލަށެވެ. ދެން އެތާގައި ހުރީ އޭނާ އެކަންޏެވެ. އެ މީހުންގެ އުޅުމާއި ވާހަކަަތައް ހުރިގޮތުން އޭނާ އަޅާނުލާ އެނބުރި އައީ ގެއަށެވެ. އެއްވެސް ބިރުވެރިކަމެއް ހިތުގައި ނެތެވެ.

އިހުޒަމާނުގައި ބައެއް މީހުން ބުނާގޮތުގައި އެކަހަލަ ކަމެއް ދިމާވެއްޖެނަމަ ނުނިދައި އުޅުމަށް އަންގަައެވެ. އޭނާ ގޮސް ގޮވީ ބައްޕައަށެެވެ. އަދި ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަ ބައްޕައަށް ކިޔާދިނެވެ.

ބައްޕަ އޭނާ ކައިރީ އިރުކޮޅަކު ހޭލާ އިނުމަށްފަހު އެދުނީ ނިދަން ދިޔުމަށެވެ. އޭނާ ގޮސް އޮށޯތީއެވެ. ބައްޕަ އޮތީ ނުނިދައެވެ.

އަނެއް ދުވަހުގެ ހެނދުނު އިރުއެރިއިރު ރަށު ތެރޭގައި ދެކެވެމުންދިޔައީ ރޭ އެ ކުޑަކުއްޖާ ފެނުނު އަންހެން މީހާ ހުންއައިސްގެން އުޅޭ ވާހަކައެވެ. ތިން ރޭ ވަންދެން އޭނާގެ ހުންގަނޑު ހުއްޓެވެ. އެކަމުން އޭނާ ސަލާމަތެއް ނުވިއެވެ. އެންެމެ ފަހުން އޭނާ އެ ރަށުން ފައިބައިގެން އެހެން އަތޮޅަކަށް ދިރިއުޅުން ބަދަލުކުރީއެވެ. އޭގެ ފަހުން އޭނާ އެއްވެސް ވަރަކަށް އެރަށަށް އައިސްފައެއް ނުވެއެވެ.

އެ ކުއްޖާ ލޮލަށް ފެނުނު ދެން ތިބި ދެ މީހުން އެރޭ ލޯންޗުގައި ކޮންމެވެސް ތަނަކަށް ދިޔައީއެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ކުއްޖާ ފެނުނު އެކަކު ކުއްލި ގޮތަކަށް ނިޔާވިއެވެ. އޭނާ ނިޔާވީ ސީދާ އެހެންވެގެންކަމެއް ބުނާކަށް ނޭގޭކަމަށް ވާހަކަ ކިޔައިދިން މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖޮއްބެ

    މިއަކުން ހަމަ ތަނެއް ދޮރެއް ނޭނގުނު.....!!!

  2. ޒުވާނާ

    ކިހިނެކޯމިވީ ދެން... މަހަމަ ކޮސް

  3. ސަންޕަ

    ދަރިފުޅާ، ތިވަރުން ވާހަކަ ދިޔަން ހަދާނެ ކަމެއްނެތް. އެއްވެސް އޮއްޓަރެއްނެތް، ދެން ހަމަ އެއްޗެއް ލިޔުނިއްޔޭ ބުނަން ލިޔެލީ ދޯ.

  4. Anonymous

    ތި ގަބޫލުކުރާނީ ސިކުނޑީގަ ދަމިލަޖަހާފަތިބޭ މީހުން

  5. ޙސނ

    މިދެން މާބިރުވެރި ވާހަކައެއްތަ؟

  6. މުންކޮ

    މިއީ އެހާ އޮއްޓަރު ހުރި ވާހަކައެއްނޫން. އެދުވަސްވަރު ލޯންޗް ހުރޭތޯ.؟

  7. ނޯ ނޭމް

    ވާހަކައެއް ގޮތަށް ގެނެސްފަ އިންނަމަ ސަޅިވީސް.

  8. ހުވަދޫ

    ހެޔޮނުވާނެ ކޮއްކޮމެން ލިިޔާނެ އެއްޗެއް ނެތިއްޔާ ނުލިޔެބަލަ އެއްޗެއް.....ބޯހަލާކު.