ބޮލީވުޑް އެކްޓަރު އަރުޖުން ކަޕޫރް ބެލުންތެރިންނާއި ހަމައަށް އެންމެފަހުން ފެނިގެން ގޮސްފައިވަނީ އަނިލް ކަޕޫރާއިއެކު އޭނާ ކުޅުނު ފިލްމު "މުބާރަކަން" އިންނެވެ. އަނެއްކާވެސް މިއޮތީ އޭނާގެ ފިލްމަކަށް އިންތިޒާރުކުރާ އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ. ރާޖްކުމާރު ގުޕްތާގެ ފިލްމަކުން އޭނާ ވަރަށް އަވަހަށް ފެންނާނެ ޚަބަރު އަރުޖުން މިވަނީ އާންމު ކޮށްފައެވެ.

"އިންޑިއާސް މޮސްޓް ވޯންޓެޑް" ގެ ނަމުގައި އުފައްދާ މި ފިލްމުން އަރުޖުން ފެނިގެންދާނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އަރުޖުންގެ މި ފިލްމާއި ގުޅޭ މައުލޫމާތު އާންމުކުރަމުން އޭނާ ބުނެފައިވަނީ މިފަދަ ވާހަކައެއްގެ މައްޗަށް، އަމުދުން އިންޑިއާ ފަޚްރުވެރިވާނެ ފަދަ ފިލްމެއް ކުޅެން ލިބޭތީ އުފަވާ ކަމުގައެވެ.

 

"މިއީ ޓެރަރިސްޓް ހަމަލާތަކެއް ލިބެމުންދިޔައިރު އަހަރެމެން ސަލާމަތް ކުރުމަށް މަސައްކަތްކުރި ފަރާތްތަކަށް އޮތް ޓްރިބިއުޓެއް" އަރުޖުން ބުނެފައިވެއެވެ.

ބޮލީވުޑްގައި އަރުޖުން މަސައްކަތްކުރާތާ މިއަދަށް ހަ އަހަރުވެފައިވާއިރު، އޭނާ އެންމެ ފުރަތަމަ ބެލުންތެރިންނާއި ހަމައަށް އައިސްފައިވަނީ ފިލްމު "އިޝާގްޒާޑް" އިންނެވެ.

"މިއަދު މިއީ ވަރަށް އުފާވެރި ދުވަހެއް. މި ހަ އަހަރުދުވަސްތެރޭ އަބަދުވެސް ސަޕޯޓް ދީ، ލޯތްބާއި އަޅާލުމާއި އިޚްތިރާމް ދިން ފޭނުންނަށާއި ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މީ ވަރަށް ރަނގަޅު ޖާރނީއެއް ގޮތަށް އަހަރެން ދެކެނީ. މި ހަ އަހަރުދުވަހުގެ އެއްވެސް ކަމެއް ރިގްރެޓިން އެއް ނޫން" ބޮލީވުޑްގައި ހޭދަވި ހަ އަހަރާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވެއެވެ.

އަރުޖުންގެ މި ފިލްމުގެ ޝޫޓިންތައް ދިއްލީ އަދި ނޭޕާލުގައި ކުރަން ހަމަޖެހިފައިވާއިރު، މި ފިލްމު ބެލުންތެރިންނާއި ހަމައަށް ފެންނާނީ އޯގަސްޓްމަސް ހިސާބުގައި ކަމަށް މައުލޫމާތު ލިބެއެވެ.